ތ. އޭއީސީއިން މި އަހަރު ނެރުނީ 28 އަހަރުގެ ތެރޭގައި ނެރެވުނު އެންމެ ރަނގަޅު ނަތީޖާ

  • ހަ ދަރިވަރުން ގަދަ ދިހައަކަށް، ފަސްވި އިންސައްތަ 88އަށް
  • އޯލެވެލްގެ ނަތީޖާއިން ދައްކައިދެނީ ދުރާލާ ރާވާލައިގެން ގުޅިގެން ކުރި މަސަކަތުގެ ނަތީޖާ: ޕްރިންސިޕަލް

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ބޮޑު ކާމިޔާބީއެއް" ތ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އޯލެވެލްގެ ނަތިޖާއަށް އިޝާރާތްކޮށް އެ ސްކޫލުގެ ޕްރިންސިޕަލް މުނާޒު ދަރިވަރު ނޫހަށް ވިދާޅުވިއެވެ.

ތ. ތިމަރަފުށީގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒުގެ ތާރީޚުގައި ވެސް އޯލެވެލްގައި ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދީ މި އަހަރުއެވެ. ހުސްވި އެޕްރީމް/ މެއިގައި ބޭއްވި ސާނަވީ ނިންމާ އިމްތިޙާނުގައި އެ މަރުކަޒުގެ 17 ދަރިވަރުން ބައިވެރިވެ 88 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އަދި ޤައުމީ ގަދަ ދިހައެއްގައި 6 ދަރިވަރުން ހިމެނުނެވެ. އެ ދަރިވަރުންނަކީ:

1- ޝަމްނާ ޝަރީފު ( 3 ވަނަ )

2- އިސްމާއިލް ޝާމިލް ( 5ވަނަ)

3- ނީމް އަބްދުﷲ ރަމީޒު 6ވަނަ)

4- އިމްޒާ އިއްޒަތު ހަސަން (9ވަނަ)

5- ރައިނާ އަޙްމަދު ރިޔާޒު (9ވަނަ)

6- ދީނާ އަޙްމަދު ނަޞީރު (10 ވަނަ)

ތ. އޭއީސީން އޯލެވެލް އިމްތިޙާނުގައި ބައިވެރިވާން ފެށިތާ 28 އަހަރު ފާއިތުވިއިރު، ވޭތުވެދިޔަ 12 އަހަރު، އެ ސްކޫލުގެ އެއްކުއްޖަކު ދެ ކުއްޖަކު ކޮންމެ އަހަރަކުވެސް ޤައުމީ ގަދަ ދިހައެއްގައި ހިމެނެއެވެ. އެހެން ނަމަވެސް މިހާ ގިނަ ދަރިވަރުން ގަދަ ދިހައެއްގައި ހިމެނުނީ މި އަހަރުއެވެ. އަދި ނަތީޖާއަށް ބަލާއިރު ވެސް އެންމެ ގިނަ ދަރިވަރުން ފާސްވި އަހަރަކީ ވެސް މިއީއެވެ. އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ޕްރިންސިޕަލް އަބްދުﷲ މުނާޒު ފާހަގަކުރެއްވީ އެހެންވެއެވެ.

" މިކާމިޔާބީއަށްޓަކައި މުޅި ތިމަރަފުށީ ގެ ރައްޔިތުންވެސް ފަޚްރުވެރިވޭ. މިއީ އަޅުގަނޑުމެންގެ ސުކޫލުގެ މެނޭޖްމެންޓާއި ޓީޗަރުންނާއި ހުރިހާ ސްޓަރފުން އަދި ދަރިވަރުނާއި ބެލެނިވެރިން ދެކެމުން އައި ހުވަފެނެއް" މުނާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް މިފަދަ ކާމިޔާބީއެއް ލިބުމުގައި ރަށުގެ މުއްސަސާތަކާއި ދަރިވަރުންގެ ބެލެނިވެރިން އަދި ސްކޫލުގެ ޕީޓީއޭ ޙާއްޞަކޮށް ތިމަރަފުށީ ކައުންސިލުން ވެދެއްވާ އެހީތެރިކަން ފާހަގަ ކުރަން"

އޯލެވެލްގައި ތ. އޭއީސީން ބައިވެރިވި ދަރިވަރުންގެ ވަކިވަކި މާއްދާތަކަށް ބަލާއިރު، އަށް މާއްދާއަކުން ހުރިހާ ދަރިވަރުން ވާސްވިއެވެ. އެއީ، އެކައުންޓިންގ، ބައޮލޮޖީ، ބިޒްނަސް ސްޓަޑީޒް، ކޮމްޕިއުޓަރ ސައިންސް، ކެމިސްޓްރީ، ފިޒިކްސް، ދިވެހި، އިސްލާމްއެވެ. ދެން ކިޔެވި މާއްދާތަކަށް ބަލާއިރު، މެތްމެޓިކްސްއިން 82 އިންސައްތަ ދަރިވަރުން ފާސްވިއެވެ. އިނގިރޭސި މާއްދާއިން 76 އިންސައްތަ، އިކޮނޮމިކްސްއިން 78، ޓްރެވަލް އެންޑް ޓުރިޒަމުން 75 އިންސައްތަ ދަރިވަރުން ފާސްވެފައިވެއެވެ.

ރަށުގައި ތިބެގެން އެކަށީގެންވާ ތައުލީމެއް ފޯރުކޮށްދިނުމުގެ ހުވަފެން ދެކެވަޑައިގެންނެވި މުނާޒު އެ މަރުކަޒުގައި ކިޔަވައިދެއްވުމުގެ އިތުރުން ލީޑިންގ ޓީޗަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ޕްރިންސިޕަލްކަމާ ހަވާލުވެވަޑައިގެންނެވީ 2022 ވަނަ އަހަރުއެވެ. އެއީ ކުރުމުއްދަތެއްގެ ތެރޭގައި ޕްރިންސިޕަލް ބަދަލުވެވަޑައިގަންނަވަން ޖެހުމުން އެ މަރުކަޒަށާއި ދަރިވަރުންނަށް ލިބެމުން ދިޔަ ދަތިތަކަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ބޭނުމުގައެވެ.

ޕްރިންސިޕަލް މުނާޒު: ނަތީޖާ ނެރެން މަސައްކަތް ކުރީ ޕްލޭންތަކެއް އެކުލަވާލައިގެން

ޕްރިންސިޕަލެއްގެ ހައިސިއްޔަތުން އެންމެ ފުރަތަމަ ވެސް އޭނާ ކުރެއްވި މަސައްކަތަކީ ޓާގެޓްތަކެއް ކަނޑައަޅައި ދަރިވަރުން "ރޫޓިން"އަކަށް ފެއްތުމެވެ.

މުނާޒު ވިދާޅުވީ، އޭނާ ފެއްޓެވި މަސައްކަތުގައި އެންމެ ބުރަކޮށް އިޚްލާސްތެރިކަމާއެކު މަސައްކަތް ކުރެއްވި އެއް ބޭފުޅަކީ ކީ ސްޓޭޖް 3އާއި 4ގެ ލީޑިންގ ޓީޗަރު އިބްރާހިމް ރިޔާޒެވެ.

ޕްލޭނާއެއްގޮތަށް ދަރިވަރުންނާއި ޓީޗަރުންނާއި ބެލެނިވެރިން ގޮވައިގެން އޭނާ ކުރެއްވި މަސައްކަތަށް ޝުކުރު ޙައްޤެވެ. އަދި ދަރިވަރުންނާއި ބެލެނިވެރިން ވެސް އެ ޝުކުރުގައި ޝާމިލުކުރަން ޖެހެއެވެ.

މުނާޒު ވިދާޅުވީ، "ލިބުނު ކާމިޔާބީއާއެކު ދެ ގުނަ ކުރިއަށް ޖައްސައި، ކުރިއަށް އޮތް އަހަރުތަކުގައި މިފަދަ ފަޚްރުވެރި ކާމިޔާބީތައް ހޯދުމުގައި ހިތްވަރާއެކު މަސައްކަތް ކުރުމުގެ ޢަޒުމް" ވަރުގަދަވެއްޖެ ކަމަށާއި އިރާދަކުރެއްވިއްޔާ އެ މަގަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *