އެގްރޯނެޓް "ސްކޫލް ގާޑްނިންގ ޕްރޮގްރާމް"ގެ ދަށުން ކަނޑޫދޫ ސްކޫލްގައި ހެއްދި ދަނޑުވެރިކަމުގެ ބާވަތްތައް މާރުކޭޓަށް ނެރެން ފަށައިފިއެވެ.
އެގްރޯނެޓުން ބުނީ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފެށި މި ޕްރޮޖެކްޓުގެ ދަށުން ކަނޑޫދޫ ސްކޫލްގައި ހައްދަން ފެށި ބާވަތްތަކުގެ ތެރެއިން މިހާތަނަށް ބާޒާރަށް ނެރެފައި ވަނީ ލެޓިއުސްކަމަށެވެ. ލެޓިއުސްގެ އިތުރުން ކޮޕީފަތާއި ޒުވާރިއާއި ބާމިޔާއާއި ބަށިވެސް އެ ސްކޫލްގައި ވަނީ ހައްދާފައެވެ.
ކަނޑޫދޫ ސްކޫލުން ބާޒާރަށް ފުރަތަމަ ނެރުނީ 12 ބޮނޑި ލެޓިއުސްއެވެ. ވިއްކީ ބޮނޑިއެއް 20 ރުފިޔާއަށެވެ.
ކަނޑޫދޫގައި ހުންނަ އެގްރޯނެޓްގެ ކޯޓިނޭޓަރު ވިދާޅުވީ، ހެއްދި ލެޓިއުސްގެ ތެރެއިން ކެނޑީ މަދުއަދަދެއްގެ ލެޓިއުސްކަމަށާއި، އިތުރު ނެޓިއުސް ވަރަށް އަވަހަށް ކަނޑާނެކަމަށެވެ. ލެޓިއުސް ވިއްކައިގެން ލިބުނު ފައިސާ ވަނީ ކަނޑޫދޫ ސްކޫލާ ހަވާލުކޮށްފައެވެ. އެ ފައިސާ ބޭނުންކުރަނީ އެ ސްކޫލްގައި ދަނޑުވެރިކަން ފުޅާކުރުމަށެވެ.
ކަނޑޫދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ވަހީދު ވިދާޅުވީ ބާޒާރަށް ނެރުނު ލެޓިއުސް ވިއްކީ އެރަށަށް ކަމަށާއި، ކުރިއަށް އޮތްތަނުގައި މާލޭގެ ބާޒާރަށް ނެރެވޭ މިންވަރަށް އުފެއްދުންތައް އިތުރުކުރާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ފަނަރަ ދުވަހުގެ ތެރޭގައި ކޮޕީފަތް ވިއްކަން ނެރޭނެ ކަމަށް ޕްރިންސިޕަލް ވަހީދު ވިދާޅުވިއެވެ.
" މި މަސައްކަތް ކުރަނީ ދަރިވަރުންލައްވައި، ވަރަށް ޝަޢުޤުވެރިކަމާއެކު ކުރާހިތުން އެ ކުދިން މި މަސައްކަތް ކުރަމުންދަނީ"
ގާޑްނިންގ ޕްރޮގްރާމަށް ދަރިވަރުންގެ އޮތް ޝަޢުޤު ވަހީދު ވިދާޅުވެދެއްވިއެވެ.
މިއީ އެގްރޯނެޓުން ހިންގާ މިފަދަ ފުރަތަމަ ޕްރޮގްރާމް ކަމަށްވެފައި، ދަރިވަރުންގެ ޝައުގުވެރިކަން އިތުރުވެފައި ވާތީއާއި، މުސްތަޤުބަލަށްޓަކައި ޒުވާން ދަނޑުވެރިން އުފެއްދުމުގެ ގޮތުން މިޙަރަކާތް އިތުރަށް ފުޅާކުރުމުގެ ވިސްނުން އެބައޮތްކަމަށް އެގްރޯނެޓުން ބުނެއެވެ.
"މިކަމަށް ބޭނުންވާ ދިރާސާތަކާ އެންމެހާ ރޭވުންތައް، މިކޯޕަރޭޝަންގެ ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުން ގެންދަވަނީ ކުރައްވަމުން"
އެގްރޯނެޓުގެ ފޭސްބުކްޕޭޖްގައި ބުނެފައިވެއެވެ.
"ސްކޫލް ގާޑްނިންގ ޕްރޮގްރާމް" ފުރަތަމަ ތަޖުރިބާ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުމާ ގުޅިގެން ކަނޑޫދޫ ސްކޫލުގެ ވެރިންނަށާއި އެދުރުންނަށާއި ދަރިވަރުންނާއި ބެލެނިވެރިންނަށް އެކުންފުނިން ވަނީ މަރްޙަބާއާއި ޝުކުރު އަދާކޮށްފައެވެ.
advertisment
ހިޔާލު