ރާއްޖޭގެ ކޮންމެ ސްކޫލަކަށްވެސް އެ ޖަމްޢިއްޔާއާއި ގުޅިގެން ފެންބޯނެ ބިއްލޫރި ފުޅި ހޯދުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަމަށް ދިއްދޫ ކުރިމަގު އެންޖީއޯއިން ބުނެފިއެވެ. އެ ޖަމްޢިއްޔާގެ ރައީސް އަބްދުﷲ މާހިރު، ދަރިވަރު ނޫހަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ އެއްފަހަރު ބޭނުން ކުރާ ޕުލާސްޓިކް ފެންފުޅި ދޫކޮށް ބިއްލޫރި ފުޅި ބޭނުން ކުރަން ފެށުމުން ވެށީގެ ތެރެއިން ގިނަ އަދަދެއްގެ ޕުލާސްޓިކް މަދުކުރެވޭނެކަމަށެވެ. އެހެންކަމުން ކޮންމެ ސްކޫލަކަށްވެސް އެ ޖަމްޢިއްޔާއާ ގުޅިގެން ފުޅި ހޯދުމުގެ ފުރުސަތު ފަހިވެފައިވާކަމަށެވެ.

މިއަހަރުގެ ސެޕްޓެންބަރު މަސްތެރޭ އުފެދުނު މި ޖަމްޢިއްޔާއަކީ ތިމާވެއްޓާއި، ތަޢުލީމާއި، ޓެކްނޮލޮޖީއަށް ޚާއްސަ އިސްކަމެއްދީގެން އެ ދާއިރާތަކަށް އަމާޒުކޮށް ހަރަކާތައް ހިންގާ ޖަމިއްޔާއެކެވެ. އެ ޖަމްޢިއްޔާއިން ގެންދަނީ ފުޅި ބޭނުންވާ ފަރާތްތަކަށް ބިއްލޫރި ފުޅި ހިލޭ ފޯރުކޮށްދެމުންނެވެ. އެ ޖަމްޢިއްޔާގެ ރައީސް އަބްދުﷲ މާހިރު ދަރިވަރު ނޫހަށް މަޢުލޫމާތުދެއްވަމުން ވިދާޅުވީ އެ ޖަމިއްޔާ ވުޖޫދުވުމާއިއެކު ތަފާތު ހަރަކާތްތައް ކުރިއަށް ގެންދާކަމަށެވެ. ދިއްދޫގެ ހުރިހާ މުއައްސަސާއަކަށް މިހާރު ބިއްލޫރިފުޅި ހަދިޔާކޮށްފައިވާކަމަށާއި އަމާޒަކީ އެ ރަށުގެ ކޮންމެ ރައްޔިތަކަށް ބިއްލޫރިފުޅި ހަދިޔާކުރުންކަމަށްވެސް އަބްދުﷲ މާހިރު ވިދާޅުވިއެވެ. އަދި އެރަށުގެ ކްލަބް ޖަމްޢިއްޔާތަކަށްވެސް ފުޅި ދިނުމަށް ނިންމާފައިވާކަމަށް ވިދާޅުވިއެވެ.

ދިއްދޫ ކުރިމަގު އެންޖީއޯއިން ކުރިއަށްގެންދާ ފުޅި ހަދިޔާ ކުރުމުގެ ޕްރޮގްރާމްގެ ދަށުން މާލެ ސަރަހައްދުގެ ބައެއް ސްކޫލުތަކަށްވެސް ވަނީ ފުޅި ހަދިޔާކޮށްފައެވެ. އޭގެ ތެރޭގައި ހުޅުމާލޭ ޣާޒީ ސްކޫލާއި ހުޅުމާލޭގައި ހުންނަ ލިޓްލް ލަރނަރސް ޕްރީ ސްކޫލް ހިމެނެއެވެ. މީގެ އިތުރުން އޯޓިޒަމް ސެންޓަރަށްވެސް ވަނީ ބިއްލޫރި ފުޅި ހަދިޔާކޮށްފައެވެ.
އެ ޖަމްޢިއްޔާގެ ރައީސް ވިދާޅުވީ ފުޅި ބޭނުންވާ ފަރާތްތަކުން އެދިލެއްވުމުން ބިއްލޫރިފުޅި ހިލޭ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށާއި މިހާރުވެސް ގިނަ ސްކޫލުތަކުން އެދެމުންދާކަމަށެވެ.
ދިއްދޫ ކުރިމަގުގެ އަމާޒަށް ވާސިލްވުމަށް އަޅުގަނޑުމެން މި ހިންގާ ހަރަކާތުގައި ރާއްޖޭގެ ހުރިހާ މުއައްސަަސާތަކަށްވެސް ބައިވެރި ވެވޭނެ. އަޅުގަނޑުމެންނާއި ގުޅޭނެ ނަމްބަރަކީ 9405999
އެއްފަހަރު ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ފުޅިތައް މަދުކުރުމުގެ ގޮތުން އެ ޖަމިއްޔާއިން ކުރިއަށްގެންދާ ހިލޭ ބިއްލޫރިފުޅި ފޯރުކޮށްދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް އެރަށުގެ މުދާ އުފުލާ ބޯޓުތަަކަށްވެސް ވަނީ ފުޅި ހަދިޔާކޮށްފައެވެ. އެ ޖަމްޢިއްޔާއިން ބުނާގޮތުން އެއްފަހަރު ބޭނުންކުރެވޭ ޕުލާސްޓިކް ފުޅި އެންމެ ގިނައިން ކަނޑަށް އުކާލެވެނީ ދަތުރު ވެރިންނަށެވެ. އެހެންކަމުން އެ ޖަމްޢިއްޔާއިން ކުރާ މަސައްކަތަކީ ވަށައިގެންވާ ތިމާވެށި ހިމާޔަތް ކުރުމަށް ކުރެވޭ މަސައްކަތެެކެވެ.

އެ ޖަމްޢިއްޔާއިން ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި އެރަށުގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގެ ހުރިހާ ދަރިވަރުންނަށް ސްކޫލުގެ ލޯގޯ ޖަހާފައިވާ ފުޅި ހަދިޔާކުރުމަށްވަނީ ނިންމާފައެވެ.
ބިއްލޫރި ފުޅި ހަދިޔާ ކުރުމުގެ ޕްރޮގްރާމަކީ ކޮންރެޑް މޯލްޑިވްސްއާއި އަނަންތަރާ، ވެލާ، އަދި ރީތިރަށް ރިސޯޓުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަށް ޚާއްސަކޮށް އަނަންތަރާ ރިސޯޓުންނާއި ކޮންރެޑްގެ މެނޭޖްމަންޓުން ވެދޭ އެހީތެރިކަން އެ ޖަމްޢިއްޔާއިން ފާހަގަކުރެއެވެ. ވެލާ އަދި ރީތިރަށް ރިސޯޓުން އެ ޖަމްޢިއްޔާއަށް ފުޅި ހަދިޔާ ކުރަނީ އެ ރިސޯޓްތަކުގައި މަސައްކަތްކުރާ އެރަށުގެ ޒުވާނުންނެވެ.
މި ޕްރޮގްރާމްގެ އިތުރަށް އެ ޖަމްޢިއްޔާއިން ހޭލުންތެރިކުރުމުގެ ތަފާތު ޕްރޮގްރާމްތައްވެސް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ. އެގޮތުން އަންނަ މަހު ރަށްފެހިކުރުމުގެ ޕްރޮގްރާމަކާއި ރަށްގިރުމާއި ގަސް އިންދުމުގެ ޚާއްސަ، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށާނެކަމަށް އެ ޖަމްޢިއްޔާއިން ބުނެއެވެ.
ދިއްދޫ ކުރިމަގު އެންޖީއޯއަކީ 200 ވަރަކަށް މެންބަރުން ހިމެނޭ ޖަމްޢިއްޔާއެކެވެ.
advertisment
ހިޔާލު