ވިލާ ކޮލެޖުން މުޅިން އައު ހަތަރު ޕްރޮގްރާމެއް ތަޢާރަފުކޮށް، ކުރިމަތިލާން ހުޅުވާލައިފި

ވިލާ ކޮލެޖުން އަލަށް ފަށާ ޕްރޮގްރާމްތަކަކީ، ބެޗެލަރ އޮފް ޓީޗިންގ އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް، މާސްޓަރ އޮފް އިންޖިނިއަރިންގ މެނޭޖްމަންޓް، މާސްޓަރ އޮފް ސައިންސް އިން ހެލްތް ސައިކޮލޮޖީގެ އިތުރުން މާސްޓަރ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ   

ބެޗެލަރސް ޕްރޮގްރާމަކާއި ތިން މާސްޓަރސް ޕްރޮގްރާމް ހިމެނޭ ގޮތަށް، ވިލާ ކޮލެޖުން މުޅިން އައު ހަތަރު ޕްރޮގްރާމެއް ތަޢާރަފުކޮށްފިއެވެ. ތަޢުލީމު، އިންޖިނިއަރިންގ މެނޭޖްމަންޓް އަދި ސައިކޮލޮޖީގެ ދާއިރާތަކުން އަލަށް ތަޢާރަފުކުރި މި ޕްރޮގްރާމްތަކުގެ މައިގަނޑު މަޤްޞަދަކީ، ޤައުމީ ތަރައްޤީއަށް ބޭނުންވާ ޤާބިލު ޕްރޮފެޝަނަލުން ތައްޔާރުކުރުމާއި، ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު އިތުރަށް ފުޅާކޮށްދިނުމެވެ. މި ހުރިހާ ޕްރޮގްރާމަކަށް ވެސް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ.

އަލަށް ތަޢާރަފުކުރި ޕްރޮގްރާމްތަކަކީ:
  • ބެޗެލަރ އޮފް ޓީޗިންގ އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް ‎(Bachelor of Teaching in Business and Travel and Tourism)‎
  • މާސްޓަރ އޮފް އިންޖިނިއަރިންގ މެނޭޖްމަންޓް ‎(Master of Engineering Management)‎
  • މާސްޓަރ އޮފް ސައިންސް އިން ހެލްތް ސައިކޮލޮޖީ ‎(Master of Science in Health Psychology)‎
  • މާސްޓަރ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ ‎(Master of Science in Forensic Psychology)‎

މި ހުރިހާ ޕްރޮގްރާމެއްގައި ވެސް ކްލާސްރޫމްގައި ދަސްކުރާ ތިއަރީ ގުޅުވައިދެވިފައިވަނީ ޕްރެކްޓިކަމް، ފީލްޑް ވިޒިޓް އަދި ކެޕްސްޓޯން ޕްރޮޖެކްޓް ފަދަ ޢަމަލީ ތަޖުރިބާތަކާއެވެ. މީގެ ބޭނުމަކީ، ދަސްވެނިވާއިރު، ކޮންމެ ދަރިވަރަކު ވެސް އެ ދަރިވަރެއްގެ ދާއިރާގެ ޢަމަލީ މައިދާނަށް ތައްޔާރުވެފައިވުމެވެ.

މި ޕްރޮގްރާމްތައް ތަޢާރަފުކުރުމާ ގުޅިގެން ވާހަކަދައްކަވަމުން، ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، އެސޯސިއޭޓް ޕްރޮފެސަރ ޑރ. ޢަލީ ނަޖީބް ވިދާޅުވީ: "ރާއްޖެ ތަރައްޤީވަމުން ދާއިރު، ކޮންމެ ދާއިރާއަކުން ވެސް ޤައުމަށް ބޭނުންވަނީ ޢިލްމާއި ހުނަރާއެކު ވަޒީފާގެ ދުނިޔެއަށް ތައްޔާރުވެފައިވާ ޕްރޮފެޝަނަލުން. މި ހަތަރު ޕްރޮގްރާމް ފަރުމާކޮށްފައިވަނީ، ތިއަރީއާއެކު ޢަމަލީ ތަޖުރިބާ ވެސް ދަރިވަރުންނަށް ލިބޭ ގޮތަށް. މިއީ، ރާއްޖޭގައި ތިބެގެން މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފުރުޞަތު ދިވެހިންނަށް ފުޅާކޮށްދިނުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެއް. މި ޕްރޮގްރާމްތަކަށް ކުރިމަތިލުމަށް، ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ވަރަށް އުފަލާއެކު އަޅުގަނޑު ދަޢުވަތު ދެން."

ބެޗެލަރ އޮފް ޓީޗިންގ އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް

ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިގަނޑު ދާއިރާ ކަމުން، މި ދާއިރާއާ ބެހޭ ޢިލްމާއި ހުނަރު ސްކޫލު ދަރިވަރުންނަށް ދަސްކޮށްދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މި ޕްރޮގްރާމަކީ، ސާނަވީ އަދި މަތީ ސާނަވީ ސްކޫލުތަކުގައި ބިޒްނަސް ސްޓަޑީޒް އަދި ޓްރެވަލް އެންޑް ޓޫރިޒަމް ކިޔަވައިދޭނެ ޓީޗަރުން ތައްޔާރުކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ބިޒްނަސް އަދި ޓޫރިޒަމް މެނޭޖްމަންޓްގެ ކޮންސެޕްޓްތަކުގެ އިތުރުން، މި މާއްދާތައް ކިޔަވައިދިނުމުގެ ފަންނީ ހުނަރު (ޕެޑަގޮޖީ) ވެސް ދަރިވަރުންނަށް ދަސްކޮށްދެވޭނެއެވެ. ރާއްޖޭގެ ބަދަލުވަމުންދާ ޙާލަތަށް ފެތޭ، ޢިލްމާއި ހުނަރު ލިބިފައިވާ ފެންވަރު ރަނގަޅު އައު ޓީޗަރުން އުފެއްދުމަކީ މި ޕްރޮގްރާމުގެ މައިގަނޑު އަމާޒެވެ.

ކިޔަވައިދިނުމުގައި ކޭސް ސްޓަޑީ، ބިޒްނަސް ސިމިއުލޭޝަން، ވާޗުއަލް ޓުއާ އަދި ހޮސްޕިޓަލިޓީގެ ޢަމަލީ ތަމްރީނު ބޭނުންކުރެވޭއިރު، ބިޒްނަސް ސޮފްޓްވެއަރ، ޓޫރިޒަމް މެނޭޖްމަންޓް ސިސްޓަމްތަކާއި ބުކިންގ ޕްލެޓްފޯމްތައް ބޭނުންކުރުމުގެ ތަޖުރިބާ ވެސް ދަރިވަރުންނަށް ލިބޭނެއެވެ. ފީލްޑް ވިޒިޓް، ގެސްޓް ލެކްޗަރ އަދި އިންޑަސްޓްރީއާ ގުޅިގެން ކުރާ މަސައްކަތްތައް ވެސް މި ޕްރޮގްރާމުގައި ހިމެނެއެވެ. މީގެ އިތުރުން، ކޮންމެ ދަރިވަރެއްގެ ބޭނުންތަކަށް ރިޢާޔަތްކުރާ އިންކްލޫސިވް ކްލާސްރޫމްތައް ހިންގުމާއި، ކިޔަވައިދިނުމުގައި ޑިޖިޓަލް ޓެކްނޮލޮޖީއާއި އޭ.އައި ބޭނުންކުރުމުގެ ހުނަރު ވެސް މި ޕްރޮގްރާމުން ލިބިގެންދާނެއެވެ.

މި ޕްރޮގްރާމުގެ ފަހު ސެމިސްޓަރުގައި ހިންގޭ "ގްރެޖުއޭޓް އިމްޕެކްޓް ސެމިސްޓަރ" ގެ ތެރެއިން، މުޖުތަމަޢަށް ޢަމަލީ ގޮތުން ފައިދާހުރި މަސައްކަތްތައް ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާނެއެވެ.

  • މުއްދަތު: 3 އަހަރު
  • ކިޔަވައިދޭ ގޮތް: ފޭސް-ޓު-ފޭސް
  • ދެ އަހަރު ފުރިހަމަކުރުމުން ލިބޭ ސަނަދު: އެޑްވާންސްޑް ޑިޕްލޮމާ އޮފް ޓީޗިންގ އިން ބިޒްނަސް އެންޑް ޓްރެވަލް އެންޑް ޓޫރިޒަމް
  • ޢަމަލީ ތަމްރީނު: ދެ ޓީޗިންގ ޕްރެކްޓިކަމް

"ރާއްޖޭގެ ޓޫރިޒަމް އާއި ބިޒްނަސް ދާއިރާއަށް ބޭނުންވާ ޒުވާނުން ތައްޔާރުކުރުމުގެ މަސައްކަތް ފެށެނީ ސްކޫލު ކްލާސްރޫމުން. އެކަމުގައި މި މާއްދާތައް ކިޔަވައިދޭ ޓީޗަރުންގެ ދައުރު ވަރަށް މުހިންމު. މި ޕްރޮގްރާމުގައި ހިމެނޭ ޓީޗިންގ ޕްރެކްޓިކަމްތަކުގެ ސަބަބުން، ދަސްވެނިވުމުގެ ކުރިން ވެސް ސްކޫލުތަކުގައި ކިޔަވައިދިނުމުގެ ތަޖުރިބާ ދަރިވަރުންނަށް ލިބޭނެ" ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އެޑިއުކޭޝަނަލް ސްޓަޑީޒްގެ ޑީން، ޢަބްދުއްސައްތާރު ގާސިމް ވިދާޅުވިއެވެ.

މާސްޓަރ އޮފް އިންޖިނިއަރިންގ މެނޭޖްމަންޓް

މިއަދުގެ އިންޖިނިއަރިންގ ދާއިރާގައި، ފަންނީ ޢިލްމުގެ އިތުރުން، ޕްރޮޖެކްޓް ހިންގުމާއި، ރިސްކް ދެނެގަތުމާއި، އައު ޓެކްނޮލޮޖީ ބޭނުންކުރުމާއި، ވިޔަފާރީގެ ނިންމުންތައް ނިންމުމުގެ ހުނަރު ވެސް ބޭނުންވެއެވެ. މި ޕްރޮގްރާމަކީ، ލީޑަރޝިޕާއި މެނޭޖްމަންޓްގެ މަޤާމުތަކަށް އިންޖިނިއަރުން ތައްޔާރުކުރުމަށް ޚާއްޞަކޮށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ޕްރޮޖެކްޓް އަދި ރިސްކް މެނޭޖްމަންޓް، އައި.އާރް (އިންޑަސްޓްރީ 4.0) ޓެކްނޮލޮޖީ، އެގްޒެކެޓިވުންނަށް ބޭނުންވާ އެކައުންޓިންގ އަދި ފައިނޭންސް، އެނަރޖީ މެނޭޖްމަންޓް، ސަސްޓެއިނަބިލިޓީ އިންޖިނިއަރިންގ އަދި ސްޓްރެޓީޖިކް މެނޭޖްމަންޓް ފަދަ ދާއިރާތައް މި ޕްރޮގްރާމުގައި ހިމެނެއެވެ. އަދި އިނޮވޭޝަނާއި އެންޓްރަޕްރެނިއަރޝިޕާއި ޕްރޮފެޝަނަލް އެތިކްސް ވެސް ކިޔަވައިދެވޭނެއެވެ. ކިޔަވައިދިނުމުގައި ބޭނުންކުރާނީ ޕްރޮބްލެމް-ބޭސްޑް ލާރނިންގ އާއި އިންޑަސްޓްރީގެ ޙަޤީޤީ މިސާލުތަކެވެ.

ސަސްޓެއިނަބިލިޓީ އިންޖިނިއަރިންގ އާއި އެނަރޖީ އެފިޝެންސީއަށް މި ޕްރޮގްރާމުގައި ދީފައިވާ ސަމާލުކަން، މޫސުމީ ބަދަލުތަކުގެ އަސަރު ބޮޑަށް ކުރާ ރާއްޖެ ފަދަ ޤައުމަކަށް ޚާއްޞަކޮށް މުހިންމެވެ. މި ޕްރޮގްރާމުން ދަސްވެނިވާ ފަރާތްތަކަށް، އިންޖިނިއަރިންގ މެނޭޖަރ، ޕްރޮޖެކްޓް މެނޭޖަރ، ޓެކްނޮލޮޖީ ޓްރާންސްފޯމޭޝަން ލީޑް، އޮޕަރޭޝަންސް މެނޭޖަރ އަދި ސަސްޓެއިނަބިލިޓީ ލީޑް ފަދަ މަޤާމުތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

  • މުއްދަތު: 1 އަހަރު
  • ކިޔަވައިދޭ ގޮތް: ފޭސް-ޓު-ފޭސް
  • ޚާއްޞަ ބައި: އިންޖިނިއަރިންގ މެނޭޖްމަންޓްގައި ކުރިމަތިވާ މައްސަލައަކަށް ޙައްލު ހޯދާ ގްރޫޕް ކެޕްސްޓޯން ޕްރޮޖެކްޓެއް

މި ޕްރޮގްރާމުގެ މުހިންމުކަން ފާހަގަކުރައްވަމުން، ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ އަދި ސްކޫލް އޮފް ކޮމްޕިއުޓަރ ސައިންސްގެ ހެޑް އޮފް ސްކޫލް، އުދުމާ ޢަބްދުލްލަޠީފް ވިދާޅުވީ: "ރާއްޖޭގެ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމަށް ބޭނުންވަނީ، ފަންނީ ޢިލްމާއެކު މެނޭޖްމަންޓާއި ލީޑަރޝިޕްގެ ހުނަރު ލިބިފައިވާ އިންޖިނިއަރުން. މި ޕްރޮގްރާމު ފަރުމާކޮށްފައިވަނީ، އެ ހުނަރު ލިބިދިނުމަށް. ކެޕްސްޓޯން ޕްރޮޖެކްޓް މެދުވެރިކޮށް، އިންޖިނިއަރިންގ ދާއިރާގައި ކުރިމަތިވާ މައްސަލަތަކަށް ޙައްލު ހޯދުމުގެ ތަޖުރިބާ ވެސް ދަރިވަރުންނަށް ލިބޭނެ."

މާސްޓަރ އޮފް ސައިންސް އިން ހެލްތް ސައިކޮލޮޖީ

ރާއްޖޭގެ ޞިއްޙީ ދާއިރާގައި ސައިކޮލޮޖިސްޓުންނަށް ހުރި ޑިމާންޑް ދަނީ އިތުރުވަމުންނެވެ. މި ޕްރޮގްރާމަކީ، ކްރޮނިކް ބަލިތަކާއި ރިކަވަރީ މެނޭޖްކުރުމަށް ބަލިމީހުންނަށް ސަޕޯޓް ދީ، ޞިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރާނެ ޕްރޮފެޝަނަލުން ތަމްރީނުކުރާ ޕްރޮގްރާމެކެވެ. ބަޔޮލޮޖިކަލް، ސައިކޮލޮޖިކަލް އަދި ސޯޝަލް ސަބަބުތަކުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުރާ އަސަރާއި، އެ އަސަރުތަކުން ރައްކާތެރިވެވޭނެ ގޮތްތައް ދަރިވަރުން ދަސްކުރާނެއެވެ. ސައިކޮލޮޖީ އޮފް އިލްނެސަސް، ސައިކޮލޮޖިކަލް ޓެސްޓިންގ އެންޑް އެސެސްމަންޓް އަދި ޖެރިއެޓްރިކް ކައުންސެލިންގ ފަދަ މާއްދާތައް މި ޕްރޮގްރާމުގައި ހިމެނެއެވެ.

މީގެ އިތުރުން، ކްރޮނިކް ބަލިތަކާއެކު ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ބަލިމީހުން ބަލަހައްޓާ ފަރާތްތަކަށް އެހީތެރިވެދެވޭނެ ގޮތްތައް ވެސް ކިޔަވައިދެވޭނެއެވެ. މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް، ކްލިނިކަލް ކޭސް މެނޭޖަރ، މެންޓަލް ހެލްތް އެޑިއުކޭޓަރ އަދި ޕަބްލިކް ހެލްތް އޮފިސަރ ފަދަ މަޤާމުތަކުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

  • މުއްދަތު: 2 އަހަރު
  • ކިޔަވައިދޭ ގޮތް: ފޭސް-ޓު-ފޭސް
  • ޚާއްޞަ ބައި: ތިން ކްލިނިކަލް ޕްރެކްޓިކަމާއި ކެޕްސްޓޯން ޕްރޮޖެކްޓެއް
މާސްޓަރ އޮފް ސައިންސް އިން ފޮރެންސިކް ސައިކޮލޮޖީ

މި ޕްރޮގްރާމަކީ، ސައިކޮލޮޖީއާއި ޢަދާލަތުގެ ނިޒާމާ ބެހޭ އެވިޑެންސް-ބޭސްޑް ޢިލްމު ދަރިވަރުންނަށް ލިބިދީ، ކްރިމިނަލް ބިހޭވިއަރ ދެނެގަތުމާއި ކުށްވެރިން ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމެކެވެ. ޝަރީޢަތުގެ މަރުޙަލާތަކުގައި ފަންނީ ލަފާ ދިނުމާއި، ކުށްތަކުގެ ތަޙްޤީޤުތަކުގައި ފުލުހުންނާ ގުޅިގެން މަސައްކަތްކުރުމާއި، ޖަލުގައި ތިބި މީހުންގެ ބިހޭވިއަރ އެސެސްކޮށް، ޕެރޯލް ދިނުމާއި، ރިލީޒްކުރުމާއި، ބަންދުގައި ބެހެއްޓުމާ ގުޅޭ ނިންމުންތަކަށް ލަފާ ދިނުމުގެ ހުނަރު ވެސް މި ޕްރޮގްރާމުން ލިބިގެންދާނެއެވެ. މީގެ އިތުރުން، ކްރައިމް ސީނުން ލިބޭ ހެކި އެނަލައިޒްކުރުމާއި، ތުހުމަތުކުރެވޭ މީހުންގެ ކުރީގެ ރެކޯޑުތައް ދިރާސާކުރުމަށް ވެސް ދަރިވަރުން ތަމްރީނުކުރެވޭނެއެވެ. ފޮރެންސިކް ޗައިލްޑް ސައިކޮލޮޖީ، ސައިކޮލޮޖީ އެންޑް ލޯ، ކްރިމިނަލް ސައިކޮލޮޖީ އަދި ބިހޭވިއަރަލް އެނަލިސިސް އެންޑް އިންވެސްޓިގޭޓިވް ޓެކްނިކްސް ފަދަ މާއްދާތައް މި ޕްރޮގްރާމުގައި ހިމެނެއެވެ.

މި ޕްރޮގްރާމުން ދަސްވެނިވާ ދަރިވަރުންނަށް، ޞިއްޙީ ދާއިރާއާއި، ޝަރުޢީ ދާއިރާއާއި، ކަރެކްޝަނަލް ސަރވިސާއި، ފުލުހުންގެ އަދި ސިފައިންގެ ޚިދުމަތުގައި މަސައްކަތްކުރުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އަދި މި ދާއިރާގައި ކިޔަވައިދިނުމާއި ރިސާޗުގެ މަސައްކަތުގައި ވެސް ބައިވެރިވެވޭނެއެވެ.

  • މުއްދަތު: 2 އަހަރު
  • ކިޔަވައިދޭ ގޮތް: ފޭސް-ޓު-ފޭސް
  • ޚާއްޞަ ބައި: ތިން ފޮރެންސިކް ޕްރެކްޓިކަމާއި ކެޕްސްޓޯން ޕްރޮޖެކްޓެއް

ސައިކޮލޮޖީގެ މި ދެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަދައްކަވަމުން، ވިލާ ކޮލެޖުގެ ހެޑް އޮފް ސްކޫލް އަދި ވީކެއަރ ކައުންސެލިންގ އެންޑް ސައިކޯތެރަޕީ ސެންޓަރުގެ ޑިރެކްޓަރ، އެސިސްޓަންޓް ޕްރޮފެސަރ ޑރ. ޢާއިޝަތު ނަޝީދާ ވިދާޅުވީ: "ޤާބިލު ސައިކޮލޮޖިސްޓަކަށް ވުމަށް ޢަމަލީ ތަޖުރިބާ ނުހަނު މުހިންމު. އެހެންވެ، މި ދެ ޕްރޮގްރާމުގައި ވެސް ތިން ޕްރެކްޓިކަމް ހިމަނާފައިވާނެ. ޞިއްޙީ އަދި ޝަރުޢީ ދާއިރާއަށް ބޭނުންވާ ސައިކޮލޮޖިސްޓުން ރާއްޖޭގައި ތަމްރީނުކުރުމުގެ ފުރުޞަތު ފަހިވުމަކީ ބޮޑު ކުރިއެރުމެއް."

ޕްރޮގްރާމްތަކަށް ވަނުމަށް ބޭނުންވާ ޝަރުޠުތައް

ބެޗެލަރސް
  • ޖެނެރަލް އެންޓްރީ: ޖީ.ސީ.އީ އޭ-ލެވެލްގައި 2 މާއްދާއިން E ފާސް ނުވަތަ އެޗް.އެސް.ސީ ގައި 2 މާއްދާއިން C ފާސް ލިބިފައިވުން، ނުވަތަ ގުޅުންހުރި ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވުން، ނުވަތަ ކިޔަވަން ބޭނުންވާ ޕްރޮގްރާމަށް ވަނުމަށް ފާސްކޮށްފައިވާ ލެވެލް 4 ގެ ފައުންޑޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  • އޯލްޓަރނޭޓިވް އެންޓްރީ (1): ޢުމުރުން 20 އަހަރު ފުރި، ސާނަވީ ތަޢުލީމު ފުރިހަމަކޮށް، ގުޅުންހުރި ދާއިރާއެއްގައި 2 އަހަރު މަސައްކަތްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  • އޯލްޓަރނޭޓިވް އެންޓްރީ (2): ގުޅުމެއްނެތް ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ޙާޞިލުކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން ފާސްކޮށްފައިވާ ޔުނިވަރސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
މާސްޓަރސް
  • ޖެނެރަލް އެންޓްރީ: ގުޅުންހުރި ދާއިރާއަކުން ބެޗެލަރސް ޑިގްރީއެއް ނުވަތަ ލެވެލް 8 ގެ ގްރެޖުއޭޓް ޑިޕްލޮމާއެއް ޙާޞިލުކޮށްފައިވުން.
  • އޯލްޓަރނޭޓިވް އެންޓްރީ (1): ޢުމުރުން 25 އަހަރު ފުރި، ގުޅުންހުރި ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ޙާޞިލުކޮށް، ގުޅުންހުރި ދާއިރާއެއްގައި 7 އަހަރު (އޭގެ ތެރެއިން 3.5 އަހަރު، ސަނަދު ޙާޞިލުކުރުމަށްފަހު) މަސައްކަތްކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން ފާސްކޮށްފައިވާ ޕްރީ-މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
  • އޯލްޓަރނޭޓިވް އެންޓްރީ (2): ޢުމުރުން 25 އަހަރު ފުރި، ގުޅުންހުރި ދާއިރާއަކުން ލެވެލް 6 ގެ ސަނަދެއް ޙާޞިލުކޮށް، ގުޅުންހުރި ދާއިރާއެއްގައި 6 އަހަރު (އޭގެ ތެރެއިން 3 އަހަރު، ސަނަދު ޙާޞިލުކުރުމަށްފަހު) މަސައްކަތްކޮށްފައިވާނަމަ، އެމް.ކިއު.އޭ އިން ފާސްކޮށްފައިވާ ޕްރީ-މާސްޓަރސް ޕްރޮގްރާމެއް ފުރިހަމަކޮށްފައިވުން.
އިތުރު މަޢުލޫމާތު

2027 ވަނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް، މި ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ޕްރޮގްރާމްތަކާ ބެހޭ އިތުރު މަޢުލޫމާތު، ތިރީގައިވާ ގޮތަށް ވިލާ ކޮލެޖާ ގުޅުއްވައިގެން ލިބިވަޑައިގަންނަވާނެއެވެ.

  • އެޕްލިކޭޝަން ހުށަހެޅޭނެ އެންމެ ފަހު ތާރީޚު: 26 ޑިސެމްބަރު 2026
  • ވެބްސައިޓް: villacollege.edu.mv
  • ފޯނު: 3303200
  • އީމެއިލް: info@villacollege.edu.mv

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *