ފާއިތުވި 2023-2024 ވަނަ ދިރާސީ އަހަރު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުން އެންމެ މޮޅު ދަރިވަރުގެ މަޤާމް އަހްމަދު އަފްރާޙު އިރުޝާދު ހޯދައިފިއެވެ.
އެންމެ މޮޅު ދަރިވަރުގެ ގޮތުގައި ހޮވުނު ދަރިވަރަށް އިނާމް ދެއްވީ އެޑިޔުކޭޝަން މިނިސްޓަރުގެ ނާއިބް ސުލްޠާން ރާމިރެވެ.
އެއްވަނަ ހޯދި އަފްރާޙު ވަނީ، ފާއިތުވި ދިރާސީ އަހަރު ބޭއްވި އޯލެވެލް އިމްތިޙާނުން ހަ މާއްދާއިން އޭ ސްޓަރ އާއި ދެ މާއްދާއިން އޭ ހޯދައިގެން ޤައުމީ ގަދަ ދިހައެއްގެ ހަތަރުވަނަ ހޯދާފައެވެ.
އަފްރާޙުއަކީ ފާއިތުވި އަހަރު ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޑެޕިއުޓީ ކެޕްޓަނެވެ.

އެއްވަނަ ހޯދި އަފްރާޙު ކިޔަވާ ކުދިންނަށް ބުނެދީ، ބައެއް ދަރިވަރުންނަށް ގޭތެރޭގެ މާހައުލަކީ ކިޔެވުމަށް އެކަށީގެންނުވާ ދަތި މާހައުލަކަށް ވެދާނެ ކަމަށާއި ނަމަވެސް ކޮންމެ ހާލެއްގައި ވެސް ކިޔެވުމަކީ މުސްތަޤުބަލް އުޖާލާކުރުމަށް ދަރިވަރުން ކުރަންޖެހޭ އެންމެ މުހިންމު ކަންތައް ކަމަށެވެ. ކިޔެވުމަށް ލިބިފައިވާ ފުރުޞަތަކީ ރަނުގެ ފުރުޞަތެއް ކަމަށް ދެކެން އެބަ ޖެހޭ ކަމަށާއި މިއީ ދުނިޔޭގެ ހުރިހާ ކުދިންނަށް ލިބޭ ފުރުޞަތެއް ނޫންކަން ވެސް ދަންނަން އެބަ ޖެހޭ ކަމަށެވެ.
"އިމްތިހާނުތައް ބޯމަތިވުމުގެ ކުރިން ދުރާލާ ފިލާވަޅުތައް މުރާޖަޢާކޮށް މުޠާލިއާ ކުރުމަށް ހުރިހާ ދަރިވަރުންނަށް އިލްތިމާސްކުރަން. ހުރިހާ ކުދިންނަކީ އެއްވަނަ ހޯދޭނެ ކުދިންނެއްނޫން. ނަމަވެސް ކިތަންމެ ކުޑަ ކުރިއެރުމެއް ވިޔަސް އެއީ ކާމިޔާބެއްކަމުގައި ދެކިގެން ކުރިއަށް ދިއުމަކީ އެއަށްވުރެ ބޮޑު ކާމިޔާބެއް ލިބުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމެއް" އަފްރާޙު ބުންޏެވެ.
ފާއިތުވި އަހަރު ހދ. އޭއީސީން 1045 ދަރިވަރުން ކިޔަވާފައިވެއެވެ. ސްކޫލުގެ ނަތީޖާއަށް ބަލާއިރު އެސްއެސްސީ އިމްތިޙާނުތަކުން 71 އިންސައްތަ، 63 އިންސައްތަ އޯލެވެލްގެ މާއްދާތަކުން ފާސްވެފައިވެއެވެ. ޤައުމީ ގަދަ ދިހައެއްގައި އެ މަރުކަޒުގެ ތިން ދަރިވަރުން ހިމެނިފައިވެއެވެ.
advertisment
ހިޔާލު