މުދައްރިސުންގެ އަގުވަޒަންކުރުމުގެ ގޮތުން "ދަރިވަރު" ނޫހުން ޚާއްޞަ ކެމްޕޭނެއް

މުދައްރިސުންގެ މަސައްކަތުގެ އަގުވަޒަންކުރުމަށް ދަރިވަރު ނޫހުން އިން ޚާއްޞަ ކެމްޕޭނެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މި ކެމްޕޭނަކީ މުދައްރިސުންގެ ހިދުމަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ކިޔަވައިދިނުމުގެ ދާއިރާއަށް އޮންނަ އިޙްތިރާމާއި ޤަދަރު އިތުރުކުރުމަށް ފަށާ ކެމްޕޭނެކެވެ.

ގައުމެއްގެ ކުރިމަގު ބައްޓަންކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ބަޔަކީ މުދައްރިސުންނެވެ. ކްލާސްރޫމްތަކުގައި ފިލާވަޅު އުނގަންނައިދިނުމުގެ އިތުރުން، ދަރިވަރުންނަށް މަގުދައްކައި، އެކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބިނާކޮށްދީ، ހުނަރުތައް ތަރައްގީކުރުމާއި، ޒިންމާދާރު ބަޔަކަށް ހެދުމަށް މުދައްރިސުން ނުހަނު ބޮޑު މަސައްކަތްތަކެއް ކުރެއެވެ. ނަމަވެސް، އެ ފަރާތްތަކުން ކޮންމެ ދުވަހަކު ކުރާ މި އަގުހުރި މަސައްކަތްތަކުގެ މުހިންމުކަން ފުރިހަމައަށް ވަޒަންކުރެވޭ ފަހަރު އަންނަނީ މަދުންނެވެ.

މި ކެމްޕޭނުގެ މަގްސަދަކީ މުދައްރިސުންގެ އަޑާއި ތަޖުރިބާތަކަށް އިސްކަންދީ، އެބޭފުޅުންގެ މަސައްކަތާއި، ކުރިމަތިވާ ގޮންޖެހުންތަކާއި، ހޯދާފައިވާ ކާމިޔާބީތަކާއި ހިޔާލުތައް މުޅި މުޖުތަމައާ ހިއްސާކުރެވޭނެ މާހައުލެއް ގާއިމުކުރުމެވެ.

މުދައްރިސުންގެ އަޑު އިއްވައިދިނުން

މި ކެމްޕޭނުގެ ދަށުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރާ މުދައްރިސުންގެ ޕްރޮފައިލްތަކާއި، އިންޓަވިއުތަކާއި، އަމިއްލަ ތަޖުރިބާތަކުގެ އިތުރުން، ފާހަގަކޮށްލެވޭ ފަދަ އިބުރަތްތެރި ވާހަކަތައް "ދަރިވަރު" ނޫހުން ގެނެސްދޭނެއެވެ.

މުދައްރިސުންގެ ކިޔަވައިދިނުމުގެ ދަތުރާއި، ހަނދާނުން ފުހެލަން ދަތި ތަޖުރިބާތަކާއި، އުނގަންނައިދިނުމުގައި ބޭނުންކުރާ އާ އުކުޅުތަކުގެ އިތުރުން، ގޮންޖެހުންތަކުން އަރައިގަތް ގޮތާއި ދަރިވަރުންގެ ކުރިއެރުމަށް ކޮށްދީފައިވާ މަސައްކަތްތައް ހިއްސާކުރުމަށް މި ކެމްޕޭނުގައި ފުރުސަތު ހުޅުވާލެވޭނެއެވެ.

މީގެއިތުރުން، ތައުލީމީ ދާއިރާއަށް އާ އީޖާދީ ބަދަލުތައް ގެނެސްދީފައިވާ މުދައްރިސުންނާއި، އުނގެނުމުގައި ދަތިތައް ކުރިމަތިވާ ދަރިވަރުންނަށް އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކާއި، މުޖުތަމައަށް ހިދުމަތްކުރާ މުދައްރިސުންގެ މަސައްކަތްތައްވެސް ފާހަގަކުރެވޭނެއެވެ.

މަސައްކަތުގެ އަގުވަޒަންކުރުން

މި ކެމްޕޭނުގެ މައިގަނޑު އެއް އަމާޒަކީ މުދައްރިސުން ކުރާ ބުރަ މަސައްކަތާމެދު އާންމުން ހޭލުންތެރިކުރުވުމެވެ.

ކިޔަވައިދިނުމަކީ ދުރާލާ ތައްޔާރުވުމާއި، ކެތްތެރިކަމާއި، އުފެއްދުންތެރިކަމުގެ އިތުރުން ނަފްސާނީ ގޮތުންވެސް ބޮޑު ގުރުބާނީއެއް ވާންޖެހޭ މަސައްކަތެކެވެ. މުދައްރިސެއްގެ ހިދުމަތަކީ ހަމައެކަނި ކްލާސްރޫމުގައި ހޭދަކުރާ ވަގުތުން ނުވަތަ ނަގައިދޭ ފިލާވަޅުގެ އަދަދުން މިންކުރެވޭނެ ކަމެއް ނޫނެވެ.

"ދަރިވަރު" ނޫހުން ގަބޫލުކުރާ ގޮތުގައި މުދައްރިސުންގެ އަގުވަޒަންކުރުމަކީ ހަމައެކަނި ބަހުން ބުނެލާ ޝުކުރަކުން ނިންމާލެވޭނެ ކަމެއް ނޫނެވެ. އެބޭފުޅުންގެ ފަންނީ ބަރުދަނާއި، ތަޖުރިބާ އާއި، އުފުލާ ޒިންމާތަކަށް ހައްގުވާ އިހުތިރާމާއި ޤަދަރު ދޭންޖެހެއެވެ.

އެހެންކަމުން، މުދައްރިސުންގެ މަސައްކަތުގެ މާހައުލާއި، ކުރިއަށް ދިއުމުގެ ފުރުސަތުތަކާއި، އެބޭފުޅުންގެ ދުޅަހެޔޮކަމުގެ އިތުރުން ތައުލީމީ ނިޒާމު ހަރުދަނާކުރުމުގައި މުދައްރިސުންގެ ދައުރާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށް މި ކެމްޕޭނުން ބާރުއަޅާނެއެވެ.

ހިތްވަރު ލިބިދޭ ވާހަކަތައް ހިއްސާކުރުން

ސްކޫލްތަކާއި ކްލާސްރޫމްތަކުން ފެންނަ އުންމީދީ ވާހަކަތައް ގެނެސްދިނުމަށްވެސް "ދަރިވަރު" ނޫހުން އިން އިސްކަންދޭނެއެވެ.

ދަރިވަރުންގެ ދިރިއުޅުން ބަދަލުކޮށްލި މުދައްރިސުންނާއި، އުނގެނުމަށް އުނދަގޫ ދަރިވަރުންނަށް އެހީތެރިވި ފަރާތްތަކާއި، ދަތި އުނދަގޫ ހާލަތްތަކުގައިވެސް ހިދުމަތުގައި ދެމިތިބި މުދައްރިސުންގެ ވާހަކަތަކުން، އެ މަސައްކަތުގެ އިންސާނީ އަގު މުޖުތަމައަށް ހާމަވެގެންދާނެއެވެ.

ދަރިވަރުންނާއި، ބެލެނިވެރިންނާއި، ސްކޫލްތަކުގެ އިސްވެރިންނާއި، މުޖުތަމައުގެ ފަރުދުންނަށްވެސް، އެބޭފުޅުންގެ ހަޔާތަށް ހެޔޮ ބަދަލެއް ގެނެސްދިން މުދައްރިސުންގެ ވާހަކަތައް ހިއްސާކުރުމަށް މި ކެމްޕޭނުގައި ފުރުސަތު ލިބިގެންދާނެއެވެ.

މުދައްރިސުންނަށް އޮންނަ އިހުތިރާމް އިތުރުކުރުން

މި ކެމްޕޭނުގެ މަގްސަދަކީ ހަމައެކަނި ދާއިރާގައި ހުރި މައްސަލަތައް ދެއްކުމެއް ނޫނެވެ. އޭގެ ބަދަލުގައި، މިއީ ކިޔަވައިދިނުމުގެ ދާއިރާއާ މެދު އުފެއްދުންތެރި އަދި ހެޔޮވިސްނުމުގެ މާހައުލެއް ބިނާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މުދައްރިސުންނާއި، ދަރިވަރުންނާއި، ބެލެނިވެރިން އަދި ތައުލީމީ ދާއިރާގެ އެންމެހާ ފަރާތްތަކުގެ އަޑު އެއްތަނަކުން އިއްވައިދީ، ގައުމީ ތަރައްގީގައި މުދައްރިސުން އަދާކުރާ މުހިންމު ދައުރުގެ އަގުވަޒަންކުރާ ސަޤާފަތެއް އުފެއްދުމަކީ "ދަރިވަރު" ނޫހުގެ އުންމީދެކެވެ.

ތައުލީމުގެ ބިންގާ އެޅެނީ ކްލާސްރޫމުން ކަމުގައިވީ ނަމަވެސް، ހުނަރުވެރި މުދައްރިސެއްގެ ނުފޫޒު އިންސާނެއްގެ މުޅި ހަޔާތުގައި ދެމިއޮވެއެވެ.

މި ހާއްސަ ކެމްޕޭނުގެ ޒަރީއާއިން "ދަރިވަރު ނޫހުން މަސައްކަތްކުރަނީ މުދައްރިސުންގެ ހިދުމަތްތައް ފާހަގަކޮށް، މުޖުތަމައުގައި އެބޭފުޅުންނަށް އޮންނަންޖެހޭ ހައްގު މަގާމު ހޯދައިދިނުމަށެވެ.

ސަބަބަކީ، މުދައްރިސުންގެ އަގުވަޒަންކުރުމަކީ ތައުލީމުގެ އަގުވަޒަންކުރުން ކަމަށްވެފައި، ތައުލީމަށް ދެވޭ އަހަންމިއްޔަތަކީ ގައުމުގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު އިންވެސްޓްމަންޓަށް ވާތީއެވެ.

ދަރިވަރު ނޫހަކީ ތައުލީމީ ދާއިރާއަށް ޚާއްޞަކޮށްގެން ރާއްޖޭގައި ނެރެމުން އަންނަ ހަމައެކަނި ނޫހުވެ. މެދުކެނޑުމެއްނެތި އެ ނޫސް ނެރެމުންދާތާ މިއީ ހަތްވަނަ އަހަރެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *