ވިލާ ކޮލެޖުން 1488 ދަރިވަރުން ދަސްވެނިވެއްޖެ

ވިލާ ކޮލެޖުގެ އެކި ޕްރޮގްރާމްތަކުން 1،488 ދަރިވަރުން ދަސްވެނިވެއްޖެ އެވެ.

ވިލާ ކޮލެޖުގެ ކި.އު އަ.އި ކެންޕަހުގައި މި މަހުގެ 17 އަދި 18 ގައި 6 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ ހަފްލާތަކުގައި، އެ ކޮލެޖުން ހިންގާ 54 ޕްރޮގްރާމަކުން ދަރިވަރުން ވަނީ ދަސްވެނިވެފައެވެ. މި އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ޕްރޮގްރާމްތަކުން 843  ދަރިވަރުންނާއި ވިލާ ކޮލެޖުން ހިންގާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް (ޔޫ.ޑަބްލިޔު.އީ) ޕްރޮގްރާމްތަކުން 645 ދަރިވަރުން ދަސްވެނިވިއެވެ. ޙަފްލާގެ މަޤްޞަދު އިޢުލާންކުރެއްވީ އެ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަރ (އެކަޑަމިކް އެންޑް ސްޓޫޑެންޓްސް)، ޑރ. ޢަބްދުﷲ ޞާދިޤްއެވެ. އޭގެ ފަހުގައި ޙަފްލާތައް ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ.

2025 ވަނަ އަހަރު ދަސްވެނިވި ދަރިވަރުންގެ ތެރެއިން 70 ޕަސެންޓަކީ އަންހެން ދަރިވަރުން ކަމަށްވާއިރު، 30 ޕަސެންޓަކީ ފިރިހެން ދަރިވަރުންނެވެ. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އިންޖިނިއަރިންގ ޑިގްރީ ޕްރޮގްރާމްތައް ކަމަށްވާ ބެޗްލަރ އޮފް އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނިއަރިން، ބެޗްލަރ އޮފް މެކޭނިކަލް އިންޖިނިއަރިންގ އަދި ބެޗްލަރ އޮފް މެކަޓްރޯނިކްސް އިންޖިނިއަރިންގ ގެ ފުރަތަމަ ބެޗްގެ ދަރިވަރުން ވެސް ވަނީ މި ހަފްލާތަކުގައި ދަސްވެނިވެފައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ  އެންމެ ފުރަތަމަ މާސްޓަރ އޮފް ކައުންސެލިންގ،  ބެޗްލަރ އޮފް އޭވިއޭޝަން މެނޭޖްމަންޓް، އަދި  ބެޗްލަރ އޮފް އާރޓްސް އިން އިންޓީރިއަރ އާކިޓެކްޗަރ އެންޑް ޑިޒައިން ޕްރޮގްރާމްގެ ފުރަތަމް ބެޗްގެ ދަރިވަރުން ވެސް މި މިއަރުގެ ހަފްލާގައި ދަސްވެނިވެފައިވެއެވެ.

މި ޙަފްލާގެ އެކި ދަންފަޅިތަކުގައި، ދަސްވެނިންގެ ފަރާތުން ވާހަކަ ދެއްކެވި ދަސްވެނިންގެ ތެރޭގައި ފުރަތަމަ ދަންފަޅީގައި މާސްޓަރ އޮފް ޓީޗިންގ އިސްލާމިކް ސްޓަޑީޒްގެ ދަރިވަރު އަޒްލިފާ އިބްރާޙިމް، ދެވަނަ ދަންފަޅީގައި މާސްޓަރ އޮފް ސައިންސް އިން ޕްރޮޖެކްޓް މެނޭޖްމަންޓްގެ ދަރިވަރު އިޙްސާން ޢަބްދުލް މުޙްސިން، ތިންވަނަ ދަންފަޅީގައި މާސްޓަރ އޮފް ޝަރީޢާ އެންޑް ލޯގެ ދަރިވަރު ޝުޒައިލް މުޙައްމަދު، ހަތަރުވަނަ ދަންފަޅީގައި އެލްއެލްއެމް ކޮމާޝަލް ލޯގެ ދަރިވަރު ނޫހާ މުޙައްމަދު ދީދީ، ފަސްވަނަ ދަންފަޅީގައި އެމްއެސްސީ އެކައުންޓިންގ އެންޑް ފައިނޭންސްގެ ދަރިވަރު ފާޠިމަތު ރިފްޢަތު، އަދި ހަވަނަ ދަންފަޅީގައި އެމްއެސްސީ ނާސިންގ (އިންޓަރނޭޝަނަލް)ގެ ދަރިވަރު މުޙައްމަދު ޙަސަން ހިމެނެއެވެ.

މި ދަސްވެނިވުމުގެ ޙަފްލާގެ އެކި ދަންފަޅިތައް ޝަރަފްވެރިކޮށްދެއްވުމަށް ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ފުރަތަމަ ދަންފަޅީގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް ޢުމަރެވެ. އެ ހަފްލާގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިލާ ކޮލެޖުގެ ރެކްޓަރ، ޑރ. އަޙްމަދު އަންވަރަށް ތަޢުރީފުކުރައްވައި ވިދާޅުވީ، "އެމަނިކުފާނަކީ އަޅުގަނޑަށް ފާހަގަކުރެވިގެންދަނީ، ދެގޮތެއްނުވެ، އެމަނިކުފާނުގެ މުޅި ޢުމުރު ދިވެހިރާއްޖޭގެ ރައްޔިތުންނަށް ތަޢުލީމު ފޯރުކޮށްދެއްވުމުގައި މަސައްކަތްކުރައްވާފައިވާ ތަޢުލީމީ މާހިރެއްގެ ގޮތުގައި" ކަމަށެވެ. ދެވަނަ ދަންފަޅީގެ ޝަރަފްވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް އަޙްމަދު ޝަފީޢުއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، "ވިލާ ކޮލެޖަކީ ހަމައެކަނި މުއައްސަސާއެއް ނޫން، ހަމައެކަނި ތަޢުލީމީ އިންސްޓިޓިއުޝަނެއް ނޫން. އެހެންނަމަވެސް ތަސައްވުރެއް. މިއަދު އަޅުގަނޑުމެން އުފާކުރަނީ މި މުހިންމު ތަސައްވުރުގައި ހަމަ އެކުރަހާލި ބަޔަކު، ނޫނީ އު ހުވަފެން ދުށް ބަޔެއްގެ ތަސައްވުރުގައި ކުލަޖެހި، އަޅުގަނޑުމެން އެކަންކަން ޙަޤީޤަތަކަށް ވާތަން ދެކޭތީ" ކަމަށް ވިދާޅުވިއެވެ. ތިންވަނަ ދަންފަޅި ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ. ވިލާ ކޮލެޖް މިވަނީ ދިވެހިރާއްޖޭގެ މަތީ ތަޢުލީމު ދޭ މަރުކަޒުތަކުގެ ތެރެއިން ތާރީޚު ލިޔާ މުހިންމު މަރުކަޒެއްގެ ގޮތުގައި ވެފައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ވިލާ ކޮލެޖުގެ ދަސްވެނިވުމުގެ ހަފްލާތަކުގެ ދެވަނަ ދުވަސް ޚާއްސަ ކުރެވިފައި ވަނީ ޔުނިވަރސިޓީ އޮފް ދި ވެސްޓް އޮފް އިންގްލޭންޑްގެ (ޔޫ.ޑަބްލިއު.އީ) ޕްރޮގްރާމްތަކަށެވެ. ޔޫ.ޑަބްލިޔު.އީގެ ދަރިވަރުންގެ ދަންފަޅީގައި އެ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓް ބައިވެރިވެވަޑައިގެންނެވިއެވެ.

ޔޫ.ޑަބްލިޔު.އީގެ ވައިސް ޗާންސެލަރ، ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓް ފާހަގަކުރެއްވި ގޮތުގައި، މި ދަރިވަރުން މިހާރު ގުޅިގެން މިދަނީ ދުނިޔޭގެ 174 ޤައުމަކުން ތަޢުލީމު ޙާޞިލްކުރި 300,000 އަށްވުރެ ގިނަ ދަރިވަރުން ހިމެނޭ ޔޫ.ޑަބްލިޔު.އީ ބްރިސްޓޮލްގެ ދަސްވެނިންގެ ބައިނަލްއަޤްވާމީ ވިއުގައަކާއެވެ. ވައިސް ޗާންސެލަރ، ޕްރޮފެސަރ ސަރ ސްޓީވަން ވެސްޓް ވަނީ ވިލާ ކޮލެޖާއެކު އޮތް ހަރުދަނާ ގުޅުން ފާހަގަކުރައްވައި، މި ގުޅުމުގެ ސަބަބުން ދިވެހި ދަރިވަރުންނަށް ދުނިޔޭގެ ފެންވަރުގެ ތަޢުލީމެއް ރާއްޖޭގައި ހުރެގެން ޙާޞިލްކުރުމުގެ ފުރުޞަތު ލިބިގެންދާކަން ފާހަގަކުރައްވާފައެވެ.

ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރު، ދަސްވެނިންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ތަޢުލީމާއެކު އަންނަ ޒިންމާ ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، ޢިލްމު ލިބިފައިވާ މިންވަރު އިތުރުވާ ވަރަކަށް، އަޅުގަނޑުމެން ދިރިއުޅޭ މުޖުތަމަޢު އިޞްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތް ވެސް އިތުރުވާނެއެވެ. އަދި މިހާރު ދަސްވެނިންނަށް މުޖުތަމަޢުގެ ހެވާއި ލާބައަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިފައިކަން ހަނދާންކޮށްދެއްވިއެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ ޑރ. ޢަލީ ނަޖީބު، އެމަނިކުފާނުގެ ވާހަކަފުޅުގައި މި އަހަރުގެ ދަސްވެނިވުމުގެ ތަފާސްހިސާބުތައް ހިއްސާކުރެއްވިއެވެ. މިދިޔަ އަހަރާ އަޅާބަލާއިރު ދަސްވެނިވާ ދަރިވަރުންގެ ޢަދަދު 10 އިންސައްތަ އިތުރުވެފައިވާކަން އެމަނިކުފާނު ފަޚުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *