ސޯޝަލް މީޑިއާގައި ޝާއިޢުކުރެވެމުންދާ ބައެއް ޕޯސްޓުތައްފެނި އަޅުގަނޑު ހިތުގައި އުފެދޭ ސުވާލެއް މި ފުރުޞަތުގައި ހިއްސާކޮށްލަން ބޭނުންވެއެވެ. އެއީ، ދައުލަތުގެ ބަޖެޓުން ވަކި ސްކޫލެއްގައި ކިޔެވުމަށް ވަކި ދަރިވަރުންތަކަކަށް ފީ ދައްކަން ޖެހޭ ސަބަބަކީ ކޮބައިތޯއެވެ؟ ހިލޭ ހުރިހާ ދަރިވަރުންނަށް ކިޔެވޭނެ މަގު ސަރުކާރުން ފަހި ކޮށްދެއްވާފައި ވާއިރު މިގޮތަށް ފީނުދެއްކުން މަލީ ބުރަޔަކަށް ވީކީއްވެތޯއެވެ؟
މިކަމާ މެދު ވިސްނާލުމުން، މިކަމަށް އެކަށީގެންވާ ސަބަބެއް އަޅުގަނޑަށް ނުފެނެއެވެ. އަދި ހަމައެހެންމެ، މިފަދަ ކަމެއް ކުރުމުގެ ބޭނުމެއް ނެތްކަން ދައްކުވައިދޭ ގިނަ ސަބަބުތަކެއް ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި:
- ދިވެހިރާއްޖެއަކީ ސަރުކާރުގެ ސްކޫލުތަކުގައިވެސް އަމިއްލަ ޕްރައިވެޓް ސްކޫލްތަކާ އެއްފެންވަރެއްގައި ތަޢުލީމު ފޯރުކޮށްދެވޭ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެއްކަން ޔަޤީނެވެ.
- އަދި ހަމަ އެހެންމެ ޕްރައިވެޓް ސްކޫލުތަކުގައި ބައެއް ވަސީލަތްތައް ގިނަވުމަކީ މައްސަލައެއްވެސް ނޫނެވެ. އަދި އެކަންވާންވާނީވެސް އެގޮތަށެވެ. ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް ޕްރައިވެޓް ސްކޫލުތަކަކީ، މާލީ ތަނަވަސްކަން ހުރި ފަރާތްތަކުން ފައިސާ ދައްކައިގެން ސަރުކާރު ސްކޫލް ތަކުން ލިބޭ ޚިދުމަތަށްވުރެ ރަނގަޅު ޚިދުމަތެއް ހޯދަން ކުދިން ފޮނުވާ ތަނެކެވެ.
- ސަރުކާރުގެ މެންޑޭޓަކަށް ވާން ޖެހޭނީ އެއްވެސް ކުއްޖަކު އިސްތިސްނާ ނުކޮށް، 4 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށްވެސް ތަޢުލީމު ލިބޭކަން ކަށަވަރުކުރުމެވެ. މިކަން ރާއްޖޭގައި ނިކަންރަނގަޅަށް ކުރެވެމުންދަކަމީ އުފާ ކުރަންޖެހޭ ހަޤީގަތެއްކަން ކަށަވަރެވެ.
- ކުރީގައި މާލޭ ސަރަޙައްދުގައި އޭ ލެވެލްއަށް ސަރުކާރު ސްކޫލުތަކުން ހުރިހާ ދަރިވަރުންނަށް ޖާގަ ނުދެވިގެން ބާކީވާ ދަރިވަރުންނަށް، ސަރުކާރުން ފީ ދައްކައިގެން އަމިއްލަ ސްކޫލުތަކުގައި ކިޔެވުމުގެ ފުރުޞަތު ދެވުނެވެ. ނަމަވެސް، މިހާރު ޙާލަތު ބަދަލުވެ، ހުރިހާ ދަރިވަރުންނަށްވެސް ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. އަދި މީގެ އިތުރުން، ޖާގައަށް އެދޭ ހުރިހާ ކުދިންނަށް ޖާގަ ނުދެވިއްޖެނަމަ، އެއްވެސް ކުއްޖަކު ބާކީ ނުކުރާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީން ދެއްވާފައިވެއެވެ.

5- ހަމައެކަނި މާލެ ސަރަޙައްދުގެ ދަރިވަރުންނަށް އަމިއްލަ ސްކޫލުތަކުގައި ކިޔެވުމަށް ފީ ދެއްކުމަކީ ހަމަހަމަ އުޞޫލަކުން ކަންކުރުން ކަމަކަށް ނުބެލެވެއެވެ. އަތޮޅުތެރޭގައިވެސް އަމިއްލަ ސްކޫލުތައް ޤާއިމުވެފައިވާއިރު، މިފަދަފުރުޞަތެއް ދޭނަމަ، ރާއްޖޭގެ ކޮންމެ ސަރަޙައްދެއްގައި ދިރިއުޅޭ ދަރިވަރުންނަށްވެސް ހަމަހަމަކަމާއެކު އެފުރުސަތު ލިބެންޖެހޭނެއެވެ.
6- ސަރުކާރުން އަމިއްލަ ސްކޫލުތަކަށް ދާ ކުދިންނަށް ފީ ދައްކާނަމަ، ހަމައެކަނި އޭ ލެވެލްއަށް ދައްކަންވީ ސަބަބެއް ނެތެވެ. ޅަފަތުގެ ތަޢުލީމަކީ އެންމެ މުހިންމު ބިންގާ ކަމުގައިވާހިނދު، ކުއްޖަކު މޮޅުކުރަން ސްކޫލަކަށް ފޮނުވާނަމަ، ސަރުކާރުން ފީ ދައްކައިގެން ޅަފަތުގެ ގްރޭޑުތަކަށް ފޮނުވުން މާއައުލާކަން ބޮޑެވެ.
7- ރާއްޖޭގައި ސަރުކާރު އަދި އަމިއްލަ ތަޢުލީމުދޭ ސްކޫލުތަކުގައި މާބޮޑު ތަފާތެއް ނެތްކަން ފާހަގަކުރެވެއެވެ. އަދި ވަކި ޚާއްޞަ ސްކޫލެއްގައި ވަކި ޚާއްޞަ ކަމެއް ކުރެވުނު ނަމަވެސް، ދުނިޔޭގެ ގިނަ ޤައުމުތަކެކޭ އެއްފަދައިން އަމިއްލަ ތަޢުލީމަކީ މާލީ ތަނަވަސްކަން ހުރި، އެކަމަށް ޤާބިލު މީހުން ކުދިން ފޮނުވާ ތަންތަން ކަމަށްވާއިރު، އަޅުގަނޅުގަނޑުމެން މިކަމާ ޝަކުވާކުރަނީ ކީއްވެތޯ ސުވާލު އުފެދެއެވެ.
އަޅުގަނޑު ދެކޭގޮތުގައި، ރާއްޖޭގެ ވަކި ރަށަކަށް ބެލުމެއްނެތި، ސަރުކާރުން ދޭ ތަޢުލީމަކީ ހަމަހަމަކަމާއެކު، އެއްވެސް ކުއްޖަކު އިސްތިސްނާ ނުކޮށް، 4 އަހަރާއި 18 އަހަރާ ދެމެދުގެ ކޮންމެ ކުއްޖަކަށް އުމުރާ ގުޅޭ ތަޢުލީމު ފޯރުކޮށްދޭންޖެހޭނެއެވެ. ވަކި ކުދިންތަކަކަށް ތަފާތުކޮށް، ވަކި ސްކޫލަކަށް ދިއުމަށް ސަރުކާރުން ޚަރަދުކުރާކަށް ނުޖެހެއެވެ. ނަމަވެސް، މާލީ ޤާބިލުކަން ހުރި މިންވަރަކުން އަމިއްލަ ސްކޫލެއްގައި ދަރިންނަށް އުނގަނައި ދިނުމަކީ ކޮންމެ ރައްޔިތަކަށް ލިބިގެންވާ ޙައްޤެކެވެ. އަމިއްލަ ސްކޫލުތަކަށް ވަކި ކުދިންތަކަކަށް ފީ ދެއްކުމުގެ ބަދަލުގައި، ސަރުކާރުގެ ސްކޫލުތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމަށް މަސައްކަތްކުރުން މުހިންމެވެ. މިގޮތުން، ހުރިހާ ދަރިވަރުންނަށް ހަމަހަމަ ފުރުޞަތުތަކެއް ލިބި، ޤައުމީ ފެންވަރުގައި ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.
އަޅުގަނޑުމެންގެ މަޤްޞަދަކީ އަދި ދުޢާއަކީވެސް، ޒުވާން ޖީލުތައް ޒިންމާދާރު، ހަރުދަނާ އަދި ޤައުމުގެ ތަރައްޤީއަށްޓަކައި ކުރިއަށް ދިއުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުމެވެ. އެ ޖީލުތަކަކީ އިސްލާމީ އަޚްލާޤާއި ދިވެހި އާދަކާދައިގެ މައްޗަށް ބިނާވެފައިވާ، ޤައުމީ ލޯބި ހިތުގައި އަށަގެންފައިވާ ބަޔަކަށް ހެދުމަށް މަސައްކަތްކުރުމެވެ. މި މަތިވެރި މަޤްޞަދު ޙާޞިލުކުރުމުގެ ހެޔޮ ތައުފީޤު ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވުމެވެ.
advertisment
ހިޔާލު