ނިމިދިޔަ ދިރާސީ އަހަރު ފ. އަތޮޅު ތަޢުލީމީ މަރުކަޒުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރުންނަށް ހޮވުނީ އެއްބަނޑުއެއްބަފާ ދެ ބެއިންނެއެވެ. ސާނަވީން އެއްވަނަ ލިބުނީ ލައްމާ ޢަބްދުއްލަތީފަށެވެ. މަތީ ސާނަވީން އެއްވަނަ ލިބުނީ ލައްމާގެ ބޭބެ ލުހާމް ޢަބްދުއްލަތީފަށެވެ.
މި ދެބެއިންގެ މަންމަ އާމިނަތު އިބްރާހިމަކީ ފ. އޭއީސީގެ ދިވެހި މުދައްރިސެކެވެ. ފާއިތުވި އަހަރު، ހާޒިރީއިން އެއްވަނަ ލިބުނީ އޭނާއަށެވެ.
ފ. އޭއީސީގެ 2023-2024 ވަނަ ދިރާސީ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ އޮތީ ބުރާސްފަތި ދުވަހުގެ ރޭ އެ ސްކޫލުގައެވެ.

ސާނަވީން އެއްވަނަ ހޯދި ލައްމާއަށް ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނައެވެ. ލުހާމްއަށް މަތީ ސާނަވީ ނިންމާ އިމްތިޙާނުތަކުން ލިބުނީ ޤައުމީ ގަދަ ދިހައެއްގެ ހަތްވަނައެވެ. ލުހާމް ސާނަވީ ނިންމި އަހަރު، ފ. އޭއީސީގެ އެންމެ މޮޅު ދަރިވަރަކީ ވެސް އޭނާއެވެ. އެ އަހަރު، ސާނަވީ ނިންމާ އިމްތިޙާނުތަކުން އޭނާއަށް ލުބުނީ ޤައުމީ ގަދަ ދިހައެއްގެ ތިންވަނައެވެ.
މި ދެބެއިންގެ ދައްތަ ލީނާ އަބްދުއްލަތީފު ވެސް ކިޔެވީ ފ. އޭއީސީންނެވެ. އޭނާ ވެސް ސާނަވީއާއި މަތީ ސާނަވީން އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދިއެވެ. ލީނާއަކީ މިހާރު ޑޮކްޓަރެކެވެ. ނިއުޒިލެންޑްގައި ވަޒީފާއަދާކުރަމުން، ކިޔަވަމުން ދަނީ އެންޑޮކްރިނޮލޮޖީގެ ދާއިރާއިން ޚާއްޞަ ވުމަށެއެވެ.
އައިންތު މިސް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާތާ މިއީ 33 ވަނަ އަހަރެވެ. މިހާ ދިގު މުއްދަތެއްގައި މަސައްކަތް ކުރެއްވިއިރު ޗުއްޓީ ފިޔަވައި ސަލާމް ވިދާޅުވި ހަނދާނެއް އޭނާގެ ނެތެވެ.
"ހަމަގައިމުވެސް 33 އަހަރުވިއިރު 33 ސަލާމެއް ނޯންނާނެ" މަޖާޒީ ގޮތެއްގައި އައިންތު މިސް ވިދާޅުވިއެވެ.

އައިންތު މިސް ވިދާޅުވީ، އެހާ ގިނަ ދުވަހު މުދައްރިސެއްގެ ގޮތުގައި ހުންނެވުނީ ކިޔަވައިދެއްވުމަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.
"މިއީ ވަރަށް ލޯބިން ކުރާކަމެއް. ޝައުޤާއި ވަގުތު ނުދީ ކިޔަވައެއް ނުދެވޭނެ" ވަޒީފާ އަދާކުރުމުގައި ގަޑިއަށް އަބަދުވެސް ސަމާލުކަންދެއްވާ އައިންތު މިސް ވިދާޅުވިއެވެ.
ލުހާމް ބުނީ، ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން ގަދައަޅައި މަސައްކަތްކުރި ކަމަށާއި ދައްތަ ހޯދި ވަނަ ދިފާއު ކުރެވުމުން އުފާވާކަމަށެވެ. ކިޔެވުމުގެ އިތުރުން އިތުރު ހަރަކާތްތަކުގައި ވެސް ލުހާމް ބައިވެރިވެއެވެ. މަތީ ސާނަވީއަށްފަހު، އޭނާ ކުރިއަށް ދާން ނިންމައިގެން ހުރީ އައިޓީ ދާއިރާއިންނެވެ.
ލައްމާ ބުނީ، ބޭބެއާއި ދައްތަ ސްކޫލުން އެއްވަނަ ހޯދުމުން އެމީހުންގެ ފަހަތުން އެއްވަނަ ހޯދަން އަޒުމް ކަނޑައެޅި ކަމަށާއި އެކަންވީ ވަރަށް ބުރަކޮށް މަސައްކަތްކޮށްގެން ކަމަށެވެ. ރަނގަޅު ނަތީޖާއެއް ހޯދުމުގައި މަންމައާއި ދޮންތަގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް ވެސް ލައްމާ ބުންޏެވެ. މިހާރު 11ގައި މިހާރު ކިޔަވަމުންދާ ލައްމާގެ އަމާޒަކީ މަތީ ސާނަވީގައި ވެސް އެ ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ދިފާއު ކުރުމެވެ.
advertisment
ހިޔާލު