ދަސްވެނީން އަޒުމު ކަނޑައަޅަންވީ ތިބާގެ އިލްމުން އަނެކާއަށް ފައިދާއެއް ކޮށްދޭ ވިސްނުންތެރިކަމާ މަޑުމައިތިރިކަން އަބަދުވެސް ޚިޔާރުރަން. އެހެން މީހެއްގެ ބުރަ ލުއިކޮށްދޭ އަމަލީ ފިޔަވަޅެއް އަޅައިދޭން. ތިބާގެ ކުރިމަގު މާނަހުރިގޮތެއްގައި ބައްޓަންކުރެވޭނީ ތިޔަ ދަސްކުރި އެއްޗެއް ހެޔޮ ނިޔަތާއެކު އާންމު ފައިދާއަށް ބޭނުން ކޮށްގެން.
ދަސްވެނީންނާއި ދާރިސުން އޭއައިގެ ބޭނުން ހިފަމުންދާއިރު، މިއަދު އަޅުގަނޑުމެން އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ސުވާލަކީ އަޅުގަނޑުމެން ކިޔަވައިގެން ނުކުމެ އޭއައިއާ ތަފާތުކޮށް އެއަށްވުރެ މޮޅަށް ކުރާނީ ކޮންކަމެއްތޯ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރު، އެކަޑަމިކް އެފެއާޒް ޑރ. އަލީ ފަވާޒު ޝަރީފު ވިދާޅުވެއްޖެއެވެ.
ދެވަނަޓާމުގައި އެމްއެންޔޫއިން ދަސްވެނިވި ދަރިވަރުންގެ ދެވަނަ ސެޝަނުގައި ވާހަކަދައްކަވަމުން ޑރ. ފަވާޒު ވިދާޅުވީ، މިއަދު ދަސްވެނިވެގެން ނުކުންނަނީ މި ޤައުމުގެ ގިނަގުނަ ބޭނުންތަކެއް ފުއްދައިދޭން ކަމަށެވެ. ކަނޑުތަކާއި ތިމާވެށި ރައްކާތެރިކޮށްދޭށެވެ. ޒިންމާދާރު ވިޔަފާރިތަކާއި އިޤްތިޞާދީ ފުރުޞަތުތައް ބިނާކުރުމަށެވެ. އިތުބާރުކުރެބޭ ޑިޖިޓަލް ޚިދުމަތްތަކެއް އުފައްދައިދޭށެވެ. ޤާނޫނާއި އަދުލުއިންސާފު ރައްކާތެރިކޮށްދީ، ޒަމާނުއްސުރެ ދިވެހިންގެ ޚާއްޞަ ސިފައެއްގެ ގޮތުގައި ފާހަގަވެފައިވާ މެހުމާންދާރީ އިތުރަށް ހަރުދަނާ ކުރުމަށެވެ. އަޅުގަނޑުމެންގެ މުޖުތަމައުން އިސްލާމީ އިލްމާއި އަޚްލާޤު ފޯރުކޮށްދޭށެވެ. "ނަޒާހަތްތެރިކަމާއި އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރާނަމަ މި ތަފާތު ދާއިރާތަކުން ގުޅިގެން ކުރާ މަސައްކަތުން ޤައުމަށް ކުރިމަތިވާ ގޮންޖުންތައް ހައްލުކުރެވޭނެ" ދަސްވެނީންނާ މުޚާޠަބުކޮށް ޑރ. ފަވާޒު ވިދާޅުވިއެވެ.
އޭނާ ވިދާޅޫވި ގޮތުގައި، އަޅުގަނޑުމެން ކަޑައްތު ކުރަމުން މިދަނީ ވަރަށް އަވަސް އަވަހަށް ކަންތައްތައް ބަދަލުވަމުންދާ ޒަމާނެކެވެ. ފައްނިއްޔާތުގެ ކުރިއެރުންތައް ބާރުސްޕީޑެއްގައި އަޅުގަނޑުމެންނާ ބައްދަލުކުރާ ޒަމާނެކެވެ.
"ތިޔަ ދަސްވެނީންގެ ކިޔެވުމުގައި އޭއައިއެގެ އެހީ ހޯދާފައިވާނެކަން ޔަޤީން. އަދި އެހެންމެ ތިޔަ ދަސްވެނީންނަށް ކިޔަވައިދެއްވި ދަސްވެނީން އޭއައިގެ ބޭނުން ވަނީ ކުރައްވާފައި. އަޅުގަނޑުމެން އޭއައި ބޭނުން ކުރަމުންދާއިރު، މިހާރު މި ތިބެވުނީ ވަރަށް ނާޒުކު ފައްތަރެއްގައި" އާޓިފިޝަލް އިންޓަރލިޖެންސް (އޭއައި) އަށް ނިސްބަތްކޮށް ޑރ. ފަވާޒުގެ ކަންބޮޑުވުން ހިއްސާކުރެއްވިއެވެ. "ވޭތުވެދިޔަ ހަފުތާތެރޭގައި އަޑުއިވިގެން ދިޔަ އެއް ޚަބަރަކީ، މިހާރު މިދާގޮތަށް އޭއައިގެ ކުރިއެރުންތައް އަންނަ ނަމަ 2030ގެ އަހަރުތައް ގުނަމުންދާއިރު އިންސާނުން ނެތިދާފަދަ ކަންކަން ދިމާވުމުގެ ބިރު އޮތްކަން"

ޑރ. ފަވާޒު ވިދާޅުވީ، އޭއައިގެ ސަބަބުން އެގްޒިސްޓް ތްރެޓެއްގެ ބިރު އެބައޮތްކަމަށާއި މިހާރުވެސް އޭއައި ބޮޓުން އިންސާނުންގެ އިރުޝާދަކާ ނުލައި އެއަށް ފައިދާވާ ގޮތަށް ކަންކަން ކުރަން ނިންމަމުން ގެންދާ ކަމަށެވެ.
" ދިރާސާތަކުން އެބަދައްކާ އެއަށް އިރުޝާދު ދިން އިންސާނާއަށް ގެއްލުންދޭން ބައެއް ބޮޓްތަކުން މަސައްކަތް ކުރާކަން. މިކަންކަން ފާހަގަކުރެއްވީ އޭއައިގެ މާހިރުން. އަދި އޭއައިއޭއަށް އެންމެ ބޮޑަށް ޚަރަދުކުރައްވާ ބޭފުޅުން. މިއީ އަޅުގަނޑުމެން ވިސްނާލަންޖެހޭ މުހިންމު ކަމެއް" ޑރ. ފަވާޒު ވިދާޅުވިއެވެ.
މީގެ ކުރިން އަޅުގަނޑުމެން ބުނަމުން އަންނަނީ އޭއައިއަށް އިންސާނީ ޤާބިލުކަން ނުލިބޭނެކަމަށް ނަމަވެސް މިހާރު ވަރަށް ގިނަ ފަރާތްތަކުން އަޅުގަނޑުމެން އެންމެން ހިމެނޭގޮތުން ލަފައާއި މަޝްވަރާ ހޯދަނީ ވެސް ކައުންސެލިން ހޯދަނީ ވެސް އޭއައި ބޮޓެއްގެ ފަރާތުން" ޑރ. ފަވާޒު ވިދާޅުވިއެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ އަމިއްލަ ނަފުސާ ކޮށްލަންޖެހޭ ސުވާލެއްގެ ގޮތުގައި ޑރ. ފަވާޒު ކުރެއްވި ސުވާލަކީ، "އަޅުގަނޑުމެން ކިޔަވައިގެން ނުކުމެ އޭއައިއާ ތަފާތުކޮށް އެއަށްވުރެ މޮޅަށް ކުރާނީ ކޮންކަމެއްތޯ"؟އެވެ.
ޑރ. ފަވާޒު ވިދާޅުވީ، ދަސްވެނިވުމުގެ ދަރުބާރުން ދަސްވެނީން ނުކުންނައިރު އަޒުމު ކަނޑައަޅަންވީ ތިބާގެ އިލްމުން އަނެކާއަށް ފައިދާއެއް ކޮށްދޭ ވިސްނުންތެރިކަމާ މަޑުމައިތިރިކަން އަބަދުވެސް ޚިޔާރުރާށެވެ. އެހެން މީހެއްގެ ބުރަ ލުއިކޮށްދޭ އަމަލީ ފިޔަވަޅެއް އަޅައިދޭށެވެ. "ތިބާގެ ކުރިމަގު މާނަހުރިގޮތެއްގައި ބައްޓަންކުރެވޭނީ ތިޔަ ދަސްކުރި އެއްޗެއް ހެޔޮ ނިޔަތާއެކު އާންމު ފައިދާއަށް ބޭނުން ކޮށްގެން" ޑރ. ފަވާޒުގެ އަޑުގައިވެސް ހުރީ އެހާމެ މަޑުމައިތިރި ގޮތެކެވެ.
ދަރިވަރުންނަށް ޑރ. ފަވާޒު ހަންދާންކޮށްދެއްވި ގޮތުގައި، ދަސްވެނީންނަށް އެ ޔުނިވަރސިޓީން ކުރާ އިތުބާރު އެ ދަސްވެންޏަކު ކުރާ ކޮންމެ މަސައްކަތަކުން ފެންނަންވާނެއެވެ. ހަމަ އެފަދައިން އިޚްތިރާމާއި ވަގުތައް ސަމާލުވުމާއި ކަންކަމާމެދު އިޚްލާސްތެރިވުމާއި މީހުންނާމެދު އިންސާފުވެރިކަމާއެކު، ހިތްތިރި ކަމާއެކު ކަންކަން ކުރަން އަބަދުވެސް ހަނދާނުގައި ބަހައްޓަން ނަސާޖަތްތެރިވެވަޑައިގެންނެވިއެވެ.
"ތިޔަ ދަސްވެނީން ހާޞިލުރާ ކަންކަމަށްވުރެ މީހުންގެ ހަނދާނުގައި ހުންނާނީ އެކަންކަން ހާޞިލުކުރުމުގައި ތިބާ ކަންކުރި ގޮތް. އެހެން ކަމުން އަބަދުވެސް މަޑުމައިތިރިކަމާ އޯގާތެރިކަމާއެކު ކަންކުރާތި" ނިންމާލަމުން ޑރ. ފަވާޒު ވިދާޅުވިއެވެ.
advertisment
ހިޔާލު