ޒުވާން ހަތަރު ޚަތީބުންނާއެކު، 11 އަހަރަށްފަހު ފެރިދޫއަށް މުދިމުންގެ ދާއިމީ ހައްލެއް

ރަށުގެ ދެ މިސްކިތާ ހަވާލުވެ، އިމާމުވެ ފަސްވަގުތު ނަމާދުކުރަމުން ދަނީ ވެސް އެ ކުދިން

"މިއީ ދިހަ ބުރީގެ އިމާރާތްތަކެއް އެޅުމަށްވުރެ މި ރަށަށް {ފެރިދޫއަށް} ލިބުނު މާ ބޮޑު ތަރައްޤީއެއް. މިއީ ފާއިތުވި 11 އަހަރަށްފަހު މުދިމުންގެ މައްސަލައަށް ލިބިގެން ދިޔަ ދާއިމީ ހައްލެއް" ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވެ ދަސްވެނިވި ފެރިދޫގެ ހަތަރު ޒުވާނުންނަށް ނިސްބަތްކޮށް އެރަށު ކައުންސިލުގެ ރައީސް އިސްމާއިލް ޝާހް ވިދާޅުވިއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ފެރިދޫގެ ހަތަރު ޒުވާނުން ބައިވެރިވިއިރު އޭގެތެރޭގައި  އެރަށު ހުންނަ އއ. އަތޮޅު މަދަރުސާގައި ކިޔަވަމުންދާ ތިން ދަރިވަރުންނާއި އެ މަދަރުސާއިން ކިޔެވުން ނިންމި ދަރިވަރަކު ހިމެނެއެވެ.

އެ ޕްރޮގްރާމުގައި ބައިވެރިވި ކުދިންނަކީ:
  • އަޙްމަދު އާފާދު ބަޝީރު
  • .މުޙައްމަދު  އަޔާން  އަޙްމަދު  ޝާތިރު
  • .އަޙްމަދު  ޔާސީން  އަބްދުﷲ
  • މުޙައްމަދު މިފްޟާލް އަޙްމަދު

އިސްލާމިކް މިނިސްޓަރުގެ ޚާއްޞަ ހުއްދައެއްގެ ދަށުން މި ހަތަރު ދަރިވަރުން ފެރިދޫގައި އިމާމުވެ ހުކުރު ކުރާތާ މިހާރު ފަސް ހަފުތާވެއްޖެއެވެ.

މުދިމުންގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ދިއުމަކީ ރަށު ކައުންސިލާއި ރައްޔިޔުންނަށް ލިބުނު ބޮޑު ތަކުލީފެކެވެ. މަދު ހުކުރެއް ފިޔަވައި ކޮންމެ ހުކުރު ނަމާދަކަށް އިމާމަކު ގެންނަން ޖެހެނީ ކައިރި ރަށަކުންނެވެ. އެކަމަށް ކައުންސިލުގެ ބަޖެޓުން ކޮންމެ އަހަރަކު ލައްކައެއްހާ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ.

ޝާޙް ވިދާޅުވީ، މުދިމުންގެ މައްސަލަ ދާއިމީ ގޮތެއްގައި ހައްލުކޮށްދޭނެ ކަމުގެ ޔަޤީންކަން އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދާ އެ ކައުންސިލުން ބައްދަލުކުރެއްވި ފުރަތަމަ ދުވަހު ވެސް ދެއްވި ކަމަށެވެ.

"މިނިސްޓަރު ވިދާޅުވީ، މި ދައުރުގެ ތެރޭގައި މުދިމުންގެ މައްސަލަ ހައްލުކޮށްދެއްވާނަމޭ. ޒުވާން ޚަޠީބުން ތަމްރީނު ޕްރޮގްރާމުގައި ދަރިވަރުން ބައިވެރިކުރުމަށް މިނިސްޓަރު އިސްވެހުންނަވައިގެން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރެއްވި" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު ދަރިވަރުން ޒުވާން ޚަޠީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމުގައި ބައިވެރިކުރާނެ ކަމަށާއި ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށް ގެންދެވޭނީ އޭރުން ކަމަށެވެ.

ފެރިދޫގައި ހުންނަ ދެ މިސްކިތުގައި އިމާމުވެ ނަމާދު ކުރަނީ އެ ދަރިވަރުންނެވެ. ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތް ކަމުގެ ސިޓީއަކާއެކު އެކުދިންނަކީ އެރަށު ކައުންސިލުން އެކުލަވާލާފައިވާ މުދިމުންގެ ޕޫލުގެ ބައިވެރިންނެވެ.

"މިނިސްޓްރީން ކަނޑައަޅާފައިވާ ގޮތުގެމަތިން އެ ކުދިން އިމާމުވެ ކުރަމުންދާ ނަމާދުތަކަށް ބަރާބަރަށް އުޖޫރަވެސް ދެމުން މިގެންދަނީ" ޝާހު ވިދާޅުވިއެވެ.

ޝާހު ވިދާޅުވީ، ހުކުރު ކުރާނެ އިމާމެއް ހޯދަން ކުރަންޖެހުނު މަސައްކަތާއި ރަށަށް ގެނެސް ގެންގޮސް ދޭން ކުރި ދަތުރުތަކަށް ނިމުމެއް އައީކަމަށާއި އެއީ ކައުންސިލަށް ލިބުނު ވަރަށް ބޮޑު ލުޔެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ލުޔެއް ވަރަށް ބޮޑު ފަސޭހައެއް"

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *