އަމީނިއްޔާ ސްކޫލަށް 77 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރެއިން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެ ސްކޫލްގެ ދަރިވަރުންނާއި މުދައްރިސުންގެ އިތުރުން ކުރީގެ ދަރިވަރުން ރުއް އިންދައިފިއެވެ. އަމީނިއްޔާ ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ފާތުމަތު ހިލްމީ ވިދާޅުވީ އަހަރީ ދުވަހާ ގުޅިގެން ގަސް އިންދުމުގެ ހަރަކާތް ކުރިއަށް ގެންދިޔައީ އެ ސްކޫލަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ފެށި " ގޯ ގްރީން" ޕްރޮގްރާމުގެ ތެރެއިން ކަމަށެވެ. އޭނާ ވިދާޅުވީ އެޗްޑީސީއާ ގުޅިގެން އެދުވަހު، 150 ރުއް އިންދާފައިވާ ކަމަށެވެ.
" ރުއް އިންދުމުގެ އިތުރުން 150 ގަސް ވެސް އަޅުގަނޑުމެން ވާނީ، އެދުވަހު އެޗްޑީސީގެ ނާސަރީއަށް ހަދިޔާކޮށްފައި"
ޕްރިންސިޕަލް ފާތުމަތު ހިލްމީ ވިދާޅުވިއެވެ.
ރުއް ފިޔަވައި އެހެން ގަސްތަކަކީ އެ ސްކޫލްގެ ބެލެނިވެރިން ހަދިޔާ ކުރި ގަސްތަކެވެ.
ހަމައެކަނި އަންހެން ކުދިންނަށް ޚާއްސަ ކުރެވިގެން ކިޔަވައިދޭން ފެށި އަމީނިއްޔާ ސްކޫލްގައި، ދެ ޖިންސަކަށް ކިޔަވައިދޭން ފެށިތާވެސް މިހާރު ވަނީ ދިހަ އަހަރަށްވުރެ އިތުރުވެފައެވެ.
ދެހާހަށްވުރެ ބޮޑު އާބާދީއެއް ކިޔަވަމުންދާ އަމީނިއްޔާ ސްކޫލްގެ އަހަރީ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް އިއްޔެ އެ ސްކޫލްގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ތަފާތު ކުޅިވަރު ހަރަކާތްތައް ހިމެނެއެވެ.
އަމީނިއްޔާ ސްކޫލުގެ އަހަރީ ދުވަހަކީ 28 ނޮވެމްބަރު 1944 އެވެ.
advertisment
ހިޔާލު