ވިލާ ކޮލެޖްގައި ތިމާވެއްޓާއި ކަނޑުތަކުގެ ޤާނޫނު ދިރާސާކުރުމަށް ޚާއްޞަ މަރުކަޒެއް

ވިލާ ކޮލެޖުގެ ކިއު.އައި ކެންޕަސް ހޯލުގައި މިއަދު ބޭއްވި ޚާއްޞަ ހަފްލާއެއްގައި ރާއްޖޭގެ ޤާނޫނީ ތަޢުލީމުގެ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނެސްދޭނެ މުހިންމު ދެ އިސްނެގުމެއް އިފްތިތާޙްކޮށްފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ހިންގޭ "ޖަޖަސް ރެސިޑެންސީ ޕްރޮގްރާމް" އާއި ޤާނޫނީ ދިރާސާތަކަށް ޚާއްޞަ "ސެންޓަރ ފޮރ ޓްރާންސްފޮމޭޓިވް އެންވަޔަރަންމަންޓަލް އެންޑް މެރިން ލޯ (ސީޓީއީއެމް)" ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ. މި ހަފްލާ ޝަރަފްވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ.

މި ހަފްލާ ތަޢާރަފްކުރައްވަމުން ވިލާ ކޮލެޖުގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯގެ ޑީން، އަލްއުސްތާޛާ އަސްނާ އަޙްމަދު ވިދާޅުވީ، މިއީ ވިލާ ކޮލެޖްގެ ތާރީޚުގައި ފާހަގަކޮށްލެވޭ ތާރީޚީ ކާމިޔާބީތަކެއް ޙާސިލްވާ ދުވަހެއް ކަމަށެވެ. އަސްނާ އަޙްމަދު ފާހަގަކުރެއްވި ގޮތުގައި، މި އިސްނެގުންތަކުގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންނަށް ޤާނޫނީ ދާއިރާގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ، ތަޢުލީމާއި މަސައްކަތުގެ މާޙައުލު ގުޅުވާލުމެވެ.

މި ހަފްލާގައި "ޖަޖަސް ރެސިޑެންސީ ޕްރޮގްރާމް" އިފްތިތާޙްކުރެއްވީ ޝަރަފްވެރި މެހެމާން، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދެވެ. ޝަރަފްވެރި މެހެމާން ދެއްކެވި ވާހަކަފުޅުގައި، ޢަދުލު އިންސާފު ޤާއިމްކުރުމުގައި ޤާނޫނީ ދަރިވަރުންގެ ޒިންމާގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި އަލަށް އިފްތިތާޙްކުރެވުނު ޕްރޮގްރާމަކީ ޤާނޫނީ ދާއިރާގައި އާ ޖީލެއް ބިނާކުރުމަށް ލިބުނު ވަރަށް ބޭނުންތެރި ވަސީލަތްތަކެއް ކަމުގައި ވިދާޅުވިއެވެ. ޖަޖަސް ރެސިޑެންސީ ޕްރޮގްރާމްގެ ދަށުން، ޝަރުޢީ ދާއިރާގައި ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ރިޓަޔަރޑް ފަނޑިޔާރަކު 'ރެސިޑެންޓް ޖަޖެއް’ގެ ހައިސިއްޔަތުން ވިލާ ކޮލެޖުގެ ޤާނޫނީ ދާއިރާގެ ދަރިވަރުންނާއި މުދައްރިސުންނާ އެކު މަސައްކަތް ކުރައްވާނެއެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ، ޤާނޫނީ ތަޢުލީމުގެ ތިއަރީ އާއި ޢަމަލީ ހުނަރުތައް ގުޅުވާލައި، ފަނޑިޔާރުންގެ ވިސްނުންފުޅާއި، ޝަރުޢީ ނިޒާމާއި، ޢަދުލުވެރިކަމުގެ އަސާސްތައް ދަރިވަރުންނަށް ސީދާ ފަނޑިޔާރުންގެ ފަރާތުން އުނގަންނައިދިނުމެވެ. ރެސިޑެންޓް ޖަޖް، ދަރިވަރުންނަށް ލެކްޗަރ ދެއްވުމާއި، ދިރާސާތަކަށް އެހީތެރިވުމާއި، މޫޓް ކޯޓް ސެޝަންތަކަށް އިރުޝާދު ދެއްވުމުގައި އިސް ދައުރެއް އަދާ ކުރައްވާނެއެވެ. ވިލާ ކޮލެޖްގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯގެ ފުރަތަމަ "ރެސިޑެންޓް ޖަޖް" ގެ މަޤާމަށް، ރިޓަޔަރޑް ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަލީ ވަނީ ރަސްމީކޮށް ޢައްޔަންކުރައްވާފައެވެ. މިއީ ވިލާ ކޮލެޖްގެ ޤާނޫނީ ތަޢުލީމާއި ދިރާސާތައް އިތުރު ހަރުފަތަކަށް ގެންދިއުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

މި ހަފްލާގައި ދެން އިފްތިތާޙްކުރެވިގެން ދިޔައީ ސެންޓަރ ފޮރ ޓްރާންސްފޮމޭޓިވް އެންވަޔަރަންމަންޓަލް އެންޑް މެރިން ލޯ (ސީ.ޓީ.އީ.އެމް)އެވެ. ސީ.ޓީ.އީ.އެމް އިފްތާޙުކޮށްދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް، ޑރ. އަމްޒަތު އަޙްމަދެވެ. ސީ.ޓީ.އީ.އެމް އަކީ ތިމާވެށި އަދި ކަނޑުގެ މައްސަލަތަކަށް ޤާނޫނީ ނަޒަރަކުން ޙައްލު ހޯދުމަށް ޚާއްޞަކޮށްގެން އުފައްދާފައިވާ ރާއްޖޭގެ މިފަދަ ފުރަތަމަ މަރުކަޒެވެ. މި މަރުކަޒަކީ ތިމާވެށީގެ ޤާނޫނުގެ ދާއިރާއިން ދިރާސާކުރުމާއި، ވަކާލާތު ކުރުމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީއަށް މަގުފަހިކުރުމަށްޓަކައި ޤާނޫނީ ދިރާސާތައްކޮށް، ސިޔާސަތުތައް ބައްޓަންކޮށް، ވަކާލާތުކުރާ މައި ހަބެކެވެ.

ރަސްމިއްޔާތުގައި ދަރިވަރުން ހޯދާފައިވާ ފަޚުރުވެރި ކާމިޔާބީތައް ވެސް ފާހަގަކުރެވުނެވެ. އެގޮތުން، ބައިނަލްއަޤްވާމީ މޫޓް ކޯޓް މުބާރާތްތަކުން ވިލާ ކޮލެޖްގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކާއި، 2024 ވަނަ އަހަރުގެ ބާ އިމްތިޙާނުން މަތީ ދަރަޖައިގައި ފާސްވި ދަރިވަރުންނާއި، "ޑީންސް ލިސްޓް" އަދި "ޑީންސް އެވޯޑް" ފަދަ އިނާމުތައް ޙާޞިލްކުރި ދަރިވަރުންގެ ކާމިޔާބީތައް ފާހަގަކުރެވިގެންދިޔައެވެ. ބައިނަލްއަޤްވާމީ މޫޓް ކޯޓް މުބާރާތްތަކުން ވިލާ ކޮލެޖްގެ ދަރިވަރުން ހޯދާފައިވާ ކާމިޔާބީތަކުގެ ތެރޭގައި، ހޮންކޮންގްގައި ބޭއްވުނު 20  ވަނަ ވިސް އިންޓަރނޭޝަނަލް މޫޓް 2023 ގެ ގަދަ 16 ޓީމުގެ ތެރޭގައި ހިމެނުމާއި، އަބޫދާބީގައި ބޭއްވުނު 13  ވަނަ މިޑްލް އީސްޓް ވިސް ޕްރީ-މޫޓް ގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ދިވެހި ޓީމްގެ ޝަރަފް ހޯދުން ހިމެނެއެވެ.

މި ހަފްލާގައި ވިލާ ކޮލެޖް ލޯ ސޮސައިޓީ (ވީ.ސީ.އެލް.އެސް) ގެ 2025 ވަނަ އަހަރުގެ ހިންގާ ކޮމިޓީ ހުވާކުރުންވެސް  ކުރިއަށް ދިޔައެވެ. ވިލާ ކޮލެޖް ލޯ ސޮސައިޓީއަކީ، ޤާނޫނީ ދާއިރާއަށް ޚިދުމަތްކުރުމާއި، މި ދާއިރާ ލީޑަރޝިޕް ތަރައްޤީ ކުރުމަށް މަސައްކަތްކުރާ ހަރަކާތްތެރި ޕްލެޓްފޯމެކެވެ. ފެކަލްޓީގެ ސީނިއަރ ލެކްޗަރަރ، އާމިޝް ޢަބްދުﷲ ފާހަގަކުރެއްވި ގޮތުގައި، މި ޖަމުޢިއްޔާއިން "ޕްރޮ ބޯނޯ" (ހިލޭ ޤާނޫނީ ލަފާ ދިނުން) ޘަޤާފަތެއް އާލާކޮށް، އާޓިފިޝަލް އިންޓެލިޖެންސް އާއި ޖައްވީ ޤާނޫނު ފަދަ އައު މައުޟޫތަކަށް މަޝްވަރާކޮށްފައިވެއެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބް، ދަރިވަރުންނަށް އިލްތިމާސް ކުރެއްވީ އެތިކްސްއާއިއެކު އިންޓެގްރިޓީވެސް ހުރި ދަރިވަރުންތަކަކަށްވުމަށެވެ. އަދި އައު އީޖާދުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިގެން، ވިލާ ކޮލެޖުގައި ލިބެންހުރި އެކްސްޕީރިއެންޝަލް ލާރނިންގ ފުރުސަތުތަކުގެ ބޭނުން ފުރިހަމަގޮތުގައި ހިފާ ދަރިވަރުންތަކަށް ވުމަށް ބާރުއެޅުއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކާއި އެއް ފެންވަރަކަށް އެކްސްޕީރިއެންޝަލް ލާރނިންގގެ ފުރުސަތުތައް މިހާރު ވިލާކޮލެޖުގައި ލިބެން ހުރިކަން ފާހަގަކުރައްވައި އެކަމާ އުފާކުރައްވާކަމަށް ވިދާޅުވިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *