ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުޅުވާ ޝަހީދު އަލީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަނީ

ހުޅުމާލޭގެ 2ވަނަ ފިޔަވަހީގައި އަލަށް ހުޅުވާ ޝަހީދު އަލީ ސްކޫލަށް ޕްރިންސިޕަލަކު ހޯދަން އިއުލާންކޮށްފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިޔުކޭޝަނުން މިނިސްޓްރީ ކުރި އިއުލާނުގައި ބުނެފައިވާ ގޮތުން އެ ސްކޫލުގެ ޕްރިންސިޕަލަކަށް ޝައުޤުވެރިވާ ފަރާތްތަކުން އަންނަ އަންގާރަ ދުވަހުގެ 13:30ގެ ކުރިން ލިޔެކިޔުންތައް އެކަމަށް ޚާއްޞަ ކޮށްފައިވާ ލިންކް ލިންކް މެދުވެރިކޮށް ހުށައަޅަން ޖެހެއެވެ.

އެ އިއުލާނުގައި ބުނެފައިވާ ޝަރުޠު ތަކުގެ ތެރޭގައި ރޭންކް 1 ނަމަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ކިޔަވައިދިނުމުގައި މަދުވެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކުރަން ޖެހެއެވެ.

ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ކިޔަވައިދިނުމުގައި މަދުމެގެން 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތް ކޮށްފައިވާ ފަރާތަކަށް ވާންޖެހެއެވެ.

ރޭންކް ދޭއްގެ ޝަރުޠެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަވެފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސުކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 4 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

ނުވަތަ، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ތަޢުލީމީ ދާއިރާއިން ނުވަތަ ކިޔަވައިދިނުމުގެ ދާއިރާއިން ނުވަތަ ކިޔަވައިދޭ މާއްދާއަށް ޚާއްޞަކުރެވިފައިވާ ދާއިރާއަކުން ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސަނަދެއް ޙާޞިލުކޮށްފައިވުމާއި، ސްކޫލެއްގައި ޓީޗަރެއްގެ ގޮތުގައި 2 އަހަރު ޚިދުމަތްކޮށްފައިވުމާއި، ތަޢުލީމުދޭ ނުވަތަ މަތީ ތަޢުލީމުދޭ އިދާރާއެއްގެ ހިންގުމުގެ ދާއިރާގައި 8 އަހަރު ޚިދުމަތްކޮށްފައިވުމެވެ.

އެއްވަނަ ރޭންކްނަމަ އަސާސީ މުސާރައެއް ކަމަށް އެ އިއުލާނުގައި ބުނެފައި ވަނީ، 16،647 ރުފިޔާއެވެ. މަޤާމުގެ އެލަވަންސްގެ ގޮތުގައި 9،534 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސްގެ ގޮތުގައި 258 ރުފިޔާ ނުކުންނަ ކޮންމެ ދުވަހަކަށް ލިބެއެވެ.

ދެވަނަ ރޭންކުގެ ޕްރިންސިޕަލެއްގެ އަސާސީ މުސާރައަކީ 17،985 ރުފިޔާއެވެ. މަޤާމުގެ އެލަވަންސަކަށް 10،300 ރުފިޔާގެ އިތުރުން ހާޒިރީ އެލަވަންސަކަށް މަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް 279 ރުފިޔާ ލިބެއެވެ.

ޕްރިންސިޕަލެއް ކަނޑައެޅުމުގައި ބަލާނެ މިންގަނޑުތަކަށް ބަލާއިރު، އެންމެ މަތިން މާކްސް ލިބެނީ އަސާސީ ޝަރުޠުތަކާއި އިންޓަވިއުއަށެވެ. އިންޓަވިއުއަށް 40 އިންސައްތަ ކަނޑަޅާފައިވާއިރު އަސާސީ ޝަރުޠުތަކަށް 30 އިންސައްތަ މާކްސް ކަނޑައަޅާފައިވެއެވެ. ދެން އެންމެ މަތިން މާކްސް ލިބެނީ ޕްރެކްޓިކަލް ބަޔަށެވެ.

ދެވަނަ ފިޔަވަހީގައި އިމާރާތް ކުރަމުންދާ ސްކޫލުން ޖާގަ ދިނުމުގެ މަސައްކަތް މިހާރު ވެސް އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް އެބަގެންދެއެވެ.

ޝަހީދު އަލީ ސްކޫލުގައި ކިޔައވި ދެނީ ގުރޭޑް 1-10 އަކަށެވެ. 1،500 ކުދިންނަށް ޖާގަ ދެވޭ މި ސްކޫލުގައި 32 ކުދިންގެ ޖާގައިގެ 54 ކްލާސްރޫމުގެ އިތުރުން 20 މީހުންގެ ޖާގައިގެ ތިން ލިފްޓް ހަރުކޮށް، ހުރިހާ ކްލާސްރޫމެއް ހުންނާނީ އޭސީ ކޮށްފައި ކަމަށާއި މުޅި ސްކޫލަށް ބޭނުންވާ ކަރަންޓް އުފައްދާނީ ސޯލާ ހަކަތައިން ކަމަށް ހުސްވި ޖުލައި މަހުގެ ތިން ވަނަ ދުވަހު މިހާރު ނޫހަށް އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވެފައިވެއެވެ. އަދި ވިދާޅުވީ، އެންމެ ބޮޑު ސްކޫލް ލައިބްރަރީގެ އިތުރުން އޮޑިޓޯރިއަމް އާއި ހޯލަކާއި ސްޓާފް ކެންޓީން ވެސް އެ ސްކޫލުގައި ހުންނާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *