ސައްޙަނޫން ތަޢުލީމީ ސެޓްފިކެޓްގެ މައްސަލަތައް ފުލުހަށް ހުށައަޅާ މިންވަރު އިތުރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ އިދާރާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ވަޒީފާ އާއި މަތީ ތަޢުލީމުގެ ފުރުޞަތުތަކަށް އެޕްލައި ކުރުމަށް ސައްޙަނޫން އެކަޑަމިކް ސެޓްފިކެޓް ހުށައެޅުމާއި ބޭނުން ކުރުމުގެ މައްސަލަތައް އެ އޮފީހަށް ހުށައެޅޭ މިންވަރު އިތުރުވެފައިވާ ކަމަށެވެ. މިފަދަ އަމަލުތަކަކީ ޤައުމުގެ ތަޢުލީމީ ނިޒާމުގެ އިތުބާރު ގެއްލި، މި ކުށަށް އަރައިގަންނަ މީހުންނަށް ނުޙައްޤު މަންފާތަކެއް ލިބި، އާންމު ޚިދުމަތްތަކުގެ ފެންވަރާއި ޢިލްމީ އަދި ޕްރޮފެޝަނަލް މިންގަނޑުތަކަށް ސީދާ އަސަރުކުރާނެ ކަމެކެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން، މޯލްޑިވްސް ކޮލިފިކޭޝަން އޮޓޯރިޓީއާ ގުޅިގެން ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ސެޓްފިކެޓް ފޯޖްކުރުމުގެ މިފަދަ މައްސަލަތައް ދަނީ ތަހުޤީޤު ކުރަމުންނެވެ. އަދި މިފަދަ ބައެއް މައްސަލަތައް ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤުކޮށް ދަޢުވާކުރުމަށްޓަކައި ޕީޖީ އޮފީހަށް ފޮނުވާފައިވާނެ ކަމަށެވެ.
ސައްޙަނޫން ސެޓްފިކެޓް ހުށައެޅުމަކީ ނުވަތަ ބޭނުންކުރުމަކީ ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތުގެ 310 ވަނަ މާއްދާއާއި 311 ވަނަ މާއްދާގެ އިތުރުން 312 ވަނަ މާއްދާގެ ދަށުން ކުށެކެވެ. މިފަދަ ކުށްތަކަށް އަރައިގަންނަ މީހުންގެ މައްސަލަ އެ މާއްދާތަކުގެ ދަށުން ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
މިފަދަ ކަންކަމާމެދު ވަޒީފާ ދޭ ފަރާތްތަކާއި ތަޢުލީމު ފޯރުކޮށްދޭ އެންމެހާ މުއައްސަސާތަކުން ސަމާލުވެ، ކޮލިފިކޭޝަން ޕްރޭމްވޯކް އޮނިގަނޑަށް އަމަލުކުރުމަށް ހަނދާންކޮށްދީފައިވެއެވެ. އަދި ވަޒީފާދޭ ފަރާތާއި ކޮލެޖްތަކާއި ޔުނިވަރސިޓީތަކާއި ސަރުކާރުގެ މުއައްސަސާތަކުން އެކަމަށް ކަނޑައަޅާފައިވާ އުޞޫލުތަކުގެ ތެރެއިން ސެޓްފިކެޓްތަކުގެ ސައްޙަކަން ކަށަވަރު ކުރުމުގައި ޚާއްޞަ ސަމާލުކަން ދިނުމަށް ވެސް ފުލުން އެދިފައިވެއެވެ. އެފަދަ ސެޓްފިކެޓް ސައްޙަކަން ކަށަވަރުކުރުމަށް އެމްކިޔުއޭއާއި ކަމާ ގުޅުން ހުރި އިދާރާތަކުން ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ކުރުމަށް ވެސް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ. އަދި ސައްޙަކަން ކަށަވަރު ނުވާ ހާލަތުގައި ފުލުހުންގެ އޮފީހަށް އެ ހުށައެޅުމަށް ވެސް އެ ބަޔާނުގައި އެދިފައިވެއެވެ.
advertisment
ހިޔާލު