ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން "އެމްއެންޔޫ އެޖް 2026″ގެ ނަމުގައި މުވައްޒަފުންނަށް ޚާއްޞަކޮށްގެން ކޮންފަރެންސެއް ފަށައިފިއެވެ. މި ކޮންފަރެންސް ފެށީ ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކިޔަވައިދިނުމާއި އައު އީޖާދުތަކަށް ބާރުއަޅަމުންނެވެ. މިއީ އުނގަންނައިދިނުމާއި އުނގެނުމުގެ ދާއިރާއަށް ޚާއްޞަކޮށްގެން އެ ޔުނިވަރސިޓީން އެކަޑަމިކް މުވައްޒަފުންނަށް ބާއްވާ މިފަދަ ފުރަތަމަ ކޮންފަރެންސެވެ. މި ކޮންފަރެންސްގެ މަޤްޞަދަކީ ތަޢުލީމުގެ ފެންވަރު މަތިކުރުމާއި، ހެކިތަކުގެ މައްޗަށް ބިނާކޮށް ކިޔަވައިދިނުމުގެ އުޞޫލުތައް ހަރުދަނާކޮށް، މެދުނުކެނޑި ކަންކަން އިޞްލާޙުކުރުމަށް ޔުނިވަރސިޓީން ކުރާ މަސައްކަތްތައް ވަރުގަދަކުރުމެވެ.
މި ކޮންފަރެންސް ހުޅުވައި ދެއްވައި، ވައިސް ޗާންސެލަރު ޑރ. އާޢިޝަތު ޝެހެނާޒު އާދަމް ވަނީ "އެމްއެންޔޫ ޓީޗިންގ އިނޮވޭޝަން ގްރާންޓް" ތަޢާރަފުކޮށްފައެވެ.
މި ގްރާންޓަކީ ދަށުން، ކިޔަވައިދިނުމުގައި ދިމާވާ ގޮންޖެހުންތައް ދިރާސާކުރުމަށާއި، އައު އުޞޫލުތައް ތަޢާރަފްކޮށް އޭގެ ނަތީޖާ ވަޒަންކުރުމަށް އެކަޑެމިކް މުވައްޒަފުންނަށް ފުރުޞަތު ލިބޭނެއެވެ. މިކަމުގައި އެކި ފެކަލްޓީތަކާއި ކެމްޕަސްތަކުގެ މެދުގައި ގުޅުން ބަދަހިކުރުމަށް އިސްކަންދޭނެއެވެ.

މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ތަޤުރީރު ކުރައްވަމުން ވައިސް ޗާންސެލަރ ޢާއިޝަތު ޝެހެނާޒް އާދަމް ވިދާޅުވީ، ހަމައެކަނި ކިޔަވައިދޭ އެއްޗަކަށް ސަމާލުކަން ދިނުމުގެ ބަދަލުގައި، ދަރިވަރުންނަށް އުނގެނެވެނީ ކިހާވަރަކަށްތޯ ބެލުމަށް އެކަޑެމިކް މުވައްޒަފުންނަށް ގޮވާލައްވާފައެވެ. "ދަރިވަރުންނަށް އުނގެނޭކަން އަހަރެމެންނަށް އެނގެނީ ކިހިނެއް؟" މި ޝިއާރުގެ ދަށުން ދެއްކެވި ވާހަކަފުޅުގައި، ދަރިވަރުންގެ މަސައްކަތްތަކާއި، އިމްތިޙާނުތަކާއި، ކްލާސްތަކުގައި ބައިވެރިވާ މިންވަރާއި، ފީޑްބެކް އަދި ދިރާސާތަކުން ލިބޭ ހެކިތައް ބޭނުންކޮށްގެން ކިޔަވައިދިނުން އިޞްލާޙުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ވައިސް ޗާންސެލަރ އިތުރަށް ވިދާޅުވީ، ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ކިޔަވައިދިނުމަކީ ހަމައެކަނި ދިރާސާތަކުން ބުނާ ގޮތަށް ކިޔަވައިދިނުން ނޫން ކަމަށެވެ. އޭގެ ބަދަލުގައި، ދިރާސާތަކުން ލިބޭ މަޢުލޫމާތާއެކު މުދައްރިސުންގެ ތަޖުރިބާއާއި، ދަރިވަރުންގެ ފެންވަރު އަދި ކިޔަވައިދޭ މާޙައުލަށް ރިޢާޔަތްކުރުން މުހިންމު ކަމަށެވެ. އަދި އެ މީހަކު ކިޔަވައިދޭ ދާއިރާއަކުން އެންމެ ފަހުގެ ދިރާސާތަކަށް އަހުލުވެރިވުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން މަތީ ތަޢުލީމަށް އަންނަމުންދާ ބަދަލުތަކަށްވެސް ވައިސް ޗާންސެލަރ އަލިއަޅުވާލެއްވިއެވެ. އެއީ ހަމައެކަނި މަނާކުރަންޖެހޭ ނުވަތަ ބޭނުންކުރަންޖެހޭ އެއްޗެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، ދަރިވަރުން އުނގެނެންވީ ކޮން ކަންތައްތަކެއްތޯއާއި، މިހާރު ހުރި އިމްތިޙާނު ކުރުމުގެ އުޞޫލުތަކުން ދަރިވަރުންގެ އުނގެނުން ރަނގަޅަށް ވަޒަންކުރެވޭތޯ އަލުން ވިސްނުމަށް އިރުޝާދު ދެއްވިއެވެ. ކިޔަވައިދިނުމުގައި އައު އީޖާދުތައް ގެންނަންވާނީ ވަކި މަޤްޞަދެއް އޮވެގެން ކަމަށާއި، އައު ޓެކްނޮލޮޖީއެއް ނުވަތަ ވަޞީލަތެއް ބޭނުންކުރުމަކީ އޭގެ ޒާތުގައި އުނގެނުން ރަނގަޅުވާނެ ކަމެއް ނޫންކަން ފާހަގަކުރެއްވިއެވެ. މިގޮތުން "މަޤްޞަދަކާއެކު އީޖާދުކުރުމާއި، ހެކިތަކާއެކު ވަޒަންކުރުން" އިސްކުރުމަށް އެދިވަޑައިގެންނެވިއެވެ.

އަދި ކްލާސްތަކުގައި ދިމާވާ ސުވާލުތަކަކީ ދިރާސާކުރުމަށް ލިބޭ ފުރުޞަތުތަކެއްގެ ގޮތުގައި ދެކުމަށްވެސް މުވައްޒަފުންނަށް ހިތްވަރު ދެއްވިއެވެ.
"އެމްއެންޔޫ އެޖް" އަކީ ކާމިޔާބީ ހޯދުނު ކަންތައްތަކުގެ އިތުރުން، އުންމީދުކުރި ނަތީޖާ ނުލިބުނު ކަންތައްތަކާއި އެކަންކަމުން ލިބުނު ފިލާވަޅުތައް އެކަކު އަނެކަކާ ހިއްސާކުރާނެ މަންސައެއް ކަމަށް އެމްއެންޔޫއިން ބުނެއެވެ.
ތަޤުރީރު ނިންމަވާލައްވަމުން ވައިސް ޗާންސެލަރ ވަނީ ކިޔަވައިދިނުމުގައި ތިން ސުވާލެއް އަބަދުވެސް ހިތުގައި ބެހެއްޓުމަށް އެދިވަޑައިގެންފައެވެ. އެއީ: "މަގޭ ދަރިވަރުންނަށް އުނގެނެނީ ކޮން އެއްޗެއް ހެއްޔެވެ؟"، "އެކަން އަހަންނަށް އެނގެނީ ކިހިނެއް ހެއްޔެވެ؟" އަދި "މިއަށްވުރެ ރަނގަޅަށް އަހަންނަށް ކުރެވޭނީ ކޮން ކަމެއް ހެއްޔެވެ؟"
advertisment
ހިޔާލު