ޢާއިޝަތު މައިހާ މާހިރު
ދަންވަރުގެ ހަމަހިމޭން ކަމުގެ ތެރޭގައި ދުނިޔެ ނިދީގެ ފޮނި އަރާމުގައި އޮންނަ ވަގުތު، ނިންޖާ ހަނގުރާމަ ކުރަމުން ފޮތްތަކަށް ގެނބިފައި ތިބުމަކީ މިއަދު ގިނަ ދަރިވަރުންގެ ކިބައިން ފެންނަމުންދާ ޢާއްމު މަންޒަރެކެވެ. އެސްފިޔަތަކަށް ބަރުކުރަމުންދާ ނިދި ފިލުވައިލުމަށް ޓަކައި، ކެފެއިންގެ މާއްދާތައް އެކުލެވޭ ސަޔާއި ކޮފީ ބޮއެގެން، ހަށިގަނޑަށް ގަދަކަމުން ހޭލާ ހުރުމަށް މަޖުބޫރުކުރަނީ އިމްތިހާނުން މަތީ ވަނައެއް ހާސިލުކުރުމުގެ ފޮނި އުއްމީދުގައެވެ. ގިނަ ދަރިވަރުންގެ ވިސްނުމުގައި ބިންވަޅުނެގިފައި އޮންނަނީ، ކާމިޔާބީގެ ތަޅުދަނޑިއަކީ 24 ގަޑިއިރު މެދުކެނޑުމެއްނެތި ފޮތްތަކާއެކު ހޭދަކުރާ ހޭދަކުރުން ކަމުގައެވެ. ނަމަވެސް، ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ލިބެންޖެހޭ އަރާމާއި ނިދި ނުލިބި، މާބޮޑަށް ސިކުނޑި ވަރުބަލިވުން ނުވަތަ "ބާންއައުޓް" ވުމަކީ ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމަށް އަދި އިމްތިހާނުގެ ނަތީޖާއަށް ވެސް ނޭދެވޭ އަސަރުކުރުވާ ކަމެކެވެ.
ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެއް ޔުނިވަރސިޓީ ކަމަށްވާ އިމްޕީރިއަލް ކޮލެޖް ލަންޑަންގައި ޖެނޮމިކް މެޑިސިންއިން ޕީއެޗްޑީ ހަދަމުންދާ ދަރިވަރު ޝައިމާގެ ތަޖުރިބާއަށް ބަލާއިރު، ތައުލީމީ ކާމިޔާބީއެއް ހޯދުމެކޭ އެއްވަރަށް އަމިއްލަ ސިއްޙަތާއި ދުޅަހެޔޮކަމަށް އަޅާލުމަކީ ކާމިޔާބީގެ އަސްލު ބިންގަލެވެ. އޭނާގެ ތަޖުރިބާގެ އަލީގައި، ކިޔަވާ ދުވަސްވަރު "ބާންއައުޓް"ވުމުން ސަލާމަތްވުމަށް ދަރިވަރުންނަށް މުހިންމު 5 އިރުޝާދެއް ވަނީ ހިއްސާކޮށްފައެވެ.
1. އަރާމުކުރުމަކީ އިޚްތިޔާރީ ކަމެއްކަމަށް ނުދެކުން
ގިނަ ދަރިވަރުންނަށް ހީވެފައި އޮންނަނީ އަރާމުކުރަން ޖެހޭނީ ހުރިހާ މަސައްކަތެއް ނިމުމުން ކަމަށެވެ. ނަމަވެސް، މިއީ މުޅިން ކުށް ހީއެކެވެ. އެއްވެސް މެޝިނަކަށް ހުއްޓުމެއްނެތި މަސައްކަތް ނުކުރެވޭ ފަދައިން، އިންސާނާގެ ސިކުނޑިއަށް ވެސް އޭގެ ހަކަތަ އިއާދަކުރުމަށް އެކަށީގެންވާ އަރާމު ބޭނުންވެއެވެ.
"ޕީއެޗްޑީ ދަރިވަރެއްގެ ގޮތުގައި، ރަނގަޅު ނަތީޖާއެއް ހޯދުމުގެ ބޭނުމުގައި ލެބޯޓްރީގައި ނުނިދައި ނުކައިނުބޯ ހަފުތާ ބަންދުތައް ހޭދަކުރެވުނު ފަހަރުތައް މަދެއް ނޫން. އެހެންވެ އަރާމު ނުލިބުމުގެ ސަބަބުން، ޖެހިގެން އަންނަ ހަފުތާގައި މަސައްކަތް ކުރެވޭ މިންވަރު އަދި މަސައްކަތުގެ ފެންވަރު މުޅިން ދަށްވޭ. އެހެންވެ، ކިޔަވާ ގަޑިތަކެކޭ އެއްފަދައިން އަރާމުކުރާނެ ވަގުތު ތާވަލުކުރުމަކީ ވަރަށް މުހިންމު ކަމެއް،" ޝައިމާ ބުންޏެވެ.
އެހެންކަމުން، ކޮންމެ ދުވަހަކުވެސް ފޮތްތަކާ ދުރުވެ އަރާމު ކޮށްލާނެ ވަކި ގަޑިއެއް ޚާއްޞަކުރާށެވެ. މިސާލަކަށް ރޭގަނޑު 9:30 ގެ ފަހުން ކިޔެވުން ނިންމާލުމަށް ކަނޑައަޅާށެވެ. އެ ވަގުތު އަންނައިރު ހުރިހާ މަސައްކަތެއް ނުނިމުނު ނަމަވެސް، ފޮތްތައް ލައްޕާލާފައި އަރާމުކޮށްލާށެވެ. އެކަށީގެންވާ ވަރަށް އަރާމުކުރުމުން، ކިޔެވި އެއްޗެހި ސިކުނޑިއަށް ނަގައިގަނެ، ހަނދާނުގައި ހަރުލުމަށް ފަސޭހަވެގެންދެއެވެ.
-
ކިޔެވުމުގެ ބޭރުން އަމިއްލަ ހޮބީއެއް ދެމެހެއްޓުން
ކިޔެވުމަށް އެކަނި ހުސްވެގެން އުޅުމަކީ ސިކުނޑިއަށް ސްޓްރެސް ބޮޑުވާ ކަމެކެވެ. ކިޔެވުމާ މުޅިން ތަފާތު، އަމިއްލަ ހިތްހަމަޖެހުން ލިބޭ ކަންކަން މިސާލަކަށް ކުރެހުން، ފޮތްކިޔުން، ކަސްރަތުކުރުން، ނުވަތަ މިއުޒިކު އިންސްޓްރޫމަންޓެއް ކުޅުމަކީ ސިކުނޑިއަށް ތަފާތު ދިރުމެއް ގެނެސްދޭ ކަންކަމެވެ. ހަމައެކަނި ކިޔެވުމަށް ހުސްވުމަކީ މީހާގެ ވިސްނުން ހަނިވާކަމެކެވެ. އިތުރު ހަރަކާތްތަކަކީ މީހާ ސިންދަފާތުކޮށް، ގުޅުންތައް ބަދަހިކޮށްދޭ އެންމެ މުހިއްމު އެއް އަސާސެވެ. ހަމައެހެންމެ، މިއީ ކިޔެވުމުގެ މާހައުލުން ބޭރުގައި ތިމާއަކީ ކާކުކަން އަންގައިދީ، އަމިއްލަ އައިޑެންޓިޓީ ދަމަހައްޓަން އެހީތެރިވެދޭނެ ކަމެކެވެ.
-
ބޮޑެތި މަސައްކަތްތައް ކުދި ޓާސްކުތަކަކަށް ބަހައިލުން
އިމްތިހާނު ކައިރިވަމުންދާ ވަރަކަށް، ކިޔަންޖެހޭ ފޮތްތަކާއި ނިންމަންޖެހޭ ޕާސްޓް ޕޭޕަރުތަކުގެ ބޮޑުކަން ފެނިފައި ގިނަ ކުދިން ޕެނިކްވެއެވެ. މިފަދަ ހާލަތްތަކުގައި މުޅި ސިލަބަސް އެއްފަހަރާ ނިންމަން އުޅުމުގެ ބަދަލުގައި، މަސައްކަތްތައް ކުދިކުދި ބައިބަޔަށް ބަހާލާށެވެ. މިސާލަކަށް، މުޅި ފޮތް ކިޔުމުގެ ބަލުގައި "މިއަދު މި ޗެޕްޓަރގެ ފުރަތަމަ 2 ސެކްޝަން ކިޔާފައި 1 ޕާސްޓް ޕޭޕަރު ހަދާނީ" ކަމަށް ކަނޑައަޅާށެވެ. މިފަދައިން ކުދިކުދި ލަނޑުދަނޑިތައް ހާސިލުވަމުންދާތަން ފެނުމުން، ސިކުނޑިއަށް ލުއިވެ، ކުރިއަށް ދިއުމަށް އިތުރު ހިތްވަރެއް ލިބިގެންދެއެވެ.
-
އެހީތެރިކަމަށް ބޭނުންވާ ވަގުތު އެހީތެރިކަމަށް އެދުން
ހުރިހާ ކަމެއް އަމިއްލައަށް، އެކަނި ހައްލުކުރަން އުޅުމަކީ "ބާންއައުޓް"ވާން ދިމާވާ އެންމެ ބޮޑު އެއް ސަބަބެވެ. ސްކޫލްތަކާއި ޔުނިވަރސިޓީތަކުގައި ދަރިވަރުންގެ ތައުލީމީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވުމަށް ޚާއްޞަ ޓީޗަރުންނާއި ކައުންސެލަރުން ތިބެއެވެ. ފިލާވަޅެއް ނުވިސްނިގެން ނުވަތަ ސްޓްރެސްވެގެން އުޅޭނަމަ، ޓީޗަރެއް، ޕޭރެންޓެއް، ނުވަތަ ކައުންސެލަރެއްގެ އެހީތެރިކަން ހޯދުމަކީ ލަދުގަންނަންޖެހޭ ކަމެއް ނޫނެވެ. އެއީ މައްސަލައަށް ހައްލު ހޯދަން އެޅޭނެ އެންމެ ރަނގަޅު އެއް ފިޔަވަޅެވެ. އުނދަގޫވާ ހާލަތްތަކުގައި އެފަދަ އެހީތެރިކަން ހޯދުމަކީ އެކަނިވެރިކަން ކެނޑި، ކަންކަން ކޮންޓްރޯލްކުރަން ފަސޭހަވާނެ ކަމެކެވެ.
-
ހުރިހާ ކަމެއް އެންމެ ފުރިހަމަވުމަށް އެދޭ އެދުން ދޫކޮށްލުން
ޝައިމާ ފާހަގަ ކުރާ ގޮތުގައި އަމިއްލަ ގާބިލުކަން ހުރި މިންވަރު ދެނެގަނެ، ކުރެވޭ މަސައްކަތް "އެކަށީގެންވާ ވަރަށް ރަނގަޅު" ކަމަށް ގަބޫލުކުރުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބީ ހޯދުމަށް ކުރުން މުހިއްމު ކަމެކެވެ. ހުރިހާ މާއްދާއަކުން 100 ޕަސެންޓް ނުވަތަ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރަން އުޅުމަކީ މީހާ މާޔޫސްކުރުވާނެކަމެކެވެ. ބައެއްފަހަރު، ލިބެން ހުރި ވަގުތާއި ގާބިލުކަމަށް ބަލައިގެން ރަނގަޅު މިންވަރަކަށް މަސައްކަތް ނިންމާލުމުން ވެސް ފުދޭނެއެވެ. އަމިއްލަ ނަފުސަށް ފާޑު ކިޔައި އެހެން ކުދިންނާއި އަމިއްލަ ނަފުސު އަޅާ ކިޔުމުގެ ބަދަލުގައި، ކުރެވުނު މަސައްކަތާމެދު ހިތްހަމަޖައްސަން މަސައްކަތްކުރާށެވެ. އެހެން ކުދިންނާ އެކު ރޭހުގައި ވާދަކުރަން ނޫޅެ އަމިއްލަ ނަފުސާ ވާދަކުރާށެވެ. ކިތަންމެ ކުޑަ ކުރިއެރުމެއް ލިބުނަސް އެއާ މެދު ފަޙުރުވެރިވާށެވެ.
"ބާންއައުޓް"ވުމުން ސަލާމަތްވުމަކީ ސްޓްރެސް މުޅިން ނައްތާލުމެއް ނޫނެވެ. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ސްޓްރެސް މެނޭޖްކުރުމެވެ. ދުޅަހެޔޮ އާދަތައް އަށަގަންނުވައި، އަމިއްލަ ނަފްސަށް ލޯތްބާއި އަރާމުދީގެން ތައުލީމީ މައިދާނުގައި ކުރިއަށްދިއުމަކީ ކޮންމެ ދަރިވަރަކަށް ވެސް ކުރެވިދާނެ ކަމެކެވެ. ހަޤީޤީ ކާމިޔާބީއަކީ ތިމާގެ ސިއްޙަތު އަނދަވަޅަކަށް ވައްޓައިލައިގެން ހޯދާ ކާމިޔާބީއެއް ނޫނެވެ. ބަދަލުގައި އެއީ ދުޅަހެޔޮ ސިއްހަތަކާއި ހިތްހަމަ ޖެހުމާއެކު ހޯދާ ރަން ވަނަތަކެވެ.
advertisment
ހިޔާލު