މުސާރައާ އެއްވަރުގެ އެލަވަންސެއް ދީގެން ދިވެހި ޕްރިންސިޕަލުން މެލޭޝިއާގައި ތަމްރީނު ކުރަން ސްކޮލަރޝިޕަށް ހުޅުވާލައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނެފައި ވަނީ ޕްރިންސިޕަލުން ތަމްރީނު ކުރުމަށް އެ މިނިސްޓްރީގެ ޚަރަދުގައި 20 ސްކޮލަރޝިޕްގެ ފުރުސަތަށް ކުރިމަތިލުމަށް ހުޅުވާލާ ކަމަށެވެ. މި ސްކޮލަރޝިޕްގެ ދަށުން އިނާޔަތެއްގެ ގޮތުގައި ކިޔެވުމުގެ ޚަރަދާއި، މުސާރައާ އެއްވަރުގެ އެލަވަންސަކާއި ދެކޮޅު ޓިކެޓް ދޭން ވަނީ ނިންމާފައެވެ. މި ސްކޮލަރޝިޕްގެ ފުރުސަތު ލިބޭ ފަރާތްތަކާއެކު ވަކި މުއްދަތަކަށް، ކަނޑައެޅޭ ސަރުކާރުގެ ސުކޫލެއްގައި ޚިދުމަތްކުރުމަށް ބޮންޑުކުރެވޭނެ ކަމަށެވެ. ބޮންޑު ކުރެވޭނެ މުއްދަތެއް ބުނެފައެއް ނުވެއެވެ.

މ ސްކޮލަރޝިޕަށް ކުރިމަތިލާނެ އެންމެ ފަހުގެ ތާރީޚެއް ކަމަށް ކަނޑައަޅާފައި ވަނީ އަންނަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުގެ ދޭއްޖެހުމުގެ ކުރިންނެވެ.
އެޑިޔުކޭޝަން މެނޭޖްމަންޓް ދާއިރާއިން މާސްޓަރސް އިން ސްކޫލް އެޑްމިނިސްޓްރޭޝަންއިން ހުޅުވާލި މި ސްކޮލަރޝިޕަށް ކުރިމަތިލެވޭނެ ޝަރުޠެއްކަމަށް ބުނެފައި ވަނީ ކިޔަވައިދިނުމުގެ ރޮނގުން ނުވަތަ ތަޢުލީމީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވުމާއި، ޓީޗަރެއްގެ ގޮތުގައި މަދުވެގެން ފަސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވުމެވެ. އެޑިއުކޭޝަން މިނިސްޓްރީއިން ކުރިން ކިޔެވުމަށް ލޯނެއް ނަންގަވާފައިވާނަމަ ޑީފޯލްޓެއް ނެތި އެ ލޯނެއް ޤަވާއިދުން ދައްކަވަމުންގެންދަވާ ފަރާތެއް ކަމުގައިވުމެވެ. ކޯހަށް ކަނޑައަޅާފައިވާ ދާއިރާއިން މާސްޓަރސް ޑިގްރީ ފެންވަރުގެ ކޯހެއް ނިންމާފައިވާ ފަރާތެއްކަމުގައި ނުވުން ވެސް މި ސްކޮލަރޝިޕުގެ ޝަރުޠުތަކުގެ ތެރޭގައި ހިމަނާފައިވެއެވެ.
ސްކޮލަރޝިޕަށް ހޮވޭ ފަރާތްތައް ކަނޑައަޅާނީ ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމަށްފަހު އެންމެ މަތިން މާކްސް ހޯދާ ފަރާތްތައް ތަރުތީބުކޮށް އެއާ އެއްގޮތަށެވެ. މިގޮތަށް ތަރުތީބު ކުރުމުގައި މީގެކުރިން މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިނުވާ ފަރާތްތަކަށް އިސްކަންދެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެއެވެ.
ކްރައިޓީރިއާ އާ އެއްގޮތަށް މާކްސް ދިނުމުގައި ބަލަނީ، މަސައްކަތުގެ ތަޖުރިބާއަށް 30 އިންސައްތަ، ޕްރެޒެންޓޭޝަނަށް 30 އިންސައްތަ، އިންޓަރވިއުއަށް 40 އިންސައްތައެވެ.
advertisment
ހިޔާލު