ތަޢުލީމު ހޯދުމަކުން ނުފުދޭ ކަމަށާއި ސިކުނޑިވެސް ބަދަލުވާން ޖެހޭ ކަމަށް އިންޓަރނޭޝަނަލް އިންސްޓިޓިއުޓް އޮފް އިސްލާމިކް ތޯޓްގެ ސެކްރެޓަރީ ޖެނެރަލް ޕްރޮފެސަރ ޑރ. ޢުމަރު ޙަސަން ކަސޫލޭ ވިދާޅުވެއްޖެއެވެ.
އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީ އޮފް މެލޭޝިއާ ގުޅިގެން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީން ކުރިއަށް ގެންދާ، އިސްލާމިކް ލީޑަރޝިޕް އެންޑް އިންޓަރގްރޭޝަން އޮފް ނޮލެޖް ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑރ. އުމަރު ހަސަން ވިދާޅުވީ، އިލްމަކީ ކޮންމެ މުޖުތަމަޢުއެއް ކުރިއެރުމުގެ އަސާސް ކަމުގައިވާތީ، އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން އިލްމާ މެދު ވިސްނަން ޖެހޭ ކަމަށެވެ. އެކަމަކު އެއީ ކޮންމެ ކޮންމެ އިލްމެއް ނޫން ކަމަށާއި އެއީ އިސްލާމްދީނުގެ އިމާއި އޮނިގަނޑުގެ ތެރޭގައިވާ އިލްމު ކަމަށް ޑރ. އުމަރު ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އަހަރެމެން އިލްމާ ބެހޭ ގޮތުން ވާހަކަދައްކާއިރު، އަހަރެމެން އެކްސްޕޯޓް ކުރަނީ އިލްމަކީ ބާރެއް ކަމަށެވެ.
" އިލްމަކީ ބާރެއް ނޫން. ހަމައެކަނި ބާރަކަށް ވަނީ އޭގެ ބޭނުން ހިފުމުގެ ޝައުޤުވެރިކަން ތިބާގެ ކިބައިގައި ވާނަމަ" ޑރ. އުމަރު ހަސަން ވިދާޅުވިއެވެ.
ތިން ދުވަހަށް ދެމިގެންދާ ސެމިނަރ ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. އުމަރު ހަސަން ވިދާޅުވީ، އިސްލާމީ ތާރީޚަށް ބަލާއިރު އިލްމަކީ ތަފާތު އުފައްދާ އެއްޗެއް ކަމަށެވެ.
"ކީރިތި ރަސޫލާ މައްކާއަށް ވަޑައިގެންނެވި އިރު، އެކަލޭގެފާނު ގެންނެވީ ހަމައެކަނި އިލްމެއް ނޫން ކަމަށާއި އެކަލޭގެފާނު ގެންނެވީ އިލްމަށް ބެލުމުގެ އައު ގޮތެއް، ތައުޙީދަށް ބެލުމުގެ އައު ގޮތެއް، ޚާލިޤަށް ބެލުމުގެ އައު ގޮތެއް. އެކަލޭގެފާނު ބަދަލެއް ގެނައުމަށް ޝައުޤުވެރިކުރުވައި، އަދި ޙަޟާރަތެއް އުފެއްދެވި. އެކަލޭގެފާނު ވަޑައިގަތީ އުންމީދެއް ނެތް ބަޔަކާ ހަމައަށް. ސާފުތާހިރުކަން ނެތް ބަޔަކާ ހަމައަށް. އެކަލޭގެފާނު އެ މީހުންނަށް ކިޔަވަން ދަސްކޮށްދެއްވި. އެކަލޭގެފާނު އެ މީހުންނަށް ވުޟޫކުރުމާއި ހިނައިގަތުމުގެ ޒަރީޢާއިން ސާފުތާހިރުވާން ދަސްކޮށްދެއްވި. އެކަލޭގެފާނު އެ މީހުންނަށް ނަމާދުގެ ޒަރީޢާއިން ވަގުތު ބެލެހެއްޓުމުގައި ރޭވުންތެރިވާން ދަސްކޮށްދެއްވި"
ޔޫރަޕުން މިސާލު ނަންގަވައި ޑރ. އުމަރު ހަސަން ވިދާޅުވީ، މިއަދު ހުޅަނގު ޔޫރަޕުގެ މީހުން ދުނިޔެ ކޮންޓްރޯލް ކުރަނީ އެ މީހުންގެ ނުފޫޒުން ކަމަށެވެ. އެ މީހުން އެ ނުފޫޒާއި ބާރު ހޯދީ މުސްލިމުން ހޯދި އިލްމް އެމީހުންނަށް ދޫކޮށްލައި އޭގެ މަތިން ހަނދާން ނައްތާލުމުން ކަމަށް ބަޔާން ކުރެއްވިއެވެ.
"ސްޕެއިނާއި ކުރޫސޭޑް ހަނގުރާމަތަކުގެ ތެރޭގައި ކައިރި އިރުމަތީގައި ތިބި ކުރިއަރާފައިވާ މުސްލިމު ޙަޟާރަތްތަކާ އެމީހުންނާ ބައްދަލުވި. އެ މީހުންނަށް އިސްލާމީ އިލްމާއި އައު ދުނިޔޭގެ ނަޒަރިއްޔާއެއް ލިބުނު. އެ މީހުން ހުރިހާ އެއްޗެއް ތަރުޖަމާކޮށް ޔޫރަޕަށް ގެންގޮސް ފަހަތަށް ބެލުމެއް ނެތި ކުރިއަށް ދިޔަ. އެ މީހުން ބަދަލުވާން ފެށި، ވިސްނަން ފެށި. ދެން އެ މީހުންނަށް ރިފޯމޭޝަން، އިޞްލާޙުތައް ލިބުނު. އެ މީހުންނަށް ސައިންޓިފިކް ރެވޮލިއުޝަން ލިބުނު. އޭގެ ފަހުން އެ މީހުންނަށް އިންޑަސްޓްރިއަލް ރެވޮލިއުޝަނާއި އެގްރިކަލްޗަރަލް ރެވޮލިއުޝަނާއި ކޮމިއުނިކޭޝަން ރެވޮލިއުޝަން ލިބުނު. އެ މީހުން ފަހަތަށް ބެލުމެއް ނެތި ކުރިއަށް ދިޔައީ އެ އިލްމްގެ ބޭނުން ހިފައިގެން" މާޒީގައި ކަން ހިނގައިދިޔަ ގޮތް ސާފުކޮށް ދެއްވަމުން ޑރ. އުމަރު ހަސަން ވިދާޅުވިއެވެ.
" އަހަރެމެން އެ މީހުންނަށް އެ އެއްޗެހި ދީފައި އަހަރެމެން ހަނދާން ނައްތާލީ. އެހެންވެ އަހަރެމެން ފަހަތުގައި ތިބެނީ"
މިސާލެއްގެ ގޮތުން ދެން ޑރ. އުމަރު ހަސަން ނެންގެވީ، ޗައިނާއިން މީހުން ރާއްޖޭގައި ކުރިއަށް ގެންދާ އިމާރާތް ކުރުމުގެ މަޝްރޫއުތަކުންނެވެ. އޭނާ ވިދާޅުވީ، ޗައިނާ މީހުން އިމާރާތް ކުރަމުންދާތަން ފެންނައިރު އެމީހުންނަށް އެކަމުގައި ކިހައި ކުރިއެރުމެއް ހޯދާފައިވާކަން އަހަރަމެންނަށް ފެންނާނެ ކަމަށެވެ.
ޑރ. އުމަރު ހަސަން ވިދާޅުވީ، މީގެ 40 އަހަރު ކުރިން ޗައިނާ މީހުން ތިބީ އަހަރަމެން ގިނަ ޤައުމުތަކެކޭ އެއްފަދައިން ފަގީރުކޮށް ރޭވުންތެރިކަމެއް ނެތި ކަމަށެވެ.
"[ޗައިނާ މީހުން] ޝަޢުޤު ވެރިކަމާއެކު އިލްމް ހޯދާ، އެ އިލްމްގެ ބޭނުން ހިފާނެ ގޮތަށް ސިކުނޑި ބަދަލުކުރީ. ނަތީޖާއަކީ އެ ގައުމު ވަރުގަދަ ގައުމަކަށް ވެފައިވާ ތަން މިއަދު ފެނުން. އެހެން ޤައުމުތައް ވެސް ބަދަލުވެފައި ވަނީ މި މަގުން" ޑރ. އުމަރު ހަސަން ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އިލްމުގެ ޒަރީޢާއިން ކުރިއަރައިދިއުމާ ބެހޭ ގޮތުން ވާހަކަ ދައްކާއިރު، އެއީ ހަމައެކަނި އިލްމު އުނގެނުމެއް ނޫން ކަމަށާއި ތިމާ އިލްމުގެ ބޭނުން ހިފުމުގެ ޝައުޤުވެރިކަން ބޭނުންވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ "މުސްލިމެއްގެ ހައިސިއްޔަތުން އެ ޝައުޤުވެރިކަން އަންނަނީ އިސްލާމްދީނުން، އީމާންކަމުން، ޤުރުއާނުން، ސުންނަތުން" ކަމަށެވެ.
މާދަމާގެ ނިޔަލަށް އައިޔޫއެމްގައި ހިންގަވާ ވޯކްޝޮޕްތައް ނަންގަވައިދެއްވާނީ އައިއައިޔޫއެމް (މެލޭޝިޔާ)ގެ ޕްރޮފެސަރުންނެވެ. 13 ޢިލްމީ ބައްދަލުވުމެއް ކުރިއަށް ގެންދަން ވަނީ ރާވާފައެވެ. ކުރިއަށް ގެންދެވޭ ތަފާތު ޢިލްމީ ބައްދަލުވުންތަކުގެ ތެރޭގައި ތަފާތު މާއްދާތައް ކިޔަވައިދިނުމުގައި އިސްލާމީ ނަޒަރުން ކިޔަވާ ދޭނެ ގޮތާއި، ޒުވާނުންނަށް ޚާއްޞަކޮށްގެން ގެންދެވޭ ލީޑަރޝިޕް ޕްރޮގުރާމްތަކާއި، އިސްލާމިކް ފައިނޭންސިންގެ ތަފާތު ވޯކްޝޮޕްތައް ވެސް ހިމެނެއެވެ.
ހިޔާލު