މި އަހަރުގެ އޯގަސްޓް 15 ގައި ސޮފްޓް ލޯންޗު ކުރި، އަދި ދަރިވަރުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދަމުން އަންނަ 'ސިލަބައި އެގްޒާމް ޕްރެޕް' ޕްލެޓްފޯމް، ރާއްޖޭގެ 150 އަށް ވުރެ ގިނަ ސްކޫލުގެ ދަރިވަރުން މިހާރު ބޭނުންކުރަން ފަށައިފިއެވެ. ރާއްޖޭގެ ތައުލީމީ ދާއިރާއަށް ޓެކްނޮލޮޖީ މެދުވެރިކޮށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރަމުން އަންނަ ސިލަބީގެ މި ޕްލެޓްފޯމަށް ދަރިވަރުންނާއި ބެލެނިވެރިންގެ އިތުރުން ޓީޗަރުންގެ ފަރާތުން ވެސް ބޮޑު ތަރުހީބަކާއި ހިތްވަރެއް ދަނީ ލިބެމުންނެވެ.
ސިލަބައި އެގްޒާމް ޕްރެޕަކީ އޯލެވެލް އަދި އޭލެވެލް އިމްތިހާނުތަކަށް ތައްޔާރުވާ ދަރިވަރުންނަށް ޚާއްސަކޮށް، ރާއްޖޭގެ ގައުމީ ސިލަބަސްތަކާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސުވާލުތަކާއި ތަފްސީލީ ޖަވާބުތައް ލިބޭނެހެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމްގައި ހިމެނޭ ކުއިޒްތައް ފުރިހަމަކޮށްގެން ޕޮއިންޓް ހޯދައި، ގައުމީ ފެންވަރުގައި ލީޑަބޯޑުގައި އެހެން ދަރިވަރުންނާ ވާދަކުރުމުގެ ފުރުސަތު ވެސް ދަރިވަރުންނަށް ލިބިގެންދެއެވެ.
މި ޕްލެޓްފޯމްގެ ސުވާލުތަކާއި ނޯޓްސް ތައްޔާރުކުރައްވާފައިވަނީ ޕޭޕަރު ހެދުމާއި މާކުކުރުމުގައި އަދި މިހާރުވެސް ތައުލީމީ ދާއިރާގައި އުޅުއްވާ މުދައްރިސުންނެވެ.
މިހާތަނަށް ދަރިވަރުން ވަނީ މި ޕްލެޓްފޯމުގައި ޖުމްލަ 484 ގަޑިއިރު ހޭދަކޮށްފައެވެ.
މި ޕްލެޓްފޯމް ބޭނުންކުރާ ދަރިވަރުން އަންނަނީ މީގެ ގޭމިފައިޑް ނިޒާމަށް ނުހަނު ބޮޑަށް ތައުރީފުކުރަމުންނެވެ. ދަރިވަރުން ފާހަގަކުރާ ގޮތުގައި މި ނިޒާމުގެ ސަބަބުން އިމްތިހާނަށް ތައްޔާރުވުން ވަރަށް ބޮޑަށް ފަސޭހަވެ، ޝައުގުވެރިކަން އިތުރުވެގެންދެއެވެ. ދުނިޔޭގެ ފެންވަރުގެ ކިޔަވައިދޭ އެޕްތަކާ މި ޕްލެޓްފޯމް އަޅާކިޔަމުން ދަރިވަރުން ވަނީ ގިނަ އަދަދަކަށް 5 ތަރީގެ މަތީ ރޭޓިންގްތައް ވެސް ދީފައެވެ.
މި ވަގުތު މި ޕްލެޓްފޯމުން އިސްލާމް މާއްދާގެ ކޮންޓެންޓް ލިބެން ހުރި ނަމަވެސް، ކުރިއަށް އޮތްތަނުގައި އިތުރު މާއްދާތައް ތައާރަފުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ގިނަ ފީޗާތައް ދަރިވަރުންނަށް ހިލޭ ބޭނުންކުރެވޭނެއެވެ.
ސިލަބައި ޓީމުން ފާހަގަކުރި ގޮތުގައި، "ސިލަބީގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ އަޑު އަހައިގެން، ޓެކްނޮލޮޖީގެ އެހީގައި ފަސޭހައިން އުނގެނެވޭނެ މަގު ތަނަވަސްކޮށްދިނުން" ކަމަށެވެ. މި ޕްލެޓްފޯމް ބޭނުންކުރުމަށް syllabi.mv ނުވަތަ syllabi.mv/examprep ވެބްސައިޓަށް ޒިޔާރަތްކުރެވޭނެއެވެ.
advertisment
ހިޔާލު