ޔުނިވަރސިޓީ ޑިގްރީއަކީ ގިނަ ފަހަރަށް ޒުވާނަކު އަމަލީ މައިދާނަށް ނުކުތުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގެ ފަހުގެ ހެއްކެއްގެ ގޮތުގައި ބަލެވެއެވެ. އަހަރުތަކެއް ވަންދެން ކިޔެވި ކިޔެވުމާއި، އިމްތިހާނުތަކާއި، އެސައިންމަންޓްތަކުގެ އެހީގައި ދަސްވެނީން ޒިންމާދާރު ބޮޑެތި މީހުންގެ ގޮތުގައި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމަށް ތައްޔާރުވާނެ ކަމަށް އުންމީދު ކުރެވެއެވެ. ނަމަވެސް، މަތީ ތައުލީމު ހާސިލުކޮށްފައިވާ ބައެއް ޒުވާނުން ވަޒީފާއަށް ނުކުތުމަށްފަހު އަޚުލާގާއި، އަދަބުވެރިކަމާއި، ޒިންމާދާރުކަމާއި، ތެދުވެރިކަމުގެ އިތުރުން މުއާމަލާތްކުރުމުގެ ހުނަރުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހެނީ ކީއްވެގެންތޯ މިއީ މިއަދު ވަޒީފާދޭ ފަރާތްތަކާއި ތައުލީމީ މާހިރުންގެ މެދުގައި އުފެދޭ މުހިންމު ސުވާލެކެވެ.
މީގެ މާނައަކީ ހުރިހާ ދަސްވެނިންގެ ކިބައިގައި މި ސިފަތައް ނެތް ވާހަކައެއް ނޫނެވެ. ގިނަ ޒުވާނުން ތައުލީމީ މަރުކަޒުތަކުން ނުކުންނަނީ ހަރުދަނާ އުސޫލުތަކާއި، މޮޅު ހުނަރުތަކާއެކު މުޖުތަމައަށް ޚިދުމަތްކުރުގެ އިޚުލާޞްތެރި ނިޔަތުގައެވެ. އެހެންނަމަވެސް، ތައުލީމީ ކާމިޔާބީއާއި މަސައްކަތުގެ މާހައުލަށް ތައްޔާރުވެފައިވާ މިންވަރާ ދެމެދު އޮތް ފަރަގަކީ މިއަދު އިތުރަށް ސަމާލުކަން ދޭންޖެހިފައިވާ މައްސަލައެކެވެ.
ޑިގްރީއަކީ ވަޒީފާއަށް ތައްޔާރުވުމެއް ނޫން
ތައުލީމުން މީހާއަށް އިލްމު އުނގަންނައިދެއެވެ. ނަމަވެސް، ހަމައެކަނި އިލްމު އުނގެނުމަކީ އޭގެ ޒާތުގައި މީހާގެ ކިބައިގައި މަސައްކަތުގެ އަޚުލާގު އަށަގަންނުވައިދޭ ކަމެއް ނޫނެވެ.
ކިޔަވާ ކުއްޖަކު އިމްތިހާނުތަކުން އެންމެ މަތީ މާކްސް ހޯދި ނަމަވެސް، އެހެން މީހުންނާ އިހުތިރާމާއެކު މުއާމަލާތްކުރުމާއި، ފާޑުކިޔުންތައް ބަލައިގަތުމާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ވަގުތަށް ސަމާލުކަން ދިނުމުގައި ނުކުޅެދިދާނެއެވެ. އަނެއްކޮޅުން، ކިޔެވުމުގައި މެދުމިންވަރެއްގެ ނަތީޖާއެއް ހޯދާ ކުއްޖަކީ އިތުބާރު ހުރި، އިސްނަގާ، ތެދުވެރި އަދި އުނގެނުމަށް ލޯބިކުރާ މީހަކަށް ވެދާނެއެވެ.
ނޭޝަނަލް އެސޯސިއޭޝަން އޮފް ކޮލެޖަސް އެންޑް އެމްޕްލޯޔަރސް (ނޭސް) އިން 2026 ވަނަ އަހަރަށް އަމާޒުކޮށް ހެދި ދިރާސާއަކުން ދައްކާގޮތުގައި، ވަޒީފާދޭ ފަރާތްތަކުން އެންމެ ބޮޑު އިސްކަމެއް ދެނީ މުއާމަލާތްކުރުމުގެ ހުނަރާއި، ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމާއި، ޕްރޮފެޝަނަލް އަޚުލާގާއި، ފުންކޮށް ވިސްނުމުގެ ހުނަރަށެވެ. ދަސްވެނިން ތައުލީމީ ގޮތުން ތައްޔާރުވެފައިވާ ކަމަށް ގަބޫލުކުރެވުނު ނަމަވެސް، މި ދެންނެވި ދާއިރާތަކުން ކުރިއެރުން ބޭނުންވާކަން ވަޒީފާދޭ ފަރާތްތަކުން ފާހަގަކުރެއެވެ.
އެހެންކަމުން، އުފައްދަންޖެހޭ ސުވާލަކީ "ދަސްވެނީން ކިޔެވީ ކޮން އެއްޗެއްތޯ؟" އެކަންޏެއް ނޫނެވެ. އޭގެ ބަދަލުގައި "އެ ތައުލީމުގެ ތެރެއިން އެ ދަސްވެނީންވީ ކޮން ކަހަލަ މީހަކަށްތޯ" ؟ ބަލަންޖެހެއެވެ.
ތަޢުލީމީ ކާމިޔާބީއާއި ސަޚުޞިއްޔަތުގެ ތަފާތު
ތައުލީމީ ނިޒާމުތައް ބައްޓަންވެފައިވަނީ ވަޒަންކުރެވޭ ނަތީޖާތަކެއްގެ މައްޗަށެވެ. އެއީ އިމްތިހާނުތަކާއި، މާކްސްތަކާއި އަދި ސަނަދުތަކެވެ. މިއީ މުހިންމު ކަންކަމެވެ. ނަމަވެސް، ތެދުވެރިކަމާއި، ޒިންމާދާރުކަމާއި، ވަގުތަށް ކަމޭހިތުމާއި، ކެތްތެރިކަމާއި އަދި އިހުތިރާމްކުރުން ފަދަ ސިފަތަކަކީ މިފަދަ ނިޒާމެއްގެ ތެރެއިން ވަޒަންކުރަން އުނދަގޫ ކަންކަމެވެ.
ކިޔަވާ ކުއްޖަކަށް އިމްތިހާނު ކަރުދާހުގައިވާ ސުވާލަކަށް ޖަވާބުދޭން އެނގިދާނެއެވެ. އެކަމަކު މަސައްކަތުގެ މާހައުލުގައި އެހެން މީހެއްގެ ޚިޔާލާ ދެކޮޅުވާ ހާލަތެއްގައި ރީތިކޮށް މުއާމަލާތްކުރަން ނޭނގިދާނެއެވެ. ފިލާވަޅުތައް ދަސްކޮށްގެން އޭގެ ބޭނުން ކުރަން އެނގުނަސް، ކަމެއް ގޯސްކޮށް ދާއިރު އެކަން ފޮރުވުމުގެ ބަދަލުގައި އެއީ އަމިއްލަ އިހުމާލެއްކަން ގަބޫލުކުރުމުގެ ހިތްވަރު ނެތިދާނެއެވެ.
ނަފްސާނީ ދިރާސާތަކުން ދައްކާގޮތުގައި، ވަޒީފާގެ ކާމިޔާބީ ބިނާވެފައިވަނީ ހަމައެކަނި ފަންނީ ހުނަރަކަށް ނޫނެވެ. މީހާގެ ކިބައިގައި ހުންނަ ޒިންމާދާރުކަމާއި، އިތުބާރު ކުރެވޭ މިންވަރާއި، އަދަބުވެރިކަމަކީ ވަޒީފާގެ އަދާކުރުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމެވެ. މީގެ އިތުރުން، އަމާނާތްތެރިކަމަކީ މަސައްކަތުގެ މާހައުލުގައި ދިމާވާ އިދާރީ މައްސަލަތަކާއި ޒިންމާދާރުކަން ކުޑަވުން ފަދަ ކަންކަން މަދުކޮށްދޭ މުހިންމު ސިފައެކެވެ.

ކާމިޔާބީގެ މާނަ ބަދަލުވެއްޖެތަ؟
ތައުލީމާއި ވަޒީފާގެ މާހައުލާ ދެމެދު މިފަދަ ފަރަގެއް އުފެދެން ދިމާވާ އެއް ސަބަބަކީ ކާމިޔާބީއާ މެދު ޒުވާނުން ދެކޭ ގޮތް ބަދަލުވުމެވެ. ވާދަވެރި ތައުލީމީ މާހައުލެއްގައި ކުދިންގެ މުޅި ސަމާލުކަން ހުންނަނީ މަތީ މާކްސް ހޯދުމަށާއި ސަނަދުތައް އެއްކުރުމަށެވެ. އާއިލާތަކުން ވެސް ނޭނގި ނަމަވެސް ބާރުއަޅަނީ ތައުލީމީ ނަތީޖާއަކީ ކާމިޔާބީގެ ހަމައެކަނި މިންގަނޑު ކަމުގައި ބަލާށެވެ.
މައްސަލަ އުފެދެނީ ސަނަދު ހޯދުމަށް ކުރާ މަސައްކަތުގެ ތެރެއިން މީހާގެ އަޚުލާގު ބިނާކުރުން ދޫކޮށްލެވޭ ހިސާބުންނެވެ. ބައެއް ކުދިން ގަބޫލުކުރާ ގޮތުގައި "ސަނަދެއް އޮތުމަކީ ވަޒީފާ ހައްގުވާ ކަމެކެވެ." ނަމަވެސް ވަޒީފާއަކީ ކޯހެއް މިންމައި ސެޓްފިކެޓެއް ހޯދުމުން ލިބޭ އިނާމެއް ނޫނެވެ. އެއީ ވަޒީފާދޭ ފަރާތާއި، މުވައްޒަފުންނާއި، ކަސްޓަމަރުންނާއި މުޅި މުޖުތަމައާ ގުޅިފައިވާ ގުޅުމެކެވެ. ވަޒީފާދޭ ފަރާތްތަކުން ބޭނުންވަނީ އިތުބާރާއެކު ޒިންމާ އުފުލާ، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރާ، އަޚުލާގީ މިންގަނޑުތައް ހިފަހައްޓާ މީހުންނެވެ.
ވަޒީފާގެ ސަބަބުން މިޒާޖާއި އިސްކަންދޭ ކަންކަން ބަދަލުވުން
ތައުލީމީ މަރުހަލާ ނިންމާ ވަޒީފާއަށް ނުކުތުމަކީ ބޮޑު ބަދަލެކެވެ. ކިޔަވާއިރު ކުރެވޭ އުންމީދުތަކާއި އަމަލީ މައިދާނާ ދިމާނުވެދާނެއެވެ. މާލީ ދަތިތަކާއި، ވަޒީފާގެ މާހައުލުގެ ސަގާފަތާއި، މަގާމުގެ ކުރިއެރުން ހޯދުމުގެ ވާދަވެރިކަމުގެ ތެރެއިން މީހާގެ އުސޫލުތަކަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.
އަމާނާތްތެރިކަމަށް ލޯބިކުރާ ކުއްޖަކު، ކުރުމަގުން ކަންކަން ކުރަން އާދަވެފައިވާ މާހައުލަކަށް ދިއުމުން އޭނާގެ އުސޫލުތަކަށް ގޮންޖެހުންތައް ކުރިމަތިވެދާނެއެވެ. އެހެންކަމުން، ދަސްވެނިވުމަށްފަހު އަންނަ ބަދަލުތަކުގެ ޒިންމާ ހަމައެކަނި އެ ފަރުދެއްގެ ބޮލުގައި އެޅުވޭކަށް ނެތެވެ. ތައުލީމީ މަރުކަޒުތަކާއި، އާއިލާތަކާއި އަދި ވަޒީފާގެ މާހައުލުގެ ސަޤާފަތަކީ ވެސް މީހާގެ އަޚުލާޤަށް ނުފޫޒު ފޯރުވާ ކަންކަމެވެ.
ދަސްވެނީންނާއި ވަޒީފާދޭ ފަރާތްތައް ދެކޭގޮތުގެ ފަރަގު
ނޭސްގެ ދިރާސާއަކުން ދައްކާ ގޮތުގައި، ޒުވާނުން އަމިއްލަ ނަފްސާ މެދު ދެކޭ ގޮތާއި ވަޒީފާދޭ ފަރާތްތަކުން އެ ޒުވާނުންނާ މެދު ދެކޭ ގޮތުގައި ބޮޑު ތަފާތެއް ހުރެއެވެ. ޒުވާނުން ގަބޫލުކުރާ ގޮތުގައި އެމީހުންނަކީ މުއާމަލާތްކުރުމަށާއި، ޕްރޮފެޝަނަލް އަޚުލާގު ހިފެހެއްޓުމަށް ވަރަށް ކުޅަދާނަ ބައެކެވެ. ނަމަވެސް، ވަޒީފާދޭ ފަރާތްތަކުން ފެންވަރު ވަޒަންކުރާއިރު، އަމަލީ ގޮތުން އެ ހުނަރުތައް ދައްކުވައިދޭ މިންވަރު މާ ދަށެވެ. މި ތަފާތަކީ ވަރަށް މުހިންމު ކަމެކެވެ.
ޒުވާނުން، ތިމާގެ އަމިއްލަ ނަފްސަކީ ޒިންމާދާރު، އަދަބުވެރި މީހެއް ކަމަށް އިޚުލާޞްތެރިކަމާއެކު ގަބޫލުކުރި ނަމަވެސް، ވަޒީފާދޭ ފަރާތްތަކުން އެކަން މިނަނީ އަމަލުންނެވެ. އެއީ ގަޑިއަށް ސަމާލުވުމާއި، މެސެޖުތަކަށް ޖަވާބުދިނުމާއި، ލިބޭ ފާޑުކިޔުންތައް ބަލައިގަތުމާއި، ވީ ވައުދު ފުއްދުމާއި، މައްސަލަތައް ހައްލުކުރުމުގެ މައްޗަށެވެ. މީހެއްގެ ކިބައިގައި ސިފައެއް ހުރި ކަމަށް އަމިއްލައަށް ގަބޫލުކުރުމާއި، އެކަން ދާއިމީ ގޮތެއްގައި އަމަލުން ދެއްކުމަކީ ވަރަށް ތަފާތު ދެ ކަމެކެވެ.

ތައުލީމަކީ ކްލާސްރޫމުން ބޭރަށް ފެތުރެންޖެހޭ އެއްޗެއް
މީގެ ހައްލަކީ އެކަޑެމިކް އިލްމުގެ މުހިންމުކަން ކުޑަކުރުމެއް ނޫނެވެ. ދާއިރާގެ ފަންނީ އިލްމަކީ އަދިވެސް އެންމެ މުހިންމު އަސާސެވެ. އޭގެ ބަދަލުގައި، ތައުލީމީ ނިޒާމުގެ ތެރެއިން އިލްމާއި، ހުނަރާއި، އަދި އަޚުލާގު އެކުގައި ބިނާކުރަންޖެހެއެވެ.
ސްކޫލްތަކާއި ޔުނިވަރސިޓީތަކުން އަންނަނިވި ފުރުސަތުތައް އިތުރުކުރަންޖެހެއެވެ:
- ގުޅިގެން މަސައްކަތްކުރުމާއި ޓީމް ޕްރޮޖެކްޓްތައް؛
• މުޖުތަމައަށް ޚިދުމަތްކުރުމުގެ ހަރަކާތްތައް؛
• އިންޓާންޝިޕްތަކާއި މަސައްކަތުގެ މާހައުލަށް އަހުލުވެރިވުން؛
• އިސްނެގުމާއި ލީޑަރޝިޕްގެ ޒިންމާތައް؛
• އަޚުލާގީ މިންގަނޑުތަކުގެ ތެރެއިން ގޮތް ނިންމުމުގެ ހަރަކާތްތައް؛
• މުއާމަލާތްކުރުމާއި ތަގުރީރުކުރުން؛
• މައްސަލަތައް ހައްލުކުރުމުގެ ހުނަރު؛
• އަމިއްލަ ނަފްސު ވަޒަންކުރުމާއި ކުރެވޭ ކަންކަމާ މެދު ފުންކޮށް ވިސްނުން؛
• ފާޑުކިޔުންތައް ބަލައިގަނެ، އެއަށް އަމަލުކުރަން ދަސްކުރުން؛
• އަމަލީ ގޮތުން ޒިންމާ އުފުލުމާއި ޖަވާބުދާރީވުން.
މީގެ އިތުރުން، ވަޒީފާދޭ ފަރާތްތަކުން ވެސް ފައިދާހުރި އިންޓާންޝިޕްތަކާއި، އިރުޝާދު ދިނުމާއި، ބިނާކުރަނިވި ފާޑުކިޔުންތަކުގެ އެހީގައި މިކަމަށް އެއްބާރުލުން ދެވިދާނެއެވެ.
ދަސްވެނިއެއްގެ ކިބައިން އުންމީދު ކުރަންވީ ކޮން ކަމަކަށް؟
ދަސްވެނިވާ ކުއްޖެއްގެ ކިބައިގައި އޭނާ ކިޔެވި ދާއިރާގެ އިލްމު ހުންނަންވާނެއެވެ. އެކަމަކު ވަޒީފާއަށް ތައްޔާރުވުމަކީ އަންނަނިވި ކަންކަން ބުނަން ކެރުމެވެ:
"އަހަންނަށް ހުރިހާ އެއްޗެއް ނޭނގިދާނެ، އެކަމަކު އުނގެނުމުގެ ޝައުގުވެރިކަން އެބަހުރި."
"އަހަންނަށް ކަމެއް ގޯސްކޮށް ކުރެވިއްޖެ، އެކަން ރަނގަޅުކުރުމުގެ ޒިންމާ އަހަރެން އުފުލާނަން."
"އަހަންނަށް އިހުތިރާމާއެކު ޚިޔާލު ތަފާތުވެވިދާނެ."
"މީހަކު ނުބަލާ ހުރި ނަމަވެސް، އަހަރެން އަމަލުކުރާނީ އެންމެ ރަނގަޅު ގޮތަށެވެ."
"އަހަރެންގެ ސަނަދަކީ ފުރުސަތެކެވެ. ނަމަވެސް އެ ފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނީ އަހަރެންގެ އަމަލުތައް ހުންނަ ގޮތަކުންނެވެ." މިފަދަ ސިފަތަކަކީ ހަމައެކަނި އިމްތިހާނުތަކަކުން އުފެއްދޭނެ ކަންކަމެއް ނޫނެވެ.
ތައުލީމުގެ ބޭނުމަކީ ހަމައެކަނި އިމްތިހާނުން ފާސްވާނެ ބަޔަކު އުފެއްދުމެއް ނޫނެވެ. އޭގެ ބޭނުމަކީ ވިސްނުންތެރި، މުއާމަލާތްކުރަން ދަންނަ، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރާ، އަދި ޒިންމާދާރުކަމާއެކު މުޖުތަމައަށް ފައިދާހުރި މީހުން ބިނާކުރުމެވެ.
ތައުލީމީ ސަނަދުތަކަކީ ކުރިއަށް ދިއުމަށް ހުޅުވޭ ދޮރެކެވެ. ނަމަވެސް އެ ދޮރުން އެތެރެވުމަށްފަހު ވާނެ ގޮތެއް ނިންމަނީ މީހާގެ އަޚުލާގާއި މިޒާޖެވެ. އިލްމަކީ މީހާ ޤާބިލުކޮށްދޭ އެއްޗެކެވެ. ނަމަވެސް އެ ގާބިލުކަމަށް އިތުބާރު ލިބެނީ އަމާނާތްތެރިކަމުންނެވެ. ހުނަރަކީ ވަޒީފާ ހޯދުމަށް އެހީތެރިވާ އެއްޗެކެވެ. އެކަމަކު ވަޒީފާގައި ދެމިހުރުމާއި ކުރިއެރުމަށް ބޭނުންވަނީ ޕްރޮފެޝަނަލް އަޚުލާގެވެ.
ވަޒީފާދޭ ފަރާތްތަކުން މުއާމަލާތްކުރުމާއި، ފުންކޮށް ވިސްނުމާއި، ޓީމްވޯކް އަދި އަޚުލާގަށް އިސްކަންދޭ މިންވަރު އިތުރުވަމުންދާއިރު، ތައުލީމީ މަރުކަޒުތަކުން އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލަކީ: އަހަރެމެން މި މިނަނީ ހަމައެކަނި ކުދިންނަށް އެނގޭ މިންވަރުތޯ، ނުވަތަ މުޖުތަމައަށް އިތުބާރު ކުރެވޭ ފަދަ އިންސާނުންތަކެއް ބިނާކުރުމަށް އެހީތެރިވެދެވޭތޯއެވެ؟
އެންމެ މޮޅު ދަސްވެންޏަކީ ހަމައެކަނި އެންމެ މަތީ މާކްސް ހޯދާ ނުވަތަ އެންމެ ގިނަ ސަނަދު އޮންނަ މީހާއެއް ނޫނެވެ. އެއީ އިލްމާއެކު މަޑުމައިތިރިކަން، ގާބިލުކަމާއެކު ޒިންމާދާރުކަން، ކާމިޔާބީގެ އުންމީދާއެކު އަމާނާތްތެރިކަން، އަދި ތައުލީމާއެކު ރީތި އަޚުލާގު އެކުލެވިގެންވާ މީހާއެވެ.
advertisment
ހިޔާލު