ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) 1،500 އަށްވުރެ ގިނަ ގޭމް ކުޅުންތެރިންނާއެކު މިއަދު ރަސްމީކޮށް ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ފަށައިފިއެވެ.
ޑީއެމްޖީސީ 2025 ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، ވާދަވެރި ހަތަރު މެޗުގެ ފޯމެޓަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖޭގެ ގޭމް ކުޅުންތެރިންގެ ތަފާތު ހުނަރުތައް ދައްކާލުމުގެ ފުރުސަތުލިބިގެންދާނެއެވެ. މި މުބާރާތުގައި ބައިވެރިވެ ވަނަވަނަ ހޯދާ ކުޅުންތެރިންނަށް ޖުމްލަ 170،000 ރުފިޔާގެ އަގުހުރި އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
"މިއަދަކީ ދިވެހިރާއްޖޭގެ ގޭމިންގ ތާރީހުގައި ފާހަގަކޮށްލެވޭ ހާއްސަ ދުވަހެއް. މިއަދު މި ފަށަނީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އީސްޕޯޓްސް މުބާރާތް. މިއީ، ދިރާގު ގޭމާސް ގިލްޑް މެދުވެރިކޮށް، ގޭމް ކުޅުންތެރިންގެ ހުނަރުތައް ދައްކާލުމުގެ ފުރުސަތުތައް މަގުފަހިކޮށްދިނުމުގެ އިތުރުން ޒިންމާދާރުކަމާއެކު ގޭމް ކުޅުމުގެ އާދަތައް (ރެސްޕޮންސިބަލް ގޭމިންގ) އަށަގަންނުވައި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް އިތުރު ކުރިއެރުންތައް ހޯދައިދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ" ދިރާގުގެ ޑިރެކްޓަރ އޮފް ބްރޭންޑް އެންޑް މަރކެޓިންގ ކޮމިއުނިކޭޝަން، މިރްޝާން ހަސަން ވިދާޅުވިއެވެ.
ޑީއެމްޖީސީ 2025ގެ މައިގަނޑު މުބާރާތްތަކުގެ އިތުރުން ރޭސިންގ ސިމިއުލޭޝަން ޒޯން، ވަރޗުއަލް ރިއަލިޓީ (ވީއާރު) ޒޯން، ފްރީ ޓު ޕްލޭ ސްޓޭޝަންސް އަދި ބޯޑް ގޭމްސް ފަދަ ތަފާތު އެކްޓިވިޓީތައް ކުރިއަށް ދާނެއެވެ. އަދި މި ހަރަކާތްތައް ކުރިއަށްދާއިރު، ކާބޯތަކެއްޗާއި ގޭމިންގ އެކްސެސަރީޒް އަދި އެހެނިހެން ތަކެއްޗަށް ހާއްސަ ސްޓޯލްތަކެއް ވެސް ވަނީ ހިމަނައިފައެވެ.
މި މުބާރާތަކީ ދިވެހި ރާއްޖޭގެ އީ-ސްޕޯޓްސް އަދި ގޭމިން ދާއިރާ ކުރިއެރުވުމަށް ދިރާގު ގޭމާސް ގިލްޑުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވުނު ފާހަގަކޮށްލެވޭ އެއް ކާމިޔާބީއެވެ.
advertisment
ހިޔާލު