މަހަކު 1500 ރުފިޔާގެ އެލަވަންސެއް ލިބޭގޮތަށް ސެން ޓީޗަރުން ތަމްރީނު ކުރަން ފަށަނީ

1500 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭގޮތަށް އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީނުކުރުމުގެ ކޯހެއް އިއުލާން ކޮށްފިއެވެ.

މި ކޯސް ކުރިއަށް ގެންދަނީ ތަޢުލީމީ ވުޒާރާގެ އިސްނެގުމާއެކު މި ކޯސް ކުރިއަށް ގެންދަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ވިލާ ކޮލެޖުންނެވެ.

މި ކޯސް ކުރިއަށް ގެންދިއުމަށް އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން އައިޔޫއެމްއާއި ވިލާކޮލެޖާއެކު އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއކުރެއްވީ މިނިސްޓަރު، ޑރ. އިސްމާއިލް ޝަފީޢުއެވެ. އައިޔޫއެމްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ޒާހިރެވެ. ވިލާ ކޮލެޖްގެ ފަރާތުން ސޮއިކުރެއްވީ ވައިސް ރެކްޓަރ ޑރ. އަލީ ނަޖީބެވެ.

މި ކޯހުގެ ކިޔެވުން ފަށަން އައިޔޫއެމްއާއި ވިލާ ކޮލެޖުން ނިންމާފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުއެވެ. އެއް އަހަރު ދުވަހުގެ މުއްދަތަށް ޑިޕްލޮމާ ފެންވަރަށް ކުރިއަށް ގެންދާ މި ކޯހުގައި އަށް މޮޑިއުލެއް ހިމެނެއެވެ. ކިޔެވުން ކުރިއަށް ގެންދާނީ ދަރިވަރުން ކެމްޕަހަށް ހާޒިރުވެގެންނެވެ. ކޯހުގައި ބައިވެރިވާން ފީއެއް ދައްކާކަށް ނުޖެހެއެވެ. ކޯހުގައި ކިޔަވާ ކޮންމެ މީހަކަށް 1500 ރުފިޔާގެ އެލަވަންސެއް މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ފަރާތުން ހަމަޖައްސައިދޭނެއެވެ.

ޓީޗަރުންގެ ދަތިކަން ހައްލު ކުރުމުގެ ގޮތުން އޭލެވެލްކިޔަވާ ދަރިވަރުންގެ ތެރެއިން 130 ދަރިވަރުންނަށް މަހަކު 1500 ރުފިޔާގެ އެލަވަންސަކާއެކު ޓީޗިންގ ކިޔެވުމުގެ އިންތިޒާމް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ހަމަޖައްސާދީފައެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މީގެ ކުރިން ހާމަކުރި މައުލޫމާތުތަކަށް ބަލާއިރު އުނގެނުމުގައި ޚާއްޝަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވއިދޭން 600 އެއްހާ ޓީޗަރުން ރާއްޖެއަށް ބޭނުންވެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *