25 އަހަރު ފަހުން ޢަބްދުﷲ އިސްމާއިލްގެ ހަނދާނުގައި ލައިބްރަރީއެއް ފ. މަގޫދޫގައި ހުޅުވައިފި

25 އަހަރު ފަހުން ޢަބްދުﷲ އިސްމާޢިލްގެ ހަނދާނުގައި ލައިބްރަރީއެއް ފ. މަގޫދޫގައި ހުޅުވައިފިއެވެ.

ޢަބުދުﷲ އިސްމާޢިލް، ލައިބުރަރީ ފ. މަގޫދޫގައި ހުޅުވުނީ 29 ޑިސެންބަރ 1984ގައެވެ. ޢަބުދުﷲ އިސްމާޢިލް ލައިބުރަރީ 7ޖޫން 2000ވަނަ އަހަރު، ފ. އަތޮޅު ނިލަންދުއަށް ސަރުކާރުން ބަދަލުކުރިއެވެ. ޢަބުދުﷲ އިސްމާޢިލް ލައިބުރަރީ ހިންގި ޢިމާރާތް، ފ. މަގޫދޫ ކައުންސިލުން ޚަރަދުކޮށްގެން މަރާމާތުކުރުމަށްފަހު، "ޢަބުދުﷲ އިސްމާޢީލް ހަނދާނީ ލައިބުރަރީ"ގެ ނަމުގައި ހުޅުވީ އޮކްޓޯބަރ 8ވަނަ ދުވަހުއެވެ. ލައިބުރަރީ ހުޅުއްވާ ދެއްވީ ޢަބުދުﷲ އިސްމާޢިލް (އިސްމާޢިލް ކަލޭފާނުގެ ތުއްތު)ގެ ކާފަދަރިކަލުން، ޢަބުދުﷲ އިސްމާޢިލެވެ. އަބްދުﷲ އިސްމާއިލް ހިސާބު އިލްމާއި ނިޔަމިކަމުގެ އިލްމަށް އަރާހުންނެވި ބޭފުޅެކެވެ.

މަގޫދޫ ކައުންސިލުގެ ރައީސް އަބްދުﷲ ވަހީދު ދަރިވަރު ނޫހަށް މިއަދު ވިދާޅުވީ، ޢަބުދުﷲ އިސްމާޢިލް ލައިބުރަރީ ނިލަންދުއަށް ބަދަލުކުރުމުގެ އެ ލައިބްރަރީ ހިންގި އިމާރާތް ހުރީ އާސާރީ ތަނެއްގެ ގޮތުގައި ބޭނުން ނުކޮށް ކަމަށާއި ސަރުކާރާއެކު ކުރި މަސައްކަތުން އެ އިމާރާތް މަރަމާތްކޮށް ލައިބްރަރީއެއްގެ ގޮތުގައި ހުޅުވަން ކައުންސިލުގެ ބަޖެޓުން 1.5 މިލިއަން ރުފިޔާ ޚަރަދުވެފައިވާ ކަމަށެވެ. ލައިބްރަރީ ތަރައްޤީކޮށްފައިވަނީ ސްކޫލްތަކުގެ ދަރިވަރުންނާއި ރަށުގެ ރައްޔިތުންނަށް ފަސޭހައިން ބޭނުންކުރެވޭ ގޮތަށް ހިތްފަސޭހަ މާހައުލަކާއެކުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.

އަބްދުﷲ ވަހީދު ވިދާޅުވީ، ޢަބްދުﷲ އިސްމާޢިލްގެ ހަނދާނީ ލައިބްރައީ ޑިޖިޓަލް ކުރަން ނިންމާފައިވާ ކަމަށާއި އެ މަސައްކަތް ނިމޭއިރު އިންޑިޔާއާއި އޮސްޓްރޭލިއާގެ ލައިބްރަރީއަކާ އޮންލައިންކޮށް ގުޅާލެވި، ސްކޫލްތަކުގެ ކޮންމެ ދަރިވަރަކަށް ޕޯޓަލްއެއްގެ އެހީގައި ލޮގިންކުރެވިގެން ބޭނުންކުރެވޭނެ އިންތިޒާމެއްވެސް ހަމަޖެހިގެންދާނެ ކަމަށެވެ.

އޭނާ ވިދާޅުވީ، ލައިބްރަރީ ހުޅުވިތާ މިވީ މުއްދަތުގެ ތެރޭގައި ރަށުގެ ރައްޔިތުންނާއި ސްކޫލް ދަރިވަރުން އެތަނުގެ ބޭނުން ހިފަމުން އަންނަ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *