މުދައްރިސެއްގެ އަތުގައި ފުރަތަމަ ޑިގްރީގެ ސަނަދެއް އޮތުން މުހިއްމު ވީނަމަވެސް، އިސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށްފަހު ކަމުގައި ހެދުމަކީ ރާއްޖޭގެ ހާލަތު ތަންނުދޭ ކަމަށް ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ފޭސްބުކުގައި ވަޒީރު ޑރ. އިސްމާއިލް މިރޭ ލިއުއްވާފައިވާ ގޮތުގައި އެއީ މުދައްރިސުން ލިބުމުގައި ދިމާވެފައިވާ އެކި ގޮންޖެހުންތަކާއިހެދި ބައެއް ގައުމުތަކުގައި އަމަލުކުރާގޮތެއްވެސް ނޫން ކަމަށާއި އެ ވިސްނުމަށް އަމަލުކޮށްގެން ދުވަހަކުވެސް ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ބަދަލެއް ނުވާނެ ކަމަށެވެ.
ޑރ. އިސްމާއިލް ލިޔުއްވާފައިވާ ގޮތުގައި، މުދައްރިސަކަށް ވުމަށްވެސް އެތައް މަގެއް އިޚުތިޔާރު ކުރެވިދާނެ ކަމަށާއި ރާއްޖޭއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު ޕާތުވޭތައް ތަޢާރަފްކޮށް މުދައްރިސުންނަށް މުޖުތަމަޢުގައި ދެވޭ އިޙްތިރާމާއި ގަދަރު ދޭންޖެހެއެވެ. މުދައްރިސުންދެކެ ލޯބިވާ މުޖުތަމަޢެއް އުފަންވާން ޖެހެއެވެ. އަދި، ޑިޕްލޮމާ ސެޓުފިކެޓަކާއެކު ވެސް އެ ދާއިރާއަށް ވަނުމަށް ހިތްވަރުދީ، ދާއިރާއިން ކުރިއަށްދިއުމަށް ބާރުއަޅާ، ސާބަސް ދޭން ޖެހެއެވެ.
ވަޒީރު ލިޔުއްވާފައިވާ ގޮތުގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިމިވަނީ ޓީޗަރުން ނުލިބުމުގެ ކާރިސާއެއް ކަމަށާއި ފާއިތުވެ ދިޔަ ތަނުގައި މުދައްރިސުންގެ ދުޅަހެޔޮކަމަށާއި ވަޒީފާގެ ރައްކާތެރިކަމަކަށް ފަރުވާލެއް ނުބެހެއްޓުމުގެ އިތުރަށް، އާ މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ފާއިތުވެދިޔަ ކައިރި މާޒީގައިކޮށްފައި ނުވެއެވެ. މާލޭގައި ދިރިއުޅުމުގެ އަގާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް މުދައްރިސްކަން ފަސޭހައިން ކިޔެވޭގޮތަށް ކަންކަންފަހިކޮށް، މިދާއިރާއަށް ސްކޫލްތަކުން ނުކުންނަ ދަރިވަރުން ކިޔެވުމަށް ބާރުއަޅާފައިވާ މިންވަރު ކުޑަކަން އެމަނިކުފާނު ލިޔުއްވާފައިވެއެވެ. ނަތީޖާއަކީ 2023ވަނަ އަހަރު ނިމުނުއިރު އުގެނުމުގަ ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600އަށްވުރެ ގިނަ މުދައްރިސުން ނެތި ދަރިވަރުން ބިކަވެފައިވުމެވެ.

"އުގެނުމުގަ ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެދާއިރާއިން 1 އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް ވަންނަ މުދައްރިސް ވެސް ރަގަޅު ވާނެއެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަންދޭށެވެ." ވަޒީރު ލިޔުއްވާފައިވެއެވެ.
އެއް އަހަރު ޑިޕްލޮމާ އަކާއެކު ޓީޗިންގ ކެރިއަރ ފެށި އެތައް މުދައްރިސުންނަކާއި ފަންނީ އެތައް ބަޔަކު މި ގައުމުގައި ތިބޭނެ ކަމަށާއި އެމީހުންނަކީ ދަށް ބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުންގެ ގޮތުގައި ފާހަގަކުރެވިގެންދިޔަކަން ވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.
2022ވަނަ އަހަރު އެކުލަވާލި މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވަލް 5 ގެ ޑިޕްލޮމާ (1 އަހަރުގެ) ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެކަމަށް ލިޔެފައިވާކަން ވެސް ވަޒީރު ލިޔުއްވާފައިވެއެވެ.
ފޭސްބުކް ޕޭޖުގައި ޑރ. އިސްމާއިލް މި ވާހަކަ ގެންނަވާފައި ވަނީ އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ މުދައްރިސުން ތަމްރީނު ކުރުމަށް ޑިޕޮލަމާ ކޯހެއް މިއަދު އިފްތިތާޙު ކުރުމާ ގުޅިގެން ބައެއް ފަރާތްތަކުން ފާހަގަކުރި ކަންތައްތަކަށް ރިޔާއަތް ކޮށެވެ.
މިއަދު ފެށި އެއް އަހަރު ދުވަހުގެ ޑިޕްލޮމާ ކޯހަކީ، އުނގެނުމުގައި ޚާއްޞަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭނެ ޓީޗަރުން އުފެއްދުމަށް އިފްތިތާޙް ކުރި ކޯހެކެވެ. މި ކޯސް ކުރިއަށް ގެންދަނީ ދިވެހި ރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއާއި ވިލާ ކޮލެޖްގައެވެ. މި ކޯހުގައި ހިލޭ ކިޔަވާދޭއިރު އެލަވަންސެއްގެ ގޮތުގައި މަހަކު 1500 ރުފިޔާ ދެއެވެ.
advertisment
ހިޔާލު