ތަޢުލީމާއި ގުޅިފައިވާ މަސައްކަތްތަކުގެ ތެރެއިން ދަރިވަރުން ރައްކާތެރިކުރުން އަދި ޒިންމާދާރު ޑިޖިޓަލް މާޙައުލެއް ބިނާކުރުމުގައި ދަރިވަރުންނާއި، ބެލެނިވެރިން އަދި މުދައްރިސުންގެ ބައިވެރިވުން ނުހަނު ބޭނުންތެރިއެވެ.
ޢަބްދުﷲ ނަޞީޙް
ސްކޫލުގެ ކިޔަވައިދިނުން ނިމުނު ކަމުގައިވިޔަސް، ދަރިވަރުންގެ ޑިޖިޓަލް މުޢާމަލާތްތަކަކީ މެދުނުކެނޑި ކުރިއަށްދާ ކަންކަމެވެ. ކްލާސްތަކުގެ މެސެޖިންގ ގްރޫޕްތަކާއި، އޮންލައިން ގޭމްތަކާއި، އުނގެނުމަށް ބޭނުންކުރާ ޕްލެޓްފޯމްތަކުގެ އިތުރުން ސޯޝަލް މީޑިއާއަކީ އައު އެކުވެރިކަން އާލާކޮށް، އުނގެނުމަށް މަގުފަހިކޮށްދޭ ވަސީލަތްތަކެކެވެ. މީގެ އިތުރުން މިއީ ސްކޫލްތަކާއި އާއިލާތައް ގުޅިގެން ހައްލުކުރަންޖެހޭ ގޮންޖެހުންތަކެއްވެސް ކުރިމަތިވާ ކަންކަމެވެ.
ޔުނިސެފުން ފާހަގަކުރާ ގޮތުގައި، އޮންލައިންކޮށް ދަރިވަރުންނަށް ކުރިމަތިވެދާނެ ނުރައްކާތަކުގެ ތެރޭގައި ސައިބަރ ބުލީކުރުމާއި، ގެއްލުންދެނިވި މައުލޫމާތު ފެތުރުމާއި، އަދި ނަހަމަ ގޮތުގައި ބޭނުންކުރުން ހިމެނެއެވެ. ޔުނިސެފްގެ އިރުޝާދުތަކުގައި ބާރުއަޅަނީ ޑިޖިޓަލް ޓެކްނޮލޮޖީގެ މަންފާ ދަރިވަރުންނަށް ލިބިދިނުމާއެކު، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ.
އެހެންކަމުން، ސްކޫލްތަކުގެ ދަރިވަރުންނަށް ދެވޭ އެހީތެރިކަމާއި ކިޔަވައިދިނުމުގެ ތެރޭގައި ސައިބަރ ސަލާމަތްތެރިކަން ހިމެނުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަމިއްލަ ނަފްސު ރައްކާތެރިކުރުމަށް ބޭނުންވާ ހުނަރުތަކާއި، އުޅުން ބަހައްޓަންވީ ގޮތުގެ މިންގަނޑުތައް ދަރިވަރުންނަށް އެނގެންޖެހެއެވެ. އަދި ދަތި ކަމެއް ދިމާވާ ހިނދު އިތުބާރު ކުރެވޭ ފަރާތްތަކުގެ އެހީތެރިކަން ހޯދާނެ ގޮތް ދަރިވަރުންނަށް އެނގުމަކީ މުހިންމު ކަމެކެވެ.
ސައިބަރ ސަލާމަތްތެރިކަމާއި ސްކޫލްގެ މާޙައުލާ ހުރި ގުޅުން
ސްކޫލްގެ ތެރޭގައި އޮންނަ ހަރުދަނާ އަޚްލާޤީ މިންގަނޑުތައް ޑިޖިޓަލް މާޙައުލުގައިވެސް ދަމަހައްޓަންޖެހެއެވެ. ކްލާސްރޫމްތަކުގައި ބަހައްޓާ އިޙްތިރާމް، ކްލާސް ގްރޫޕްތަކާއި، އޮންލައިންކޮށް ހިއްސާކުރެވޭ ލިޔެކިޔުންތަކާއި، މަޝްވަރާ ފޯރަމްތަކުގައިވެސް ހިފަހައްޓަންވާނެއެވެ.
ސްކޫލްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުން މުހިންމެވެ. އޮންލައިންކޮށް ކްލާސްކުދިންނަށް ފުރައްސާރަކުރުމާއި، ހުއްދަނެތި ފޮޓޯ ފެތުރުމާއި، ނުވަތަ ގްރޫޕް ޗެޓްތަކުން ބާކީކުރުން ފަދަ ކަންކަމަކީ ފިޔަވަޅު އަޅަންޖެހޭނެ ކަންކަންކަން ދަރިވަރުންނަށް ސާފުކޮށްދޭންޖެހެއެވެ.

ޔުނެސްކޯއިން ބާރުއަޅަނީ ސްކޫލްތަކުގައި ހިނގާ އަނިޔާވެރިކަމާއި، ބުލީކުރުމާއި، ސައިބަރ ބުލީކުރުން ހުއްޓުވުމަށް ތަޢުލީމީ ދާއިރާއާއި މުޅި މުޖުތަމަޢު ގުޅިގެން މަސައްކަތް ކުރުމަށެވެ. ސްކޫލްތަކުން މިކަމަށްޓަކައި ސާފު އުޞޫލުތަކެއް ކަނޑައަޅައި، ދާއިމީކޮށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގައި، މައްސަލަ ރިޕޯޓްކުރެވޭނެ ފަސޭހަ ނިޒާމެއް ގާއިމުކޮށް، އަސަރުކޮށްފައިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ.
ދަރިވަރުންގެ ޑިޖިޓަލް އާދަކާދަތައް ބައްޓަންކުރުން
އެކައުންޓްތަކުގެ ސަލާމަތްތެރިކަމަކީ މިކަމުގައި އެންމެ ފުރަތަމަ ސަމާލުކަން ދޭންޖެހޭ އެއް ކަމެވެ. އެމެރިކާގެ ސައިބަރ ސެކިއުރިޓީ އެންޑް އިންފްރާސްޓްރަކްޗަރ ސެކިއުރިޓީ އެޖެންސީން ލަފާދޭ ގޮތުގައި، ވަރުގަދަ ޕާސްވޯޑް ބޭނުންކުރުމާއި، ޕާސްވޯޑް މެނޭޖަރު ބޭނުންކުރުމާއި، މަލްޓި ފެކްޓަރ އޮތެންޓިކޭޝަން (MFA) ބޭނުންކުރުމުގެ އިތުރުން 'ފިޝިންގް' ނުވަތަ މަކަރާއި ޙީލަތުން މަޢުލޫމާތު ހޯދަން ކުރާ މަސައްކަތްތައް ދެނެގަނެ ރިޕޯޓްކުރަން ދަރިވަރުންނަށް ދަސްކޮށްދޭންޖެހެއެވެ.
ދަރިވަރުން އެކުދިންގެ ޕާސްވޯޑާއި ވެރިފިކޭޝަން ކޯޑުތަކަކީ ސިއްރު އެއްޗެއްގެ ގޮތުގައި ބަލަހައްޓަންވާނެއެވެ. އަދި ތަފާތު އެކައުންޓްތަކަށް ތަފާތު ޕާސްވޯޑް ބޭނުންކުރުމަކީ މުހިންމު ކަމެކެވެ. މަލްޓި ފެކްޓަރ އޮތެންޓިކޭޝަންގެ ސަބަބުން އެކައުންޓަށް ވަނުމުގައި އިތުރު ރައްކާތެރިކަމެއް ލިބިގެންދެއެވެ.
މީގެ އިތުރުން، އޮންލައިންކޮށް ލިބޭ ކަންބޮޑުވާ ފަދަ ލިންކުތަކާއި ފައިލްތައް ހުޅުވުމުގެ ކުރިން ވިސްނާލުމަށް ދަރިވަރުންނަށް ދަސްކޮށްދޭންޖެހެއެވެ. އިނާމެއް ލިބޭކަމަށް ބުނެ ނުވަތަ އަވަސް ފިޔަވަޅެއް އަޅަންޖެހޭކަމަށް ބުނެ، ނުވަތަ ލޮގިން ތަފްޞީލަށް އެދި ފޮނުވާ މެސެޖުތަކުގެ ޞައްޙަކަން ކަށަވަރުކުރަންޖެހެއެވެ. އެން.އައި.އެސް.ޓީ އިން އިރުޝާދު ދޭ ގޮތުގައި، ލިންކުތަކަށް ފިތުމަށާއި، ފައިލް ޑައުންލޯޑް ކުރުމަށް، ނުވަތަ ފައިސާ އާއި އަމިއްލަ މައުލޫމާތު ފޮނުވުމަށް އެދި އަންނަ މެސެޖުތަކަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެއެވެ.
މުދައްރިސުންނަށް މިފަދަ ނުރައްކާތެރި މެސެޖުތައް ދެނެގަންނާނެ ގޮތް، މިސާލުތަކުގެ އެހީގައި ދަރިވަރުންނަށް އަމަލީ ގޮތުން ދަސްކޮށްދެވިދާނެއެވެ.
މީހުންގެ އަމިއްލަ މަޢުލޫމާތު (ޕްރައިވެސީ) ރައްކާތެރިކުރުމަކީވެސް އެހާމެ މުހިންމު ކަމެކެވެ. ދަރިވަރުން ތިބޭ ތަނާއި، ގުޅޭނެ ނަންބަރުތަކާއި، ފޮޓޯ ނުވަތަ އަމިއްލަ ވާހަކަތައް ހިއްސާކުރުމުގެ ކުރިން ފުންކޮށް ވިސްނުމަށް ސްކޫލްތަކުން ބާރުއަޅަންޖެހެއެވެ. އަދި އެހެން މީހެއްގެ ފޮޓޯއެއް އޮންލައިންކޮށް ހިއްސާކުރުމުގެ ކުރިން އެ މީހެއްގެ ހުއްދަ ހޯދުމަކީ އާންމު އުސޫލަކަށް ހަދަންޖެހެއެވެ.
ސައިބަރ ބުލީކުރުމުގެ މައްސަލަތަކަށް ރައްކާތެރިކަމާއެކު އިޖާބަދިނުން
ސައިބަރ ބުލީގެ ޝިކާރައަކަށްވާ ކުދިން، އިތުބާރުހުރި ފަރާތެއްގެ އެހީތެރިކަން ހޯދުމަށް ޔުނިސެފުން އިރުޝާދުދެއެވެ. މީގެ އިތުރުން، އެފަދަ ކަންކަމުގެ ހެކި ރައްކާކުރުމާއި، ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ހުންނަ ރިޕޯޓްކުރުމާއި ބްލޮކްކުރުމުގެ ވަސީލަތްތައް ބޭނުންކުރުމާ ގުޅޭގޮތުންވެސް އެ އިދާރާއިން މަގުދައްކައިދެއެވެ.
ސްކޫލްތަކުން މި ފިޔަވަޅުތައް ދަރިވަރުންނަށް ފަހުމްވާނެ ފަދަ އާދައިގެ ބަހުރުވައަކުން ކިޔައިދޭންޖެހެއެވެ. ގޯނާކުރަނިވި މެސެޖުތައް ލިބޭ ކުއްޖަކަށް، އެހީތެރިކަން ހޯދަން ދާންވީ ކޮން ބޮޑު މީހެއްގެ ގާތަށްކަމާއި، އެފަރާތުން ލިބޭނެ އެހީތެރިކަމަކީ ކޮބައިކަން އެނގެންވާނެއެވެ.
ހާދިސާ ބަޔާންކޮށްދިނުމުގައި ބޭނުންކުރާ ޔޫސަރނޭމްތަކާއި، ތާރީޚުތަކާއި، މެސެޖުތަކުގެ ތަފްސީލު އެހީތެރިވެދޭނެއެވެ. ދަރިވަރުން އެފަދަ ކަންކަމަށް ރައްދު ނުދިނުމަށާއި، ގެއްލުންދެނިވި ތަކެތި ފެތުރުމުގައި ބައިވެރިނުވުމަށް ސަމާލުކަން ދޭންޖެހެއެވެ. ވަކިން ހާއްސަކޮށް، ކުޑަކުދިން ހިމެނޭ ބަދުއަޚުލާގީ މަންޒަރުތައް ފޯނަށް އެޅުމާއި އެހެން މީހުންނަށް ފޮނުވުމަކީ ކުރަންނުޖެހޭނެ ކަންކަމެވެ. އެފަދަ ހާލަތެއްގައި ލަސްނުކޮށް ބޮޑު މީހެއްގެ އެހީތެރިކަން ހޯދަންވާނެއެވެ.
ސްކޫލްގެ މުވައްޒަފުން މިފަދަ ކަންކަމުގައި އަމަލުކުރަންވާނީ އެ ކުއްޖެއްގެ ކަރާމާތް ހިމާޔަތްކުރެވޭނެ ގޮތެއްގެ މަތިންނެވެ. މީގެ ތެރޭގައި މައްސަލައާ ގުޅޭގޮތުން ސިއްރިއްޔާތުގައި ވާހަކަދެއްކުމާއި، މައުލޫމާތު ހިއްސާކުރަންޖެހޭ ފަރާތްތަކަށް އެކަނި މައުލޫމާތު ދިނުމާއި، އަޅާ ފިޔަވަޅުތައް ރައްކާތެރިކަމާއެކު ރެކޯޑުކުރުމާއި، އެ އަމަލު ހުއްޓިފައިވޭތޯ ބެލުން ހިމެނެއެވެ.
ބުލީކުރާ މަންޒަރު ފެންނަ ދަރިވަރުންނަށްވެސް މަގުދައްކައިދޭންޖެހެއެވެ. އެކުދިންނަށް އެކަމުގައި ބައިވެރިނުވުމަށާއި، މައުލޫމާތު ފެތުރުމުން ދުރުހެލިވުމަށާއި، އަނިޔާ ލިބޭ ކުއްޖާއަށް އެހީތެރިވެދީ، އެ މައްސަލަ ރިޕޯޓްކުރުމަށް ބާރުއަޅަންޖެހެއެވެ.

ބެލެނިވެރިންނަކީ މުހިންމު ބައިވެރިންގެ ގޮތުގައި ބަލައިގަތުން
ކުދިން އުނގެނުމަށާއި މުނިފޫހިފިލުވުމަށް ޓެކްނޮލޮޖީ ބޭނުންކުރާ ގޮތް ބެލެނިވެރިންނަށް އޮޅުންފިލުވައިދިނުމަކީ މުހިންމު ކަމެކެވެ. މިގޮތުން ޕްރައިވެސީ ސެޓިންގްސް، އެކައުންޓްތައް ރައްކާތެރިކުރުން، އޮންލައިންކޮށް މީހުންނާ ގުޅުން ބޭއްވުން، ރިޕޯޓްކުރުމުގެ ވަސީލަތްތައް އަދި އަދަބުވެރިކަމާއެކު މުއާމަލާތްކުރުމާ ގުޅޭގޮތުން ހޭލުންތެރިކުރުވުމުގެ ސެޝަންތައް ސްކޫލްތަކުން އިންތިޒާމު ކުރެވިދާނެއެވެ.
އާއިލާގެ ތެރޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމާއި، އޮންލައިންކޮށް ތަކެތި ގަތުމާއި، އަމިއްލަ މައުލޫމާތު ހިއްސާކުރުމުގައި ކުއްޖާގެ އުމުރާ ގުޅޭ އުސޫލުތަކެއް ކަނޑައެޅިދާނެއެވެ. އަދި ކުއްޖާ ބޮޑުވަމުންދާ ވަރަކަށް މި އުސޫލުތަކަށް ބަދަލު ގެންނަންވާނެއެވެ.
ހާމަކަން ބޮޑު ގޮތެއްގައި މުއާމަލާތްކުރުމަކީވެސް ނުހަނު ބޭނުންތެރި ކަމެކެވެ. ކޮންމެ ވާހަކައަކީ ތަހުގީގެއްގެ ގޮތުގައި ނުބަލައި، ކުދިން އޮންލައިންކޮށް ކުރާ ތަޖުރިބާތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް ސުވާލުކުރެވިދާނެއެވެ. ކުއްޖަކު މައްސަލައެއް ހިއްސާކުރުމުން، ކެތްތެރިކަމާއެކު އަޑުއަހައި، އެކަން ހިއްސާކުރީތީ ޝުކުރު އަދާކުރުމަކީ ދެން އަޅާނެ ފިޔަވަޅެއް ދެނެގަތުމަށް އާއިލާއަށް ފަސޭހަވާނެ ކަމެކެވެ.
މީގެ އިތުރުން، ދަރިވަރުންނާ ގުޅުންހުރި މައްސަލަތަކުގައި ބެލެނިވެރިން ޝަކުވާ ހުށަހަޅާނެ ސީދާ ފަރާތެއް ސްކޫލުން ކަނޑައަޅާފައި އޮންނަންވާނެއެވެ.
މުދައްރިސުންނާއި ސްކޫލުތަކުގެ އިސްވެރިން އަހުލުވެރިކުރުވުން
އިންޓަރނެޓުގެ ރައްކާތެރިކަމާ ގުޅޭ ތަޢުލީމު ފޯރުކޮށްދިނުމުގައި މުވައްޒަފުންނަށް ބޭނުންވާ ޢަމަލީ އިރުޝާދުތައް ހިމަނަންވާނެއެވެ. ކަންބޮޑުވާންޖެހޭ ފަދަ ކަމެއް ފާހަގަކުރުމާއި، މަޢުލޫމާތެއް ލިބުމުން އެކަމާ މެދު ޢަމަލުކުރާނެ ގޮތާއި، ކަމާގުޅޭ މަޢުލޫމާތު ރިކޯޑުކުރުމުގެ އިތުރުން، ސްކޫލުގެ އުޞޫލުތަކުގެ ތެރެއިން އެ މައްސަލައެއް ހުށަހަޅާނެ ގޮތް މުދައްރިސުންނަށް އެނގެންޖެހެއެވެ.
މުޢާމަލާތްކުރުމަށް ހުއްދަކުރެވިފައިވާ ވަސީލަތްތަކާއި، ދަރިވަރުންގެ ރެކޯޑުތަކަށް ވަދެވޭނެ މިންގަނޑުތަކާއި، އަދި ފޮޓޯއާއި އުނގަންނައިދޭ ތަކެތި ޙިއްޞާކުރުމާ ގުޅޭ ސާފު އުޞޫލުތަކެއް ސްކޫލުތަކުން ކަނޑައަޅަންވާނެއެވެ. މި އިންތިޒާމުތަކުގެ މަޢުލޫމާތު މުވައްޒަފުންނާއި، ދަރިވަރުންނާއި ބެލެނިވެރިންނަށް ތަފްޞީލުކޮށްދޭންވާނެއެވެ.

ކްލާސްރޫމްގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ޒަރީޢާއިން ވެސް މި އުޞޫލުތައް ހަރުދަނާކުރެވިދާނެއެވެ. އެގޮތުން، ކުޑަކުދިން އެއްވެސް މަޢުލޫމާތެއް ޙިއްޞާކުރުމުގެ ކުރިން އިތުބާރުހުރި ބޮޑު މީހެއްގެ ހުއްދަ ހޯދުމަށް ފަރިތަކުރެވިދާނެއެވެ. އަދި ބޮޑެތި ދަރިވަރުންނަށް، އަމިއްލަ މަޢުލޫމާތު ރައްކާތެރިކުރުމާއި، އަދި އޮންލައިން ގްރޫޕްތަކުގައި ޒިންމާދާރުކަމާއެކު ބައިވެރިވުމާ ގުޅޭގޮތުން މަޝްވަރާކުރެވިދާނެއެވެ.
މި މަސައްކަތްތައް ވިލަރެސްކުރުމާއި، މައްސަލަ ރިޕޯޓްކުރުމުގެ ނިޒާމު އެންމެނަށް ރަނގަޅަށް ފަހުމްވޭތޯ ބެލުމުގެ ޒިންމާ ސްކޫލުގެ އިސްވެރިން ވަކި ފަރާތަކާ ޙަވާލުކުރަންވާނެއެވެ. ބިރުދެއްކުމެއް، އިހުމާލުވުމެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެ ފަދަ ކަމެއް ހިނގައިފިނަމަ، ލަސްނުކޮށް ފުލުހުންގެ ނުވަތަ ކުޑަކުދިން ރައްކާތެރިކޮށްދޭ އިދާރާތަކުގެ އެހީތެރިކަން ހޯދަންވާނެއެވެ.
އިންޓަރނެޓުގެ ރައްކާތެރިކަމަކީ ދަރިވަރުންގެ ދުޅަހެޔޮކަމާއި އަދަބުވެރި އުނގަންނައިދިނުމުގެ މާޙައުލެއް ބިނާކުރުމަށް ސްކޫލުން ކުރާ މަސައްކަތުގެ މުހިންމު ބައެކެވެ. ދަރިވަރުންނަށް ބޭނުންވަނީ ޢިލްމާއި އިތުބާރެވެ. ބެލެނިވެރިންނަށް ބޭނުންވަނީ މުޢާމަލާތްކުރުމާއި އިރުޝާދެވެ. އަދި މުދައްރިސުންނަށް ބޭނުންވަނީ ސާފު އުޞޫލުތަކާއި އެއްބާރުލުމެވެ.
ޢަމަލީ ހުނަރުތައް ދަސްކޮށްދީ، މައްސަލަތަކަށް ފަރުވާތެރިކަމާއެކު އިޖާބަދީ، އަދި ސްކޫލާއި ގޭތެރޭގެ ގުޅުން ބަދަހިކޮށްގެން، އިންޓަރނެޓުގެ ދުނިޔޭގައި ރައްކާތެރިކަމާއި، އިޙްތިރާމާއި، އަދި ޒިންމާދާރުކަމާއެކު ބައިވެރިވުމަށް ސްކޫލު މުޖުތަމަޢުތަކުން ދަރިވަރުންނަށް އެހީތެރިވެދެވިދާނެއެވެ.
advertisment
ހިޔާލު