ޕަބްލިކް ޕޮލިސީގެ ދާއިރާއިން ސިޕްގަޕޫރުގައި މާސްޓާސް ޑިގްރީއަށް ކިޔެވުމުގެ ފުރުޞަތު ތަޢުލީމާއި މަތީ ތައުލީމާބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
ކޮލަމްބޯ ޕްލޭން ސްކޮލަޝިޕްގެ ދަށުން އަންނަ އަހަރު ކިޔަވަން ހުޅުވާލާފައި ވަނީ ސިންގަޕޫރުގެ ލީ ކުއާން ޔޫ ސްކޫލް އޮފް ޕަބްލިކް ޕޮލިސީގައެވެ. ދެ ފުރުޞަތަށް ހުޅުވާލާފައިވާއިރު، ކިޔެވާނެ ޕްރޮގްރާމްތަކުގެ ތެރޭގައި ތިން ޕްރޮގްރާމެއް ކަނޑަޅާފައިވެއެވެ. އެއީ މާސްޓާސް އިން ޕަބްލިކް ޕޮލިސީއާއި މާސްޓާސް އިން އިންޓަނޭޝަނަލް އެފެއާސްގެ އިތުރުން މާސްޓާސް އިން ޕަބްލިކް އެޑްމިނިސްޓްރޭޝަންއެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ބުނެފައިވާ ގޮތުގައި، މި ސްކޮލަރޝިޕްގައި ހިމެނޭ ދާއިރާތަކުގެ ސަބަބުން، ދައުލަތުގެ ސިޔާސަތުތައް އެކަށައެޅުމާއި ދިރާސާކުރުމުގެ ހުނަރުތަކުގެ އިތުރުން، ބައިނަލްއަގުވާމީ ގުޅުންތަކާއި ޑިޕްލޮމަސީ އަދި ދައުލަތުގެ އިދާރާތައް ހިންގުމާއި ސްޓްރެޓެޖިކް ނިންމުންތައް ނިންމުމުގެ ގާބިލުކަން އިތުރުވެގެންދާނެއެވެ.
މި ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މައިގަނޑު ޝަރުޠެއް ކަމުގައި ބުނެފައިވާގޮތުގައި، ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި ދައުލަތުގެ އިދާރާއެއްގެ ޕޮލިސީ ލެވެލްގައި މަސައްކަތްކުރާ ފަރާތަކަށްވުމެވެ. މީގެ އިތުރުން އިތުރުން ކޮލަމްބޯ ޕްލޭން ވެބްސައިޓްގައި އިތުރު ޝަރުތެއްވާނަމަ އެޝަރުތު ވެސް ފުރިހަމަވާން ޖެހެއެވެ.
މި ސްކޮލަޝިޕަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އަންގާރަ ދުވަހުގެ މެންދުރުފަހު 13:00އެވެ.
އެޕްލިކޭޝަން ހުށަހަޅަންޖެހެނީ މިނިސްޓްރީގެ "ކުރި" ޕޯޓަލް މެދުވެރިކޮށެވެ. އަދި އިތުރު މަޢުލޫމާތު އެ މިނިސްޓްރީގެ ހޮޓްލައިން 1474 އިން އަދި އީމެއިލް މެދުވެރިކޮށް ލިބޭނެކަމަށް ވެސް ވަނީ ބުނެފައެވެ.
advertisment
ހިޔާލު