ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޖާގަދޭން ހުރަވީ ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށަނީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ކުދިންނަށް ޖާގަދޭން ހުރަވީ ސްކޫލްގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށަން ނިންމާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެމުން ގެންދާއިރު، އެތަނުގައި ސްކޫލްތައް އިމާރާތް ކުރެވެންދެން އެތަނުގައި ދިރިއުޅޭ ކުދިންނަށް ސްކޫލަށް ދެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެ ވަނަ ފިޔަވަހީގައި ދިރިއުޅޭ ދަރިވަރުންނަށް ފުރަތަމަ ފިޔަވަހީގައި މިހާރު ހުރި ސްކޫލްތަކުން ޖާގަ ހަމަޖެއްސުމުގެ ގޮތުން މިހާރު އެއް ދަންފަޅިއަށް ކިޔަވައިދެމުން ގެންދާ ހުރަވީ ސްކޫލުގައި އަންނަ ޓާމުން ފެށިގެން ދެ ދަންފަޅިއަށް ކިޔަވައިދޭން ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދެ ދަންފަޅިއަށް ހުރަވީ ސްކޫލް ބަދަލުކުރުމުން 1500 ޖާގަ އިތުރުވެގެންދާނެ ކަމަށެވެ.

މާލެ ސްކޫލުތަކުގައި މިހާރު ކިޔަވަމުންދާ ކުދިން ސްކޫލަށް ގޮސްއައުމަށް ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމަށް މިނީ ބަސް ބާއްވައިގެން ބަހުގެ ޒަރިއްޔާއިން ސްކޫލުތައް ހުޅުވެންދެން އެކުދިން މިހާރު އުޅޭ ސްކޫލަށް އައުމުގެ ފުރުސަތު ދޭން ނިންމާފައިވާ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސްކޫލުތައް އިމާރާތް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް ދާކަމަށާއި، ސަލާހުއްދީން ސްކޫލުގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަނުން ކުރިއަށް ގެންދާކަމަށެވެ. އަދި ކޮންޓްރެކްޓާ ފައިނޭންސިންގެ އުސޫލުން އާރުސީސީއާއި ހަވާލުކޮށްގެން ސްކޫލެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި އިތުރު ދެ ސްކޫލެއް އިމާރާތް ކުރުމަށް ކޮންޓްރެކްޓަރުން ހޯދުމަށް މިހާރު އިއުލާން ކޮށްފައިވާނެކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *