"ވަން ސްޓޮޕް އެޑްމިޝަން"ގެ ނަމުގައި އެމްއެންޔޫއިން ބޮޑު ހަރަކާތެއް

ދެވަނަ ޓާމު ކުރިއަށް ގެންދާ ކޯސްތަކުގެ މައުލޫމާތު ދީ، އެ ކޯސްތަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފަސޭހައިން ވަދެވޭނެ އިންތިޒާމެއް ހަމަޖައްސައިގެން ބޮޑު ހަރަކާތެއް ކުރިއަށް ގެންދަން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ނިންމައިފިއެވެ.

"ވަން ސްޓޮޕް އެޑްމިޝަން"ގެ ނަމުގައި މި ހަރަކާތް ކުރިއަށް ގެންދަނީ އޮގަސްޓް މަހުގެ 21 ވަނަ ދުވަހުއެވެ. މި ހަރަކާތް ކުރިއަށް ގެންދާނީ އެ ދުވަހުގެ ހަވީރު 16:00ން 18:00 އަށް އަދި ރޭގަނޑު 20:00ން 22:00އަށެވެ.

އެ ޔުނިވަރސިޓީގެ މައިމަރުކަޒުގައި ކުރިއަށް ގެންދާ މި ހަރަކާތުގެ އެންމެ ބޮޑު މަޤްސަދަކީ ތަޢުލީމީ ހުވަފެން ހަޤީޤަތަކަށް ހަދަން ބޭނުންވާ ފަރާތްތަކަށް އެއް ތަނަކުން އެއް ފަހަރާ ޔުނިވަރސިޓީއަށް ވަނުމުގެ ހާއްސަ ފުރުސަތެއް ފަހިކޮށްދިނުމެވެ.

މި ހަރަކާތުގެ ތެރޭގައި ޔުނިވަރިސިޓީގެ ކޯސްތަކަށް ކުރިމަތިލުމަށް ފޯމު ބަލައިގަތުމާއި އޯލެވެލް އަދި އެހެނިހެން

ނަތީޖާތަކަށް ބެލުމަށްފަހުޝަރުތު ހަމަވާ ފަރާތްތަކަށް ކޯހަށް ހޮވުނުކަމުގެ ލިޔުން ވަގުތުން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ފުރުސަތުގެ ބޭނުން ހިފުމަށް އިވެންޓަށް ދަރިވަރުން އަންނައިރު ނަތީޖާ ކަރުދާހާއި އައިޑީ ކާޑު ގެނައުމުން ޔުނިވަރސިޓީގެ ކޯސްތަކުގައި ޖާގަ ހުރި މިންވަރަކުން މި ފުރުސަތު ދޭނެ ކަމަށް އެމްއެންޔޫއިން ބުނެއެވެ.

މި ހަރަކާތުގެ ތެރެއިން، އެމްއެންޔޫގެ ތަޖުރިބާކާރު ލެކްޗަރުންނާ ބައްދަލުކޮށް ކޯސްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ވެސް ހޯދުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ތަޢުލީމު ހާސިލުކުރެވެން ހުރި ދާއިރާތަކުގެ ތެރޭގައި ޓޫރިޒަމް އެންޑް ހޮސްޕިޓާލިޓީ، ކަލިނަރީ އާޓްސް، ޖަރނަލިޒަމް، ޕޮލިޓިކަލް ސައިންސް، ބިޒްނަސް، އެކައުންޓިންގ، އިކޮނޮމިކްސް، ޓީޗިންގ، މަސްވެރިކަމާއި ނަރސިންގ، ސައިކޮލޮޖީ، ހެލްތު ސައިންސަސް، އާކިޓެކްޗަރ، އިންޓީރިއަރ ޑިޒައިން،  އިންފޮރމޭޝަން ޓެކްނޮލޮޖީ، ސިވިލް އެންޖިނިއިރިންގ، ސައެންސް، އެންވަޔަރަންމަންޓަލް މެނެޖްމަންޓް، މެރިން ސައިންސް، މެރިޓައިމް ސްޓަޑީޒް، ޝަރީއާ އެންޑް ލޯ، އަދި މެޑިސިން ހިމެނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ދިރާސާކުރުމަށް ޚާއްޞަ ސަމާލުކަމެއްދީގެން ފަންނީ ޢިލްމީ

ދިރާސާތައް އިތުރުކުރުމަށް މަސައްކަތް ކުރަމުންދާ ޔުނިވަރސިޓީއަކަށްވާތީ، ތަފާތު ދާއިރާތަކުން މަތީ ތަޢުލީމު ހާސިލުކުރުމަށް ޝައުގުވެރިވާ ކުދިންގެ އިތުރުން ދިރާސާތައް ކުރުމަށް ޝައުގުވެރިވާ ކުދިންނަށް ބޭނުންވާ މަޢުލޫމާތުވެސް މި އިވެންޓުން ލިބިގެންދާނެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *