ޢަބްދުﷲ ނަޞީޙް
ކާމިޔާބު ކިޔަވައިދިނުމަކީ ހަމައެކަނި ފިލާވަޅުތައް ނަގައިދީ، އިމްތިޙާނުތަކުން ރަނގަޅު ނަތީޖާ ހޯދައިދިނުމެއް ނޫނެވެ. އެއީ ދަރިވަރުންގެ ފިކުރުތައް ހޭލައްވާލައި، އެކުދިންގެ ކިބައިގައިވާ ފަރުދީ ހުނަރުތައް ތަރައްޤީކޮށް، އަޚްލާޤު ބިނާކޮށް، މާނަވީ އަދި ކާމިޔާބު މުސްތަޤްބަލަކަށް އެކުދިން ތައްޔާރުކޮށްދިނުމެވެ.
ތަޢުލީމަކީ ފަރުދީ ކުރިއެރުމަށާއި ޤައުމީ ތަރައްޤީއަށްޓަކައި ބޭނުންކުރެވޭ އެންމެ ބާރުގަދަ އެއް ވަސީލަތް ކަމުގައި ބަލައިގަނެވެއެވެ. ކޮންމެ ކާމިޔާބު ތަޢުލީމީ ނިޒާމެއްގެ އެންމެ މުހިންމު ބަހާއަކީ މަސައްކަތަށް އިޚްލާޞްތެރި، ހުނަރުވެރި، އަދި ދަރިވަރުންގެ އުނގެނުމާއި ދުޅަހެޔޮކަމަށް ޚާއްޞަ ސަމާލުކަމެއް ދޭ މުދައްރިސުންނެވެ. ތަޢުލީމީ ސިޔާސަތުތަކާއި، މަންހަޖާއި، ވަސީލަތްތަކާއި އަދި ޓެކްނޮލޮޖީގެ ސަބަބުން ތަޢުލީމުގެ ފެންވަރަށް ބޮޑެތި ކުރިއެރުންތަކެއް އައި ނަމަވެސް، ކިޔަވައިދިނުމުގެ ފެންވަރަކީ ދަރިވަރުންގެ އުނގެނުމުގެ ނަތީޖާއަށް އެންމެ ބޮޑަށް އަސަރުކުރާ އަސާސީ ބަހާއެވެ. ފެންވަރު ރަނަގޅު މުދައްރިސަކީ ހަމައެކަނި މާއްދާއެއްގެ މަޢުލޫމާތު ފޯރުކޮށްދޭ މީހެއް ނޫނެވެ. އެފަދަ މުދައްރިސުން ދަރިވަރުންގެ ކިބައިގައި އުނގެނުމަށް ޝައުޤުވެރިކަން އުފައްދައި، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކޮށް، އަމިއްލައަށް ފިކުރުކުރުމަށް ހިތްވަރުދީ، މުޅި އުމުރަށް ދެމިގެންދާނެ ފަދަ މާނަވީ އުނގެނުމުގެ ތަޖުރިބާތަކެއް ހޯދައިދެއެވެ.
އާދައިގެ މުދައްރިސަކާއި ލާމަސީލު މުދައްރިސެއްގެ މެދުގައި ހުންނަ ތަފާތަކީ ހަމައެކަނި އެ މީހެއްގެ ތަޢުލީމީ ސަނަދުތަކެއް، ޚިދުމަތުގައި ހޭދަކުރި އަހަރުތަކެއް ނުވަތަ ކިޔަވައިދޭ މާއްދާއަށް އޮންނަ ފުންކަމެއްނޫނެވެ. އޭގެ ބަދަލުގައި، އެތަފާތު ފެންނަނީ ކިޔަވައިދިނުމުގެ އެންމެ ފައިދާހުރި އުސޫލުތައް ދެމެހެއްޓެނިބި ގޮތެއްގައި ހިފެހެއްޓުމާއި، މަސައްކަތުގެ އަޚުލާގާއި، ހަރުދަނާ ވިސްނުމުގެ އިތުރުން، އަމިއްލަ ނަފުސް ތަރައްގީ ކުރުމަށް އަބަދުވެސް ބަހައްޓާ ޝައުގުވެރިކަމުގެ ތެރެއިންނެވެ. ލާމަސީލު ކިޔަވައިދިނުމެއް ބިނާވެގެންވަނީ ކޮންމެ ދުވަހަކު ވާންޖެހޭ ތައްޔާރީތަކާއި، އަމިއްލަ މަސައްކަތާމެދު ފުންކޮށް ވިސްނައި އިސްލާހުކުރުމާއި، ދަރިވަރުންނާ އޮންނަ މާނަހުރި ގުޅުމުގެ މައްޗަށެވެ. އަދި އެއީ ކޮންމެ ދަރިވަރެއްގެވެސް ތަފާތު ބޭނުންތައް ދެނެގަނެ، އެ ބޭނުންތައް ފުރިހަމަކޮށްދިނުމަށް ކުރާ އިޚްލާސްތެރި މަސައްކަތުގެ ނަތީޖާއެވެ.
މުދައްރިސެއްގެ ކިބައިގައި ހުންނަންޖެހޭ އެންމެ މުހިންމު އެއް ސިފައަކީ ފިލާވަޅުތަކަށް ފުރިހަމައަށް ތައްޔާރުވުމާއި މަޤްޞަދުތައް ކަނޑައެޅުމެވެ. ކާމިޔާބު ކިޔަވައިދިނުން ފެށެނީ ކްލާސްރޫމަށް ވަނުމުގެ މާ ކުރިންނެވެ. މުދައްރިސުން އުނގަންނައިދޭން ބޭނުންވާ ލަނޑުދަނޑިތަކާއި، ނަތީޖާތަކާއި، އަދި ބޭނުންކުރާނެ އުކުޅުތައް ދުރާލައި ރޭވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފިލާވަޅެއް ނަގައިދޭއިރު ދިމާވެދާނެ ދަތިތަކަށް ވިސްނައި، ތަފާތު ފެންވަރުގެ ކުދިންނަށް ބޭނުންވާނެ ހަރަކާތްތައް ތައްޔާރުކުރަން ޖެހެއެވެ. ރަނގަޅަށް ރޭވިފައިވާ ފިލާވަޅެއްގެ ސަބަބުން ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފި، ދަރިވަރުންނަށް ފިލާވަޅުގައި ބައިވެރިވުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އެހެންކަމުން، ފިލާވަޅު ތައްޔާރުކުރުމަކީ ހަމައެކަނި އިދާރީ މަސައްކަތެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ ފަންނީ ޒިންމާއެއްގެ ގޮތުގައި ބަލަންޖެހެއެވެ.

މީގެ އިތުރުން، ކޮންމެ ދަރިވަރަކީވެސް ތަފާތު ސިފަތަކާއި ހުނަރުތަކެއް ލިބިފައިވާ ވަކި ފަރުދެއްގެ ގޮތުގައި ބަލައިގަތުމަކީ މޮޅު މުދައްރިސުންގެ މުހިންމު ސިފައެކެވެ. ދަރިވަރުން ކްލާހަށް އަންނައިރު އެކުދިންގެ ޤާބިލިއްޔަތާއި، އުޅޭ މާޙައުލާއި، ޝައުޤުވެރިކަމާއި އަދި އިތުބާރު ހުންނަނީ ތަފާތު މިންވަރަކަށެވެ. އެހެންކަމުން، އެއްގޮތަކަށް ހުރިހާ ކުދިންނަށް ކިޔަވައިދިނުމަކީ އެންމެ އެކަށީގެންވާ ގޮތެއް ނޫނެވެ. ކާމިޔާބު މުދައްރިސުން މި ތަފާތުތައް ދެނެގަނެ، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެހެން ކިޔަވައިދިނުން ބައްޓަންކުރެއެވެ. އުނގެނުމުގައި ދަތިތައް ހުންނަ ކުދިންނަށް އެހީތެރިކަންދީ، ހުނަރުވެރި ކުދިންނަށް އެކުދިންގެ ފެންވަރާ ގުޅޭ ގޮތުން ގޮންޖެހުންތަކެއް ކުރިމަތިކުރުވައެވެ. އެންމެ މުހިންމު ކަމަކީ، ކޮންމެ ދަރިވަރަކަށްވެސް އިޙްތިރާމާއި، ބަލައިގަތުމާއި، އަދި ހިތްވަރު ލިބޭނެ ފަދަ މާޙައުލެއް ޤާއިމުކޮށްދިނުމެވެ.
އުނދަގޫ މަފްހޫމުތައް ސާދާ އަދި ފަސޭހަ ބަހުން ކިޔައިދިނުމަކީވެސް ފާހަގަކޮށްލެވޭ ހުނަރެކެވެ. މާއްދާއެއްގެ މަޢުލޫމާތު މުދައްރިސަށް މޮޅަށް އެނގުމަކީ އެ މަޢުލޫމާތު ދަރިވަރުންނަށް އެންމެ ރަނގަޅަށް ފޯރުކޮށްދެވޭނެ ކަމުގެ ކަށަވަރުކަމެއް ނޫނެވެ. މުދައްރިސުން މަޢުލޫމާތު ސާފުކޮށް ދޭންޖެހޭނީ ތަރުތީބުން، އަދި ދަރިވަރުންނަށް ކުރިން އެނގޭ އެއްޗަކާ ގުޅުވައިގެންނެވެ. އަމަލީ މިސާލުތަކާއި، ފެންނަ ތަކެއްޗާއި، އަދި މަޝްވަރާކުރުން ފަދަ ކަންކަމުގެ ސަބަބުން އުނދަގޫ ފިލާވަޅުތައް ދެނެގަތުމަށް ފަސޭހަވެއެވެ. މޮޅު މުދައްރިސުން ފިލާވަޅުގެ ތެރެއިން ދަރިވަރުންނަށް ފިލާވަޅު ފަހުމްވާ މިންވަރު ބަލައި، ބޭނުންވާ ޙާލަތްތަކުގައި ކިޔަވައިދޭ ގޮތް ބަދަލުކުރެއެވެ. އެފަދަ މުދައްރިސުންގެ އެންމެ ބޮޑު އަމާޒަކީ ހަމައެކަނި ފިލާވަޅު ނިންމާލުމެއް ނޫނެވެ، ނަމަވެސް ދަރިވަރުންނަށް އެ ފިލާވަޅު ރަނގަޅަށް ދޭހަވުމެވެ.

ކްލާސްރޫމުގައި މުދައްރިސާއި ދަރިވަރުންގެ މެދުގައި އޮންނަ މުޢާމަލާތަކީވެސް ވަރަށް މުހިންމު ކަމެކެވެ. ކިޔަވައިދިނުމަކީ ހަމައެކަނި މުދައްރިސު ވާހަކަދައްކައި، ދަރިވަރުން އަޑުއަހަން ތިބޭ ކަމަކަށް ވެގެން ނުވާނެއެވެ. އުނގެނުމަކީ ދެފަރާތުން ޚިޔާލު ބަދަލުކުރެވޭ، ސުވާލުކުރެވޭ އަދި މަޝްވަރާކުރެވޭ ކަމަކަށް ވާންޖެހެއެވެ. ދަރިވަރުންގެ ވާހަކަތައް ރަނގަޅަށް އަޑުއަހާ މުދައްރިސުންނަށް، އެކުދިންނަށް އޮޅިފައިވާ ކަންކަމާއި، ދިމާވާ ދަތިތަކާއި، އަދި އެކުދިން ޝައުޤުވެރިވާ ކަންކަން ދެނެގަންނަން ފަސޭހަވެއެވެ. ސުވާލުކުރުމަށާއި ޚިޔާލު ފާޅުކުރުމަށް ހިތްވަރު ދިނުމުން، ދަރިވަރުންގެ މުޢާމަލާތުކުރުމުގެ ހުނަރާއި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުވެގެންދެއެވެ.
ކްލާސްރޫމް މެނޭޖްކުރުމާއި ދަރިވަރުންގެ އަޚްލާޤު ހިފެހެއްޓުމަކީވެސް މުހިންމު ބައެކެވެ. މުދައްރިސުންގެ ފަރާތުން ފެންނަ އަދަބު އަޚްލާޤާއި އަދި ދަރިވަރުންނާ މެދު އޮންނަ ގުޅުން ބިނާވާންޖެހޭނީ އިންޞާފާއި، އިޙްތިރާމާއި އަދި އެއްގޮތް އުސޫލުތަކެއްގެ މައްޗަށެވެ. އަޚްލާޤު ހިފެހެއްޓުމަކީ ހަމައެކަނި ކުދިން ކޮންޓްރޯލް ކުރުމެއް ނޫނެވެ، އޭގެ ބަދަލުގައި އެއީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަން ދަސްކޮށްދިނުމާއި، އެހެން މީހުންނަށް އިޙްތިރާމް ކުރަން ދަސްކޮށްދިނުމެވެ. މޮޅު މުދައްރިސުން ކުދިންގެ ކުށްތައް އިޞްލާޙުކުރާނީ އެކުދިންގެ އަބުރާއި ކަރާމާތަށް އުނިކަން ނާންނަ ގޮތަށެވެ. ރަނގަޅު ކަންކަމަށް ހިތްވަރުދީ، އޯގާތެރިކަމާއެކު އިރުޝާދު ދިނުމުން އުނގެނުމަށް ފަހި މާޙައުލެއް އުފެދެއެވެ.
ކިޔަވައިދޭ އެއްޗަކާއި ޢަމަލީ ދިރިއުޅުމާ ގުޅުވައިލުމަކީވެސް ނުހަނު މުހިންމު ކަމެކެވެ. ދަރިވަރުން އުނގެނޭ އެއްޗެއްގެ ބޭނުންތެރިކަން ދިރިއުޅުމުގެ ކަންކަމާ ގުޅޭގޮތުން އެނގުމުން، އެކުދިން އުނގެނުމަށް ހުންނަ ޝައުޤުވެރިކަން އިތުރުވެއެވެ. އެހެންކަމުން، މަންހަޖުގެ މައުޟޫޢުތަކާއި ދަރިވަރުންގެ ދިރިއުޅުމުގެ ތަޖުރިބާތަކާ ގުޅުވައިލުމަކީ މުދައްރިސުން ކުރަންޖެހޭނެ ކަމެކެވެ. މިސާލަކަށް، ހިސާބު އިލްމުގެ މަފްހޫމުތައް ކިޔަވައިދޭއިރު ވަށައިގެންވާ މާޙައުލުން ފެންނަ ޢިމާރާތްތަކުގެ މިންތަކާއި ކަންކަން ބޭނުންކުރެވިދާނެއެވެ. ސައިންސް ފިލާވަޅުތަކުގައި ތިމާވެށީގެ މައްސަލަތަކާއި ކަނޑުގެ ދިރުންތަކުގެ ބޭނުން ހިފިދާނެއެވެ. ރާއްޖޭގެ ތަޢުލީމީ މާޙައުލަށް ބަލާއިރު، އަޅުގަނޑުމެންގެ މާޙައުލާއި، ރަށްރަށުގެ ދިރިއުޅުމާއި، ސަގާފީ ކަންކަމަކީ ކިޔަވައިދިނުން މާނަވީ ކުރުމަށް ބޭނުންކުރެވިދާނެ އަގުހުރި ވަސީލަތްތަކެވެ. މިފަދަ ގޮތްތަކަށް ކިޔަވައިދިނުމުން، ދަރިވަރުންނަށް އުނގެނޭ އެއްޗެއް ހަމައެކަނި އިމްތިޙާނަށް ބޭނުންކުރުމުގެ ބަދަލުގައި، އޭގެ ބޭނުން ދިރިއުޅުމުގެ އެކި ކަންކަމުގައި ހިފަން ދަސްވެއެވެ.

ދަރިވަރުންގެ ކުރިއެރުން ވަޒަންކުރުމާއި، ބިނާކުރަނިވި ގޮތެއްގައި މަޢުލޫމާތު ފޯރުކޮށްދިނުމަކީ (ފީޑްބެކް) އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ފެންވަރު ރަނަގަޅު މުދައްރިސުން ގަބޫލުކުރާ ގޮތުގައި ވަޒަންކުރުމަކީ ހަމައެކަނި މާކްސް ދިނުމެއް ނޫނެވެ. އެއީ ދަރިވަރުންގެ ކުރިއެރުން ދެނެގަނެ، އުނގެނުމުގައި ހުރި ހުރަސްތައް ދެނެގަތުމަށް ބޭނުންކުރާ ވަސީލަތެކެވެ. ދަރިވަރުންނަށް ދޭ ފީޑްބެކް ވާންޖެހޭނީ ވަގުތުން ދެވޭ، ސާފު، އަދި އިޞްލާޙުވާންވީ ކަންކަން އެނގޭ ފަދަ އެއްޗަކަށެވެ. ހަމައެކަނި ކުށްތައް ބުނެދިނުމުގެ ބަދަލުގައި، ދަރިވަރުންނަށް ހާސިލުވީ ކަންކަމާއި، ރަނގަޅުކުރަންޖެހޭ ކަންކަމާއި، އަދި އިތުރަށް ކުރިއަށްދާނެ ގޮތް ބުނެދޭންޖެހެއެވެ. ކުދިން ކުރާ މަސައްކަތުގެ އަގުވަޒަންކޮށް، ކުދިކުދި ކުރިއެރުންތައް ފާހަގަކުރުމަކީ އެކުދިންގެ ހިތްވަރު ގަދަވެ، އިތުބާރު ބޮޑުވާނެ ކަމެކެވެ. މިކަމުގެ ސަބަބުން، ކުށްތަކަކީ ނާކާމިޔާބީއެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އިޞްލާޙުވުމަށް ލިބޭ ފުރުޞަތެއްގެ ގޮތުގައި ދަރިވަރުން ދެކެން ފަށާނެއެވެ.
މީގެ އިތުރުން، ފެންވަރު ރަނގަޅު މުދައްރިސަކީ މެދުކެނޑުމެއް ނެތި އަމިއްލަ ފަންނީ ހުނަރުތައް ތަރައްޤީކުރުމަށް މަސައްކަތްކުރާ މީހެކެވެ. ތަޢުލީމީ ދާއިރާއަކީ މަންހަޖާއި، ކިޔަވައިދޭ އުކުޅުތަކާއި، ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާއެކު އަބަދުވެސް ތަރައްޤީވަމުންދާ ދާއިރާއެކެވެ. އެހެންކަމުން، މުދައްރިސުންނަކީ ހަމައެކަނި ކިޔަވައިދޭން އުޅޭއިރު ދަސްކުރި އެއްޗެއްގެ މައްޗަށް ބަރޯސާވާ ބަޔަކަށް ވެގެން ނުވާނެއެވެ. ވާރކްޝޮޕްތަކާއި، ފަންނީ މަޝްވަރާތަކާއި، އެކަކު އަނެކަކުގެ ކްލާސްތަކަށް ގޮސް ބެލުމާއި، އަދި އައު ޑިޖިޓަލް ވަސީލަތްތައް ދަސްކުރުމަކީ މުދައްރިސުން ކުރަންޖެހޭ ކަންކަމެވެ. އެންމެ މުހިންމު ކަމަކީ، މިގޮތުން ލިބޭ ތަމްރީނުތަކުގެ ބޭނުން ހިފައި، އޭގެ ސަބަބުން ކިޔަވައިދިނުމުގެ ފެންވަރަށް ހެޔޮ ބަދަލެއް ގެނައުމެވެ. އަމިއްލަ މަސައްކަތް ވަޒަންކޮށް، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަންނަ މުދައްރިސުންނަށް ކިޔަވައިދިނުމުގެ ފެންވަރު މަތިކުރަން ފަސޭހަވާނެއެވެ.
މުދައްރިސުންނަކީ ދަރިވަރުންނަށް ނަމޫނާ ދައްކާ ބަޔަކަށް ވާންޖެހެއެވެ. ދަރިވަރުން އުނގެނެނީ ހަމައެކަނި ފޮތްތަކުންނެއް ނޫނެވެ، ނަމަވެސް މުދައްރިސުންގެ ޢަމަލުތަކާއި، އުޅުމާއި، އަދި އެހެން މީހުންނާ ބާއްވާ ގުޅުންތަކުންވެސްމެއެވެ. ވަގުތަށް ކަމޭހިތުމާއި، ތެދުވެރިކަމާއި، އިންޞާފުވެރިކަމާއި، ކެތްތެރިކަމާއި، ޒިންމާދާރުކަމާއި، އަދި އިޙްތިރާމް ކުރުމަކީ މުދައްރިސުންގެ ކިބައިން ފެންނަންޖެހޭ މުހިންމު ސިފަތަކެވެ. މުދައްރިސުންގެ ދުވަހީ މަސައްކަތުގައި މި ސިފަތައް ހުރި ނަމަ، ދަރިވަރުންނަށް އެއީ ހަރުދަނާ އަޚްލާޤެއް ބިނާކުރުމަށް ލިބޭ އަމަލީ ނަމޫނާއެކެވެ. މުދައްރިސަކު ބުނާ ބަހާއި ކުރާ ޢަމަލާ ދިމާނުވާނަމަ، އެ މުދައްރިސަކަށް އޮންނަ އިތުބާރު ކުޑަވެގެންދާނެއެވެ. އެހެންކަމުން، މުދައްރިސެއްގެ ނުފޫޒަކީ ހަމައެކަނި ފިލާވަޅުތަކަށް އޮންނަ އެއްޗެއް ނޫންކަމާއި، އެއީ ދަރިވަރުންގެ ޝަޚްޞިއްޔަތު ބައްޓަންކުރުމަށް އޮންނަ ބާރެއްކަން ދެނެގަންނަންޖެހެއެވެ.

މޮޅު މުދައްރިސެއްގެ އެންމެ ބޮޑު ސިފައަކީ، ތަޢުލީމީ ހުރިހާ މަސައްކަތެއްގެ މަރުކަޒަކީ ދަރިވަރުންގެ ދިގު މުއްދަތުގެ ކުރިއެރުން ކަމުގައި ހެދުމެވެ. ކިޔެވުމުގެ ނަތީޖާއާއި އިމްތިޙާނުގެ މާކްސްއަކީ މުހިންމު ކަންކަމަށް ވީނަމަވެސް، އެއީ ކާމިޔާބު ކިޔަވައިދިނުން ވަޒަންކުރާ ހަމައެކަނި މިންގަނޑެއް ނޫނެވެ. ތަޢުލީމުގެ ތެރެއިން އުފެއްދުންތެރިކަމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި، ގުޅިގެން މަސައްކަތްކުރުމާއި، މުޢާމަލާތުކުރުމާއި، އަދި އަމިއްލައަށް ފިކުރުކުރުމުގެ ހުނަރު އުފައްދަންޖެހެއެވެ. ދަރިވަރުން އަމިއްލަ ލަނޑުދަނޑިތައް ކަނޑައެޅުމަށާއި، ގޮންޖެހުންތަކުން އަރައިގަތުމަށް މުދައްރިސުން ހިތްވަރުދޭންޖެހެއެވެ. ތަޢުލީމުގެ އަސްލު މަޤްޞަދަކީ ހަމައެކަނި އިމްތިޙާނަކަށް ކުދިން ތައްޔާރުކުރުމެއް ނޫނެވެ، ނަމަވެސް މުޖުތަމަޢަށް ފައިދާހުރި މީހަކަށް ވުމަށް ބޭނުންވާ އިލްމާއި ހުނަރާއި ސިފަތައް ދަރިވަރުންގެ ކިބައިގައި އަށެގެންނެވުމެވެ.
މިކަމަށްޓަކައި، މުދައްރިސުން އަބަދުވެސް އަމިއްލަ ނަފްސާ މުހިންމު ސުވާލުތަކެއް ކުރަންޖެހެއެވެ. ހުރިހާ ދަރިވަރުންނަށްވެސް އުނގެނުމުގެ ހަމަހަމަ ފުރުޞަތު ލިބޭތޯ؟ ބޭނުންކުރާ އުކުޅުތަކަކީ ތަފާތު ފެންވަރުގެ ކުދިންނަށް އެކަށީގެންވާ އެއްޗެއްތޯ؟ ކްލާހުގައި ކުރާ ކަންކަމުން ކުދިން އަމިއްލައަށް ފިކުރުކުރަން ހިތްވަރު ލިބޭތޯ؟ އަދި އެންމެ މުހިންމު ކަމަކީ، މިއަދު ފޯރުކޮށްދޭ އުނގެނުމުގެ ތަޖުރިބާތަކަކީ މާދަމާގެ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދަރިވަރުން ތައްޔާރުކޮށްދޭ ކަންކަންތޯއެވެ؟ މިފަދަ ސުވާލުތަކާ މެދު ތެދުވެރިކަމާއެކު ވިސްނުމުން، މުދައްރިސުންނަށް އެމީހުންގެ މަސައްކަތް އިތުރަށް ހަރުދަނާކުރަން ފަސޭހަވާނެއެވެ.
އެހެންނަމަވެސް، ފެންވަރު ރަނަގޅު ކިޔަވައިދިނުމަކީ ހަމައެކަނި ވަކި މުދައްރިސެއްގެ ޒިންމާއެއް ނޫނެވެ. ސްކޫލުގެ އިސްވެރިންނާއި، މާޙައުލާއި، ވަސީލަތްތަކާއި، އަދި އެކަކު އަނެކަކަށް އެހީތެރިވުމުގެ އާދައަކީވެސް މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ސްކޫލްތަކުގެ ވެރިންނަކީ މުދައްރިސުންނަށް ބޭނުންވާ އިރުޝާދާއި އެހީތެރިކަން ފޯރުކޮށްދޭ، އަދި އައު ކަންކަން ތަޖުރިބާކުރުމަށް ހިތްވަރުދޭ ބަޔަކަށް ވާންޖެހެއެވެ. މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކޮށް، ބޭނުންވާ ވަސީލަތްތައް ފަހިކޮށްދޭ މާޙައުލެއްގައި، ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަށް ފަސޭހަވާނެއެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު، ހުރިހާ ރަށެއްގައިވެސް ހަމަހަމަ ފުރުޞަތުތަކެއް ދިނުމަށްޓަކައި ކިޔަވައިދިނުމުގެ ފެންވަރު މަތިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ވަސީލަތްތަކާއި މުވައްޒަފުންގެ ތަފާތުތައް ހުރި ނަމަވެސް، ހަރުދަނާ ތަޢުލީމީ އިސްވެރިންނާއި ދެމެހެއްޓެނިވި ފަންނީ އެހީތެރިކަން މިކަމަށް ބޭނުންވެއެވެ. ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަކީ މުދައްރިސުންނާއި، ސްކޫލްގެ ވެރިންނާއި، ބެލެނިވެރިންނާއި، ތަޢުލީމީ އިދާރާތަކުގެ އިތުރުން މުޅި މުޖުތަމަޢުގެ ބައިވެރިވުން ބޭނުންވާ ކަމެކެވެ. މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި ކުރިއަށްދާނެ ފުރުޞަތުތައް ފަހިކޮށްދިނުމުން، ކްލާސްރޫމުގައި ދިމާވާ ގޮންޖެހުންތަކާ ކުރިމަތިލައި، އުނގެނުމުގެ ނަތީޖާ ރަނގަޅުކުރުމަށް އެބޭފުޅުންނަށް ފަސޭހަވާނެއެވެ.
މީގެ އިތުރުން، ފަންނީ މޮޅުކަމަކީ ވަކި ހިސާބަކުން ނިމޭ ކަމެއްގެ ބަދަލުގައި، އެއީ މެދުކެނޑުމެއް ނެތި ކުރިއަށްދާނެ މަސައްކަތެއްގެ ގޮތުގައި ސްކޫލްތަކުން ބަލައިގަންނަންޖެހެއެވެ. ކޮންމެ މުދައްރިސަކީވެސް، ކިތަންމެ ތަޖުރިބާކާރު ނަމަވެސް، އިތުރަށް އިޞްލާޙުވާން ޖާގަ އޮންނާނެ މީހެކެވެ. ފަންނީ ކުރިއެރުން ހާސިލުކުރެވޭނީ އިޞްލާޙީ ފާޑުކިޔުންތަކަށް މަރުޙަބާ ކިޔައި، އައު އުކުޅުތައް ތަޖުރިބާކޮށް، އެކުގައި މަސައްކަތްކުރާ މީހުންނާ ޚިޔާލު ބަދަލުކޮށްގެންނެވެ. ދަރިވަރުންގެ ކާމިޔާބީއަށް އިޚްލާޞްތެރިކަމާއެކު މަސައްކަތްކުރާ މުދައްރިސުންނަށް، ތަޢުލީމީ ދާއިރާގެ މޮޅުކަން ހާސިލުކުރެވޭނީ މެދުކެނޑުމެއް ނެތް މަސައްކަތުންނެވެ.

ނިންމާލަމުން ދަންނަވާނަމަ، ފެންވަރު ރަނގަޅު މުދައްރިސެއްގެ އަގު ވަޒަންކުރެވޭނީ ހަމައެކަނި ނަގައިދޭ ފިލާވަޅުތަކުގެ އަދަދަކުން ނުވަތަ އިމްތިޙާނުގެ މާކްސްތަކަކުން ނޫނެވެ. އެކަން ފެންނާނީ ދަރިވަރުންގެ ކިބައިގައި އުފެދޭ އަމިއްލަ އިތުބާރާއި، ކަންކަން ދެނެގަތުމަށް ހުންނަ ޝައުޤުވެރިކަމާއި، މުދައްރިސުން ދައްކާ ރީތި ނަމޫނާއާއި، އަދި ދަރިވަރުންގެ މުސްތަޤްބަލަށް ކުރާ ހެޔޮ އަސަރުތަކުންނެވެ. ކާމިޔާބު ކިޔަވައިދިނުން ބިނާވެފައިވަނީ ފިލާވަޅުތަކަށް ރަނގަޅަށް ތައްޔާރުވުމާއި، ހުރިހާ ކުދިން ބައިވެރިކުރުމާއި، ސާފު މުޢާމަލާތާއި، އިޙްތިރާމާއެކު އަޚްލާޤު ހިފެހެއްޓުމާއި، ޢަމަލީ ދިރިއުޅުމާ ގުޅޭ ތަޖުރިބާތައް ހޯދައިދިނުމާއި، އަދި ދަރިވަރުންގެ ކުރިއެރުމަށް ދޭ އަހައްމިއްޔަތުގެ މައްޗަށެވެ.
މޮޅު މުދައްރިސުންނަކީ ހަމައެކަނި މާއްދާތައް ކިޔަވައިދޭ ބައެއް ނޫނެވެ؛ އެއީ ދަރިވަރުންގެ ފިކުރުތައް ހޭލައްވާލައި، ހުނަރުތައް ތަރައްޤީކޮށް، އަޚްލާޤު ވަރުގަދަކޮށް، މުޖުތަމަޢުގެ މުސްތަޤްބަލު ބައްޓަންކޮށްދޭ ބައެކެވެ. އެބޭފުޅުންގެ އެންމެ ބޮޑު ކާމިޔާބީއަކީ ހަމައެކަނި ދަރިވަރުން ހަނދާން ހުންނަ ފިލާވަޅުތަކެއް ނޫނެވެ، ނަމަވެސް އެ އުނގެނުމުގެ ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންނަށް އަމިއްލައަށް ފިކުރުކުރަން އެނގުމާއި، ޒިންމާދާރުކަމާއެކު އުޅެން ދަސްވުމާއި، އަދި މުޅި ދިރިއުޅުމުގައި ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމުގެ ޤާބިލިއްޔަތު ލިބުމެވެ.
އެހެންކަމުން، ތަޢުލީމީ ފެންވަރު މަތިވަނީ ހަމައެކަނި މަދު ފަހަރަކު ކުރެވޭ ތަފާތު ކަންތައްތަކަކުން ނޫނެވެ. އޭގެ ބަދަލުގައި، އެއީ ކޮންމެ ދުވަހެއްގެ ފަންނީ ޒިންމާތައް އިޚްލާޞްތެރިކަމާއި، ތެދުވެރިކަމާއި، އޯގާތެރިކަމާއެކު އަދާކުރުމުންނެވެ. މުދައްރިސުން މި ސިފަތަކާއެކު މަސައްކަތްކުރާ ނަމަ، އެކަމުގެ ސަބަބުން ކްލާސްރޫމްތަކުގެ ފެންވަރު ރަނގަޅުވެ، އުނގެނުމުގެ ނަތީޖާ މަތިވުމުގެ އިތުރުން، ޤާބިލު، އިތުބާރު ހުރި، އަދި ޒިންމާދާރު މުސްތަޤްބަލުގެ ޖީލެއް ބިނާވެގެންދާނެއެވެ.
advertisment
ހިޔާލު