އައިޔޫއެމްއާއި އައިއައިޔޫއެމް ގުޅިގެން ކުރިއަށް ގެންދިޔަ އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިންގް ކޭމްޕް ނިންމާލައިފި

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ އާއި ގުޅިގެން އިސްލާމިކް އިކޮނޮމިކްސް ޓްރެއިނިންގް ކޭމްޕް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

މި ކޭމްޕް ކުރިއަށް ގެންދިޔައީ ސެޕްޓެމްބަރު މަހުގެ 9ން 13އަށެވެ. ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތު ބޭއްވީ ކ. ތުލުސްދޫގައެވެ. އެ ރަސްމިއްޔާތުގެ ޝަރަފްވެރިކޮށްދެއްވީ ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަ އަހްމަދު ސާއިދު މުސްތަފާއެވެ.

މިރަސްމިއްތުގައި އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ މެލޭޝިޔާ ޑެޕިއުޓީ ރެކްޓަރގެ އިތުރުން އެޔުނިވަރސިޓީގެ ހެޑްއޮފް ޑިޕާޓްމެންޓްސްއާއި އެޔުނިވަރާސޓިގެ ގިނަ ޕްރޮފެސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ވައިސް ޗާންސަލަރ ޑރ. އަލީ ޒާހިރު، ޑެޕިއުޓީ ވައިސް ޗާންސަލަރ އަމީން (ފުރިހަމަނަން) ގެ އިތުރުން ކޭންޕުގެ އޯގަނައިޒިން ކުއްލިއްޔާ އޮޕް އިކޮނޮމިކްސް އެންޑް މެނޭޖްމަންޓް ސްޓަޑީސްގެ ޑީން ޑރ. މުޙައްމަދު ޒާހިރު އަދި އިސްލާމިކް ޔުނިވަރސިޓީގެ ގިނަ ޑީނުންނާއި ރެޖިސްޓްރާރ މި ހަފްލާގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.  

މި މަހާސިންތާގެ ކޯހޮސްޓްގެ ގޮތުގައި ކ. ތުލުސްދޫ ރަށު ކައުންސިލުގެ މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ. އަދި މިކޭމްޕްގެ ސަޕޯޓިންގ ސްޕޮންސަރ އަކީ އަމާނާ ތަކާފުލްއެވެ.

މި ކޭމްޕުގެ މަހާސިންތާ މަރުހަލާގައި އިލްމީ ދިރާސާތަކުގެ މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި މަހާސިންތާ ވެގެންދިޔައީ އިލްމީ ދާއިރާގައި އާ ގުޅުންތައް ބަދަހިކަމާއެކު ބިނާކުރެވުނު އިވެންޓަކަށެވެ. އެ އިވެންޓް ފެށީވެސް އިސްލާމީ އިޤްތިޞާދުގެ ފަލްސަފާއާއި މަންހަޖު އޮތްގޮތް ތަފްސީލުކޮށް ބަލާލުމާއެކު، ރިސާރޗް މެތަޑޮލޮޖީ، އާޓިފިޝަލް އިންޓެލިޖެންސް، އެތިކްސް، އަދި އިޤްތިޞާދާއި ފައިނޭންސްގެ މިހާރުގެ ހާލަތާއި މުސްތަޤްބަލަށް މުހިންމު ކަންކަމަށް އަލިއަޅުވާލަމުންނެވެ.

އިސްލާމިކް އިކޮނޮމިކްސް ކޭމްޕަކީ އިސްލާމިކް އިކޮނޮމިކްސްގެ އުސޫލުތަކާއި އެޕްލިކޭޝަންތަކާއި މިއަދުގެ އިގްތިސާދީ އަދި އިޖުތިމާއީ ގޮންޖެހުންތަކާ ގުޅުން ހުރި ކަންކަން ދިރާސާކުރުމަށް ބައިވެރިންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ބޭއްވި ކޭންޕެކެވެ.  މި ކޭމްޕްގެ މަގުސަދަކީ އެތިކަލް ފައިނޭންސް، ޒިންމާދާރު އިގްތިސާދީ ނިންމުންތައް ނިންމުމާއި، އިޖުތިމާއީ އިންސާފާއި، މުއްސަނދިކަން ހަމަހަމަ ގޮތެއްގައި ބަހާލުން ފަދަ ކޮންސެޕްޓްތަކާ މެދު ބައިވެރިންނަށް ވިސްނުން އިތުރުކުރުމެވެ.

އިންޓަރެކްޓިވް ސެޝަންތަކާއި، މަޝްވަރާތަކާއި، ހަރަކާތްތަކާއި، އަމަލީ މިސާލުތަކުގެ ތެރެއިން ބައިވެރިންނަށް އިސްލާމީ އިގްތިސާދީ އުސޫލުތައް ހަގީގީ ދުނިޔޭގެ މައްސަލަތަކާ ގުޅުވައިލުމުގެ ފުރުސަތު ލިބިގެންދިޔަ ކަމަށް އައިޔޫއެމްއިން ބުނެއެވެ. އަދި ފާޑުކިޔުންތެރި ވިސްނުމާއި ޓީމްވޯކް އާއި އިސްލާމީ އިގްތިސާދުން ދެމެހެއްޓެނިވި އަދި ހުރިހާ ފަރާތްތަކެއް ހިމެނޭ އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދޭނެ ގޮތްތަކުގެ އަގުވަޒަން ކުރުމަށް ވެސް މި ކޭމްޕުގައި ހިތްވަރު ދިޔަކަމަށާއި ޖުމްލަކޮށް ބަލާއިރު، މި ޕްރޮގްރާމްގައި ބައިވެރިންނަށް ތައުލީމީ، ޕްރޮފެޝަނަލް، އަދި އާންމު ދިރިއުޅުމުގައި ބޭނުންކުރެވޭނެ ޢިލްމާއި ވިސްނުންތައް ފޯރުކޮށްދިނުމަށް މަސައްކަތް ކުރެވިގެންދިޔަކަން އެ ޔުނިވަރސިޓީން ފާހަގަކުރެއެވެ.

އިސްލާމިކް އިކޮނޮމިކްސް ކޭމްޕުގައި އެންމެ އިސްކަމެއް ދެވުނީ ބައިވެރިންގެ ރިސާރޗް ހުށަހެޅުމާއި ދިފާޢުކުރުމަށް ފުރުޞަތެއް ދެވި، ބިނާކުރެވޭ ފީޑްބެކް ލިބުމާއި، ތަޖުރިބާވެރި އިލްމީ ވެރިންގެ ގުޅުންބަދަހިކޮށް އިލްމު ހިއްސާކުރެވުނު މާހައުލެއް އުފެއްދުމަށެވެ. މަހާސިންތާ ނިންމާލުމުގެ ކުރިން އެންމެ މޮޅު ދިރާސާތައް ފާހަގަކޮށް އެކަމަށް އެވޯޑެއް ދީފައިވެއެވެ.

އިސްލާމިކް އިކޮނޮމިކްސް މިކޭންޕުގެ އެންމެ ފަހު ކަމަކަށް، ރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ މެނޭޖުމަޓް ކުއްލިއްޔާއާއި ކަރިކިޔުލަމް ޑިވެލަޕްމަންޓް ޔުނިޓާއެކު ބޭއްވުނު ކިޔަވާދިނުމުގެ މަންހަޖު އިސްލާމީ ހަމަތަކާއި އުސޫލުތައް ކިޔަވާދެވޭގޮތަށް ބަދަލުކުރުމަށް ބޭއްވުނު 8 ގަޑި އިރުގެ ވާކްފޮއެއް ކުރިއަށް ގެންދިޔައެވެ. އޭގެ ތެރޭގައި ކޯސްތަކުގެ ސްޓްރަކްޗަރުތައް ޕްރެޒެންޓްކުރުމާއި ބެންޗްމާކު ކުރުމާއި، އަދި އެކައުންޓިންގް، ބިޒްނަސް އެޑްމިނިސްޓްރޭޝަން، އިޤްތިޞާދު، އަދި ފައިނޭންސް ކޯސްތަކުގެ މޮޑިއުލްތައް ތަފްޞީލުކޮށް ކިޔައިދީފައިވެއެވެ.

އައިޔޫއެމްއިން ފާހަގަކުރިގޮތުގައި، މި ކޭންޕުގައި އެއްމެ ހާއްސަ ޝުކުރެއް ހައްގުވަނީ މިފަދަ ކޭންޕެއް ކުރިއަށްގެންދިޔުމުގެ ވިސްނުމާއި އެކު ކޭމްޕު ފުރިހަމަ ކަމާއެކު ރާވާހިންގުމުގެ އެންމެ އިސްދައުރެއް އަދާކުރި މެލޭސިޔާގެ ޔުނިވާރސިޓީއަކާއި ރާއްޖޭގެ އިސްލާމިކް ޔުނިވަރ ސިޓީގެ މެނޭޖުމަންޓް ދެ ފެކަލްޓީ އިސްވެރިންނާއި މެންބަރުން ކަމަށެވެ. އަދި ތުލުސްދޫ ރަށު ކައިންސިލާއި އައިޔޫއެމްގެ މާކޓިން، ސްޓޫޑެންޓް ޔޫނިއަން، އަދި ކޭމްޕުގެ ހިންގާ ކޮމެޓީގެ މަސައްކަތް ވެސް ފާހަގަކޮށްފައިވެއެވެ.  

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *