އަހަރެއްގެ ތެރޭގައި މުދައްރިސުންގެ އާބާދީން 150 އަށްވުރެ ބޮޑު ދަށްވުމެއް

ރާއްޖޭގައި ކިޔަވައިދޭ މުދައްރިސުންގެ އަދަދު 2024 ވަނަ އަހަރާ އަޅާބަލާއިރު 2025 ވަނަ އަހަރު 153 މުދައްރިސުން މަދު ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، 2025 ވަނަ އަހަރު ސަރުކާރާއި އަމިއްލަ ސްކޫލްތައް ހިމެނޭހެން ޖުމްލަ 11،381 މުދައްރިސުން ވަނީ ޚިދުމަތްކޮށްފައެވެ. 2024 ވަނަ އަހަރު ޚިދުމަތް ކުރި މުދައްރިސުންގެ އަދަދަކީ 11،534 އެވެ. މިއީ 153 މުދައްރިސުންގެ ދަށްވުމެކެވެ. އެއީ 146 އަންހެން މުދައްރިސުންނާއި ހަތް ފިރިހެން މުދައްރިސުންނެވެ.

އެ އިދާރާގެ ހިސާބުތަކުން އެނގޭ ގޮތުގައި 2025 ވަނަ އަހަރު ޚިދުމަތުގައި ތިބީ 8،843 އަންހެން މުދައްރިސުންނާއި 2،538 ފިރިހެން މުދައްރިސުންނެވެ.

މީގެ އިތުރުން، 2024 ވަނަ އަހަރު މަސައްކަތްކުރި މުދައްރިސުންގެ ތެރޭގައި ހިމެނެނީ 8،924 ދިވެހި މުދައްރިސުންނާއި 2،457 ބިދޭސީ މުދައްރިސުންނެވެ.

ތައުލީމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، މުދައްރިސުންގެ ތެރޭގައި ޖިންސުގެ ތަފާތު އަންނަނީ ބޮޑުވަމުންނެވެ. 2018 ވަނަ އަހަރު ޚިދުމަތް ކުރި އަންހެން މުދައްރިސުންގެ އަދަދަކީ 6626އެވެ. ފިރިހެން މުދައްރިސުންގެ އަދަދަކީ 2960އެވެ. 2018އިން 2024 ވަނަ އަހަރަށް ބަލާއިރު އިތުރު 2363 އަންހެން މުދައްރިސުން ޚިދުމަތަށް ނުކުމެފައިވެއެވެ. މި މުއްދަތުގައި ޚިދުމަތް ކުރި ފިރިހެން މުދައްރިސުންގެ އަދަދު 2022-2023 ވަނަ އަހަރު އިތުރުވި ނަމަވެސް 2024 ވަނަ އަހަރާ ހަމައަށް އައިއިރު، 415 މުދައްރިސުން ވަނީ މަދުވެފައެވެ.

މުދައްރިސުންގެ އަދަދު މަދުވުމުގެ މައްސަލަ ގައުމީ މައްސަލައަކަށްވެފައިވާއިރު، އެ މައްސަލައަށް އެކަށީގެންވާ ހައްލެއް ހޯދުމަށް މުދައްރިސުން ތަމްރީނު ކުރުމުގެ އައު ގޮތްތަކެއް ތައުލީމާ ބެހޭ ވުޒާރާއިން އަންނަނީ ތައާރަފުކޮށް މަސއްކަތް ކުރަމުންނެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *