ކިޔަވާއިރު ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުވުމަށް ޖަޒްބާތު ކޮންޓްރޯލްކުރަން ދަސްކުރުން

ސަމާ އިބްރާހިމް ދީދީ

ކިޔެވުމުގެ ދައުރަކީ ކޮންމެ އިންސާނެއްގެ ވެސް ޙަޔާތުގައި ވަރަށް މުހިންމު އަދި އެހާމެ ބުރަ މަރުޙަލާއެކެވެ. އިމްތިޙާނުތަކުގެ ޕްރެޝަރާއި، ފިލާވަޅުތައް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް ނަފްސާނީ ގޮތުން އިމްތިޙާނުތަކަކާ ކުރިމަތިލާންޖެހެއެވެ. ވުމާއެކު، ކާމިޔާބު ދަރިވަރަކަށް ވުމަށްޓަކައި ހަމައެކަނި ފޮތްތަކުން ޢިލްމު އުނގެނުމުގެ އިތުރުން، އަމިއްލަ ނަފްސާނީ ދުޅަހެޔޮކަމަށް ސަމާލުކަންދީ، ޖަޒްބާތުތައް ކޮންޓްރޯލްކުރަން ދަސްކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ.

ޖަޒްބާތު ކޮންޓްރޯލް އާއި އޭގެ މުހިންމުކަން

ޖަޒްބާތު ކޮންޓްރޯލް ކުރުމަކީ އިޙްސާސްތައް ފޮރުވުމެއް ނޫނެވެ. އޭގެ މާނައަކީ ކުރިމަތިވާ އެކި ކަންކަމުގައި އަންނަ ރުޅި، މާޔޫސްކަން، ހާސްކަން އަދި ބިރުވެރިކަން ފަދަ ޖަޒްބާތުތައް ދެނެގަނެ، އެ ކަންކަމާ އެދެވޭ ގޮތުގައި ކުރިމަތިލުމެވެ. ކިޔެވުމުގެ ތެރޭގައި ސްޓްރެސް ބޮޑުވާ ވަގުތުތަކުގައި އަމިއްލަ ނަފްސުގެ މައްޗަށް ބާރު ނުފޯރުވިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ސިކުނޑީގެ ވިސްނުމަށާއި، ހަނދާނުގެ ބަޔަށް އަދި ޖުމްލަ ޞިއްޙަތަށް ކުރެއެވެ.

އިސްލާމީ އުޞޫލުތަކުން ހިތްހަމަޖެހުން ހޯދުން

ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި އިސްލާމީ ރިވެތި އުޞޫލުތަކުގައި ހިފެހެއްޓުމަކީ އެންމެ މުހިންމު ފިޔަވަޅެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ހަނދުމަކުރުމާއި، ނަމާދުތަކަށް ރައްކާތެރިވުމަކީ ހިތަށް ފުން ހަމަޖެހުމެއް ގެނެސްދޭނެ ކަމެކެވެ. މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ: "ހިތްތައް ހަމަޖެހެނީ ﷲ ހަނދުމަކުރުމުންނެވެ." އެހެންކަމުން، ކިޔެވުމުގެ ބުރަ ބޮޑުވާ ވަގުތުތަކުގައި ދުޢާކުރުމާއި ކެތްތެރިކަން އިސްކުރުމަކީ ޖަޒްބާތުތައް ހަމައަކަށް އެޅުވުމަށް އެޅޭނެ އެންމެ ވަރުގަދަ ބާރެވެ.

ޖަޒްބާތު ކޮންޓްރޯލްކޮށް، ނަފްސާނީ ދުޅަހެޔޮކަން ހިފެހެއްޓުމަށް ކުރެވިދާނެ ކަންކަން
  1. ވަގުތު ރޭވުން (Time Management): ފިލާވަޅުތައް ފަހަށް ނުބަހައްޓައި، ތާވަލަކާ އެއްގޮތަށް ކަންކަން ކުރުމުން ކުއްލިއަކަށް ކުރިމަތިވާ ހާސްކަމުން ދުރުކޮށްދެއެވެ.
  2. އަވަސް އަރުވާނުލައި އަރާމުކުރުން: އެކަށީގެންވާ ވަރަށް ނިދުމާއި، ކިޔެވުމުގެ މެދުތެރެއިން ކުދި ބްރޭކްތައް ނެގުމަކީ ސިކުނޑި ތާޒާކޮށްދޭ ކަމެކެވެ.
  3. ދުޅަހެޔޮ ކާނާއާއި ކަސްރަތު: ޖިސްމާނީ ދުޅަހެޔޮކަމަކީ ނަފްސާނީ ދުޅަހެޔޮކަމާ ގުޅިފައިވާ ކަމެކެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ހަށިގަނޑުގައި ހުންނަ ނުތަނަވަސްކަން ބޭރުކޮށްލުމަށް އެހީތެރިވެދޭ ކަމެކެވެ.
  4. އިޙްސާސްތައް ޙިއްޞާކުރުން: މާޔޫސްވާ ވަގުތުތަކުގައި މައިންބަފައިންނާއި، އެކުވެރިން ނުވަތަ ޓީޗަރުންގެ އެހީތެރިކަން ހޯދުމަކީ ބޮޑު ލުޔެއް ލިބޭނެ ކަމެކެވެ.
  5. އަމިއްލަ ނަފްސާ ޕޮޒިޓިވްކޮށް ވާހަކަދެއްކުން (Positive Self-Talk): ކިޔެވުމުގައި ދަތި އުނދަގޫ ދަނޑިވަޅުތަކާ ކުރިމަތިވާއިރު "މިއީ އަހަންނަށް ވާނެ ކަމެއް ނޫން" ފަދަ ނޭދެވޭ ވިސްނުންތަކުގެ ބަދަލުގައި، "މަސައްކަތް ކޮށްފިއްޔާ އަހަންނަށް މިކަން ކާމިޔާބު ކުރެވޭނެ" ފަދަ އުންމީދީ ވިސްނުންތައް ސިކުނޑިއަށް ވެރިކުރުވުމަކީ ނުތަނަވަސްކަން ކުޑަކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށްދޭނެ ކަމެކެވެ.
  6. ފުންކޮށް ނޭވާލުމުގެ ކަސްރަތުތައް (Deep Breathing Exercises): އިމްތިޙާނުގެ ވަގުތުތަކުގައްޔާއި، ކުއްލިއަކަށް ހާސްވެ ފިކުރުބޮޑުވާ ވަގުތުތަކުގައި ލަސްލަހުން އަދި ފުންކޮށް ނޭވާލުމަކީ ހިތުގެ ތެޅުން ހަމައަކަށް އަޅުވައި، ނާރުތަކަށް އަރާމު ލިބި، ސިކުނޑީގެ ޖަޒްބާތީ ހަލަބޮލިކަން ކުޑަކޮށްދިނުމަށް ވަގުތުން އެހީތެރިވެދޭ ވަރަށް ފައިދާހުރި އުކުޅެކެވެ.
  7. އިމްތިޙާނުގެ ނަތީޖާއަށް ވުރެ ދަސްކުރުމުގެ މަރުޙަލާއަށް އިސްކަންދިނުން: ހަމައެކަނި "އޭ" ގްރޭޑް ހޯދުމަށް ނުވަތަ އެހެން ކުދިންނާ ވާދަކުރުމަށް މާބޮޑަށް ސަމާލުކަން ދިނުމަކީ ނަފްސާނީ ބިރުވެރިކަން އުފައްދާ ކަމެކެވެ. އޭގެ ބަދަލުގައި، އަމިއްލަ ޤާބިލިއްޔަތު އިތުރުކުރުމަށާއި އައު އެއްޗެއް ދަސްކުރުމުގެ ޝައުޤުވެރިކަން އިސްކުރުމުން، ކިޔެވުމަކީ ސްޓްރެސްއެއްގެ ބަދަލުގައި އުފާވެރި ތަޖުރިބާއަކަށް ބަދަލުވެގެންދެއެވެ.

ޚުލާޞާކޮށް ދަންނަވާނަމަ، ކިޔެވުމަކީ ހަމައެކަނި ފާސްވުމަށް ކުރާ ކަމެއް ނޫނެވެ. އެއީ ދިރިއުޅުމުގެ މައިދާނަށް މީހާ ތައްޔާރުކޮށްދޭ ތަޖުރިބާއެކެވެ. އެހެންކަމުން، ކިޔަވާ ދުވަސްވަރު އަމިއްލަ ޖަޒްބާތުތައް ކޮންޓްރޯލްކުރަން ދަސްކުރުމަކީ ނަފްސާނީ ދުޅަހެޔޮކަން ދަމަހައްޓައި، ދުނިޔެއާއި އާޚިރަތުގެ ކާމިޔާބީ ޙާޞިލުކުރުމަށް ކޮށޭ ވަރަށް މުހިންމު މަގެކެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *