ދެ ދުވަސްތެރޭ ސީއެޗްއެސްއީއަށް ވަންނަން 900 ދަރިވަރުން ފޯމް ހުށައަޅާފައިވޭ
ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުޞަތު ދިނުމުގެ ގޮތުން މާލެއާއި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީއަށް ވަންނަ ދަރިވަރުންގެ އަދަދަށް ބަލައި އެ ދެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ސައީދު، ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ރޭ ވިދާޅުވީ، ސީއެޗްއެސްއީ ހުޅުމާލެއާއި މާލޭގައި ޖާގަ އިތުރު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށާއި، ވީހާވެސް ގިނަ ކުދިންނަށް ފުރުޞަތު ދިނުމުގެ ގޮތުން، އަންނަ ދިރާސީ އަހަރު އޭލެވެލްގެ ކިޔެވުން އެ ދެ ސްކޫލުގައި ފަށާނީ ދެ ދަންފަޅިއަށް ކަމަށެވެ.
މި ދެ ސްކޫލުގައި މިހާރު ކިޔަވައިދެމުން އަންނަނީ އެއް ދަންފަޅިއަށެވެ. ދިރާސީ ކަލަންޑަރުގައިވާ ގޮތުން އޭލެވެލްގެ ކިޔެވުން ފަށަން މި އަހަރު ކަނޑައަޅާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހެވެ.
ދަރިވަރު ނޫހަށް ހުސައިން މިއަދު ވިދާޅުވީ، އަންނަ ދިރާސީ އަހަރު އޭލެވެލް ޖޫން 7ގައި ފަށާއިރު ސީއެޗްއެސްސީގެ ދެ ސްކޫލުގައި ކިޔަވައިދޭނީ ދެ ދަންފަޅިއަށް ކަމަށެވެ. މި އަހަރު ވެސް އޭލެވެލްއަށް ކިޔަވަން ވަންނަ ދަރިވަރުންގެ އަދަދު އިތުރުވެއްޖެ ހާލަތެއްގައި އެ ދެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

"ކުދިން ވަންނަ އަދަދު އިތުރުވެއްޖެނަމަ ސީއެޗްއެސްއީގެ ދެ ސްކޫލުގައި މި އަހަރު ވެސް ދެ ދަންފަޅިއަށް ކިޔެވުން ކުރިއަށް ގެންދާނެ. އެހެން ނޫނީ އެ ދެ ސްކޫލުގައި ދެ ދަންފަޅިއަށް ކިޔަވައިދޭން ފަށާނީ އަންނަ އަހަރުން ފެށިގެން" ހުސައިން ދަރިވަރު ނޫހަށް މިއަދު ވިދާޅުވިއެވެ.
ހުސައިން ވިދާޅުވީ، ގުރޭޑް 10 އެންމެ ގިނަ ދަރިވަރުން ނިންމަނީ މާލެ ހިމެނޭ އޭރިޔާގެ ސްކޫލުތަކުން ކަމަށާއި ގުރޭޑް 10 ނިންމާ ދަރިވަރުންގެ ތެރެއިން ކުރައިޓީރިއާއަށް ފެތޭ ހުރިހާ ދަރިވަރުންނަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށެވެ.
"އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ މި އަހަރު އޯލެވެލް ނިންމި ކުދިންގެ ތެރެއިން ކުރައިޓީރިއާއަށް ފެތޭ ހުރިހާ ކުދިންނަށް ފުރުޞަތު ލިބިގެންދާނެއޭ" ހުސައިން ސައީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އޭލެވެލްގެ ކިޔެވުން ފެށެންވާއިރަށް ސްކޫލްތަކުގައި ހުރި މަރާމާތުގެ މަސައްކަތްތަކާއި ދަރިވަރުނަށް ބޭނުންވާ ވަޞީލަތްތަކާއި މުދައްރިސުން ހަމަވާނެ ކަމަށެވެ.
ސީއެޗްއެސްއީގެ ދެ ސްކޫލުގެ 11އަށް ވަންނަން ހުޅުވާލީ މި މަހު 19 ވަނަ ދުވަހުއެވެ. މުއްދަތު އަންނަ މަހުގެ 4 ވަނަ ދުވަހަށް ހަމާވާއިރު، ތިން ދުވަސް ތެރޭ 900 ދަރިވަރުން އެ ދެ ސްކޫލަށް ވަންނަން އެޕްލިކޭޝަން ފޯމް ހުށައަޅާފައިވެއެވެ.
އޭލެވެލް ކިޔަވާ ދަރިވަރުން އިތުރު ކުރުމުގެ ގޮތުން، ކުރީގެ ސީއެޗްއެސްސީ އަލުން އިއާދަކޮށް، އަތޮޅު ތެރޭގެ 23 ސްކޫލެއްގައި ޕައިލެޓް ޕްރޮގްރާމެއް މިދިޔަ އަހަރު ކުރިއަށް ގެންގޮސްފައިވެއެވެ. އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ޕްރޮގްރާމް ކާމިޔާބު ކަމަށެވެ.
އޭލެވެލްއަށް ކިޔަވާ ދަރިވަރުން އިތުރު ކުރުމުގެ ގޮތުން އޭލެވެލްއަށް ވަންނަ ދަރިވަރުންގެ ކުރައިޓީރިއާއަށް ބޮޑު ބަދަލެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ގެނެސްފައެވެ. އޯލެވެލްއަށް ކިޔެވޭނެ ތިން މަގެއް ކަނޑައަޅައި އެއިން ކޮންމެ މަގަކުން ވެސް އޭލެވެލްއަށް ދެވޭނެ ފަހި ފުރުޞަތުތަކެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ފަހިކޮށްދީފައެވެ.
advertisment
ހިޔާލު