މުދައްރިސުންގެ ދުވަހުގެ ހަދިޔާގެ ގޮތުގައި ހއ. އަތޮޅު ތައުލީމީ މަރުކަޒުގެ މުވައްޒަފުންނަށް "ސްޓާފް ލައުންޖެއް" އެ ސްކޫލުގެ ބެލެނިވެރިން ހަދިޔާކޮށްފިއެވެ. މި ލައުންޖްގައި ސައި ކޮޓަރިއެއްގެ އިތުރުން ފުލީ އިކްއިޕްޑް ކިޗަން ސެޓަޕެއް ވަނީ ޤާއިމްކޮށްފައެވެ. މިއީ އެ ސްކޫލުގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްގައިމު މަސައްކަތުގެ މާހައުލެއް ހޯދައިދިނުމަށް ބެލެނިވެރިންގެ ފަރާތުން ދިން ހަދިޔާއެކެވެ.
ބެލެނިވެރިންގެ ފަރާތުން އެ ސްކޫލުގައި ޤާއިމްކުރި ސްޓާފް ލައުންޖް އިފްތިތާޙްކޮށް ދިނީ، ހއ. އޭއީސީގެ އެންމެ ގިނަ ދުވަސްވީ މުވައްޒަފު ޝަހީމާ ނަޞީރެވެ. ޝަހީމާއަކީ 1989 އަހަރުން ފެށިގެން މެދުކެނޑުމެއްނެތި ފާއިތުވެ ދިޔަ 37 އަހަރު އެ ސްކޫލުގެ އޮފީހުގައި މަސައްކަތްކުރަމުން އަންނަ އިދާރީ މުވައްޒަފެކެވެ.

ސްޓާފް ލައުންޖް ޤާއިމުކުރުމުގެ އެންމެ ބޮޑު ޚަރަދެއް ހަމަޖެއްސީ ބެލެނިވެރިން އިސްވެ ނުކުމެ މަސައްކަތު ދުވަހެއް ފާހަގަކޮށްގެން ހޯދި 166،000 ރުފިޔާގެ އިތުރުން ބެލެނިވެރިންނާއި ސްކޫލްގެ ހުރިހާ މުވައްޒަފުން ގުޅިގެން ބޭއްވި ފަން ފެއަރ އިން ލިބުނު 28،000 ރުފިޔާގެ ތެރެއިން ބަައެއް ޚަރަދުކޮށްގެންނެވެ.
ސްޓާފް ލައުންޖް ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓާފް ލައުންޖް ޤާއިމް ކުރުމަށް ވަރަށް ގިނަ ފަރާތްތަކުގެ ދީލަތި އެހީ ލިބިފައިވާކަމަށް އެ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު އަސްލަމް ފާހަގަކޮށް އެ ފަރާތްތަކަށް ޝުކުރު ދެންނެވިއެވެ.

އެގޮތުން ޕީޓީއޭ އެކްސްކޯގެ މެންބަރުންނާއި ބަދިގެ ކަބަޑު ސެޓްތައް ޖެހުމަށް ފިލާ ހަދިޔާ ކުރުމުގެ އިތުރަށް ޓީ ރޫމް ގައި ބޭނުން ކުރުމަށް ފްރިޖާއި މައިކްރޮވޭވް އަވަނާއި އެހެނިހެން ތަކެތި ދި ފައުންޑޭޝަނާއި، އެހީ ޖަމިއްޔާ އާއި އިންޓަނޭޝަނަލް އެއިޑް ކެންޕެއިން އިން ހަދިޔާ ކޮށްފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. ޓީ މެށިން ހަދިޔާކޮށްފައިވަނީ ބިގް ސޭވް އިން ކަމަށާއި އަދި ފެނަކަ ދިއްދޫ ބްރާންޗުގެ މުވައްޒަފުން ހިލޭ ސާބަހަށް ކަރަންޓް ވަޔަރިންގެ މަސައްކަތް ކޮށްދީފައިވާކަން އަސްލަމް ފާހަގަ ކުރެއްވިއެވެ.
advertisment
ހިޔާލު