އަންނަ ހަފްތާއިން ފެށިގެން މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު މަސައްކަތް ކުރައްވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މިއަދު ވިދާޅުވެއްޖެއެވެ.
މަޑުއްވަރީ ސްކޫލުގައި ޕްރިންސިޕަލަކު ނެތި ގިނަ ދުވަސްތަކެއް ވެފައިވާކަމަށް ވިދާޅުވެ، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު އުމަރު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވީ، އެ ސްކޫލުގައި ހުންނެވި ދާއިމީ ޕްރިންސިޕަލް އިސްތިއުފާ ދެއްވުމާ ގުޅިގެން ޕްރިންސިޕަލަކު ހޯދަން ތިން ފަހަރެއްގެ މަތިން އިއުލާން ކުރި ކަމަށެވެ. އެންމެ ފަހު ފަހަރު ކުރި އިއުލާނާ ގުޅިގެން ކުރިމަތިލި ފަރާތްތަކާ އިންޓަވިއުކޮށް، ޕްރިންސިޕަލަކު އެ ސްކޫލަށް ކަނޑައަޅާފައިވާ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެޑިޔުކޭޝަން މިނިސްޓަރ އާއިޝަތު ޢަލީ. ފޮޓޯ: ރައްޔިތުންގެ މަޖިލިސް
މިނިސްޓަރ ވިދާޅުވީ މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން ދެ ފަހަރެއްގެ މަތިން އިއުލާން ކުރި ނަމަވެސް ކުރިމަތިލި ފަރާތްތައް ޝަރުޠު ހަމަނުވާ ކަމަށެވެ.
" ޕްރިންސިޕަލަކަށް ވާން ޝަޢުޤު ހުރި ފަރާތްތަކަށްވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. އެކަން ކާމިޔާބު ނުވެ ތިންވަނަ ފަހަރަށް އިއުލާން ކުރަންޖެހުނީ"
އެޑިއުކޭޝަން މިނިސްޓަރު މިއަދު މަޖިލީހުގައި ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މަޑުއްވަރީ ސްކޫލަށް ހަމަޖެއްސި ޕްރިންސިޕަލުގެ ވަޒީފާ ހަމަޖެހި އަންނަ ހަފްތާގެ ތެރޭގައި އެ ސްކޫލުގައި މަސައްކަތް ކުރެއްވޭ ވަރަށް އިންތިޒާމް ހަމަޖައްސަމުން ގެންދާކަމަށެވެ.
" މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު މިހާރު ވަނީ ހަމަޖެހިފައި. ލަސް ވަނީ ޕްރިންސިޕަލަކަށް ހަމަޖެއްސި ފަރާތް މި ވަގުތު މެލޭޝިޔާގައި ހުންނެވުމުން. "
މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މަޑުއްވަރީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އެންމެ ފުރަތަމަ އިއުލާން ކުރީ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު، އެ ސްކޫލުގައި ހުންނެވި ޕްރިންސިޕަލް އިސްތިއުފާ ދެއްވުމުން އޮގަސްޓް މަހުގެ 18 ވަނަ ދުވަހު ކަމަށެވެ. ޝަރުޠު ހަމަވާ ފަރާތެއް ކުރިމަތި ނުލާތީ، ސެޕްޓެމްބަރު މަހުގެ އަށް ވަނަ ދުވަހު ދެވަނަ އިއުލާނެއް ކުރުމުންވެސް ޝަރުޠު ހަމަވާ ފަރާތެއް ކުރިމަތި ނުލާކަމަށެވެ. ތިން ވަނަ ފަހަރަށް އިއުލާން ކުރީ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
މިނިސްޓަރު ވަނީ ޕްރިންސިޕަލުން ހޯދުމުގައި ދަތިތަކެއް ހުރިކަން މަޖިލީހުގައި ފާހަގަކުރައްވާފައެވެ. ބައެއް ސްކޫލްތަކަށް ދިވެހި ޕްރިންސިޕަލުން ނުލިބޭތީ ބިދޭސީ ޕްރިންސިޕަލުން ވަނީ ހަމަޖައްސާފައެވެ.

advertisment
ހިޔާލު