ކުދިން ހަމަކުރެވި ށ. އޭއީސީގައި 11 ފެށޭނެ ކަމުގެ އުއްމީދުގައި

ކުރީ އަހަރާ ޚިލާފަށް މި އަހަރު ގުރޭޑް 11 އުފެއްދޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ށ. އަތޮޅު ތަޢުލީމީ މަރުކަޒުން ބުނެފިއެވެ. 2023 ވަނަ އަހަރު ގުރޭޑް 10 ނިންމި ދަރިވަރުންގެ ތެރެއިން އެ މަރުކަޒުގެ ގުރޭޑް 11ގައި ކިޔަވާނެ ދަރިވަރުން މަދުވުމުން އެ އަހަރު ގުރޭޑް 11 އުފެއްދޭ ގޮތެއް ނުވިއެވެ. އެހެންވެ މިހާރު އެ މަރުކަޒުގައި އޭލެވެލްގައި ކުރިއަށް ދަނީ ގުރޭޑް 12 އަށް އެކަންޏެވެ.

"މިއަހަރު ވަރަށް ބޮޑު އުއްމީދެއް އެބައޮތް 11 އަށް ކިޔަވައިދޭން ފެށޭނެ ކަމުގެ" ކޮމަންޑޫގައި ހުންނަ ށ. އޭއީސީގެ ޕްރިންސިޕަލް ހަސަން ޔޫސުފު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ނިމިދިޔަ އަހަރުގެ ގުރޭޑް 10ގައި ކިޔަވަމުން ދިޔަ ދަރިވަރުންނަށް ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތްތަކުގައި އޭލެވެލްގެ މުހިންމުކަން ބުނެދީ އޭލެވެލްގެ ކިޔެވުން އަލުން ފަށަން ބޭނުންވާކަން އަންގައިދެމުން ގެންދެވި ކަމަށެވެ.

"ރަށުގައި ތިބެގެން އޭލެވެލް ނިންމަން ބޭނުންވާ ކުދިން އެބަތިބި. އެ ކުދިން ނަގަނީ އެކަން ވަރަށް ޕޮޒިޓިވްކޮށް. އުއްމީދު ކުރަނީ އަންނަ ބުރާސްފައްޗަށް އޭލެވެލްއަށް ވަނުމަށް ދީފައިވާ ސުންގަޑި ހަމަވާއިރު ގުރޭޑް 11 އުފައްދަން ބޭނުންވާ އަދަދަށް ކުދިން ހަމަވާނެ ކަމަށް" ހަސަން ވިދާޅުވިއެވެ.

ފާއިތުވި ދިރާސީ އަހަރު ށ. އޭއީސީން 24 ދަރިވަރުން އޯލެވެލް ނިންމިއެވެ. އެ ދަރިވަރުންގެ ތެރެއިން 54 އިންސައްތަ ފަސް މާއްދާއިން ފާސްވިއެވެ. އަދި 68 އިންސައްތަ ދަރިވަރުން ތިން މާއްދާއިން ފާސްވިއެވެ. ޤައުމީ ގަދަ ދިހައެއްގައި 4 ދަރިވަރުން ހިމެނުނެވެ.

199 ދަރިވަރުން ކިޔަވަމުންދާ ށ. އޭއީސީގެ ނަތީޖާއަށް ބަލާއިރު އަލުން ގުރޭޑް 11 ފަށަން ބޭނުންވާ އަދަދަށްވުރެ އެ ސްކޫލުން ގުރޭޑް 10 ނިންމި ދަރިވަރުން އިތުރުވެ. ގިނަ ދަރިވަރުންނަކީ އޭލެވެލްއަށް ޝަރުޠު ހަމަވާ ދަރިވަރުންނެވެ.

އޭލެވެލް ފުޅާކުރަން އެޑިޔުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ ސިޔާސަތުގެ ދަށުން އޭލެވެލް ކިޔަވަން ބޭނުންވާ ކޮންމެ ދަރިވަރަކަށް ވެސް ފަހި ފުރުޞަތެއް އޮތީ ހުޅުވިފައެވެ. އޭލެވެލްއަށް ދިއުމަށް ތަފާތު ތިން މަގެއް ޚިޔާރު ކުރުމުގެ އިޚްތިޔާރު ދަރިވަރަށް ލިބިދީފައިވެއެވެ. މިއިން ކޮންމެ މަގަކުން ވެސް އޭލެވެލް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބެއެވެ.

"އޭލެވެލްއަށް މިހާރު އޮތީ ވަރަށް ފަހި ފުރުޞަތެއް ހުޅުވިފައި. އުއްމީދު ކުރަނީ ވީހާވެސް ގިނަ ދަރިވަރުން 11އަށް ވަންނަން ހުށައަޅާނެ ކަމަށް" ހަސަން ވިދާޅުވިއެވެ.

މިހާތަނަށް ލިބުނު ތަޖުރިބާތަކާއެކު ގުރޭޑް 11އަލުން ކުރިއަށް ގެންދިއުމަށް ޓީޗަރުންނާއި ވަޞީލަތުގެ އެއްވެސް ދައްޗެއް އެ މަރުކަޒަކަށް ނެތެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *