މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނާގެ 3 ވަނަ އިލްމީ ހޮޅުއަށި މިއަދު ބާއްވައިފިއެވެ. މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ އާއި ގުޅިގެން ޤައުމީ ފެންވަރެއްގައި އިލްމް ހިއްސާކުރުމަށް ބޭއްވި މިފޯރަމްއަކީ އޮސްޓްރެލިއާ އެވޯޑްސް މެދުވެރިކޮށް، އޮސްޓްރޭލިއާ ސަރުކާރުގެ އެހީއާ އެކު ބޭއްވި ފޯރަމެކެވެ.
މިއަހަރުގެ އިލްމީ ހޮޅުއަށި ފޯރަމުގައި 21 ފަރާތަކުން، އެ ފަރާތްތަކުގެ ތަޖުރިބާތަކާއި، އަމަލީ މަސައްކަތުގެ ހޯދުންތައް އަދި އިލްމީ ދިރާސާތައް ހުށަހެޅުއްވިއެވެ. މި ފޯރަމު މޯލްޑިވްސް އިސްލާމިކް ޔުނިވާސިޓީ ހޯލުގައި ބޭއްވުނުއިރު، އޮންލައިންކޮށް އަދި ފޭސްބްކް ލައިވް މެދުވެރިކޮށް ބައިވެރި ވުމުގެ ފުރުސަތުދެވުނެވެ. މިގޮތުން، މިފޯރަމްގައި ޖުމްލަ 74 ބައިވެރިން ބައިވެރިވިއެވެ.

އެކަޑަމިކް ހޮޅުހުއަށްޓަށް ޝައުގުވެރިކަން ބިނާކުރުމަށްޓަކައި، މައި ފޯރަމްގެ ކުރިން ޖުލައި 17 ވަނަ ދުވަހު، 27 ބައިވެރިންނާއެކު އޮންލައިން ރިސާޗް އެންޑް ގްރާންޓް ޕްރޮޕޯސަލް ލިޔުމުގެ ވެބިނާއެއް ވަނީ ބާއްވާފައެވެ.
އިލްމީ ހޮޅުއަށި ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވީ އޮސްޓްރޭލިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ މރ. ޑޭވިޑް ޖެސަޕްއެވެ. ހައި ކޮމިޝަނަރގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއި ދެމެދުގައިވާ ދުވަސްވީ ގުޅުން އިތުރަށް ވަރަުގަދަ ކުރައްވުމާއި އެކު، މަތީ ތައުލީމަށް ދިވެހިންނަށް އޮސްޓްރޭލިއާ ސަރުކާރުން ދެމުންދާ ފުރުސަތު އިތުރުކުރައްވާނެކަމުގެ އުފާވެރި ހަބަރު ދެއްވިއެވެ.
މަތީ ތައުލީމުގެ ދާއިރާއިން ކިޔަވާވިދާޅުވެފައިވާ އަދި އޮސްޓްރޭލިއާ ސަރުކާރުގެ ސްކޮލަޝިޕް ތިން ފަހަރު ހާސިލްކޮށްފައިވާ ޑރ. އާމިނަތު ރިޔާޒް، ފޯރަމްގެ ކީނޯޓް ސްޕީކަރއެއްގެ ގޮތުގައި ބައިވެރިވެލައްވާ، ދެއްކެވި ވާހަކަފުޅުގައި މަގްސަދުހުރި އިލްމުގެ މުހިންމު ދައުރާއި، ދިރާސާތަކަށް ބިނާކޮށް ޕޮލިސީ އަދި ޕްލޭނިންގ އަށް ހޭދަކޮށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ފާހަގަކުރެއްވިއެވެ.

މި ފޯރަމްގައި ހުށަހެޅި ޕްރެޒެންޓޭޝަންތަކުގައި ދިވެހިރާއްޖޭގެ މުޖުތަމައުގައި ހުރި ހައްސާ މައްސަލަތަކަށް އަލިއަޅުވާލެވުނެވެ. އޭގެ ތެރޭގައި؛
- އިންކްލޫސިވް އެޑިއުކޭޝަން އަދި ދަރިވަރުންނާއި ގުޅުންހުރި ދިރާސާތައް
- އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކްގެ ބަދަލުގައި ދެމެހެއްޓެނިވި ބަޔޯޕްލާސްޓިކްސް އުފައްދާ އީޖާދުކުރުން
- ކެންސަރު ބަލިމީހުންގެ ތެރޭގައި ނަފްސާނީ ސިއްހަތަށް ދިމާވާ ގޮންޖެހުންތަކާއި ވިހެއުމުގެ ސިޔާސަތުގައި ހުރި ތަފާތުތައް
- ކޮމިއުނިޓީ ޕޮލިސިންގ އާއި މަސްތުވާތަކެތީގެ މައްސަލަތައް ތަހުޤީގު ކުރުމުގައި ފުލުހުންގެ ތަޖުރިބާ
- ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް
- އިންކްލޫސިވް މީޑިއާ ފްރޭމްވޯކްތައް
- ރާއްޖޭގައި ޕެރަލިމްޕިކް ކުޅިވަރު ކުރިއަރަމުން އައިސްފައިވާ ގޮތް
- އައްޑޫ ސިޓީގައި އަލަށް ހިއްކާފައިވާ ބިމުގެ ލޭންޑް ޔޫސް ޕްލޭނިންގ
- ނޫސްވެރިކަމާއި ޑިޖިޓަލް މީޑިއާ ރައްކާތެރިކުރުމަށް ސިވިކް ޓެކް އިނޮވޭޝަންސް

މީގެއިތުރުން، "ފްރޮމް ގްލޯބަލް އެކްސްޕީރިއަންސް ޓު ލޯކަލް އިމްޕެކްޓް: އެލަމްނީ ޝޭޕިންގ ދަ މޯލްޑިވްސް" ގެ ނަމުގައި ބޭއްވި ފީޗާ ޕެނަލް ޑިސްކަޝަނެއްގައި އެކި ގައުމުތަކުގައި ކިޔަވާފައިވާ ކުރީގެ ދަރިވަރުން އެއްތަނަކަށް އެއްވެ، ބޭރުގެ ގައުމުތަކުން ތައުލީމު ހާސިލްކުރުމުގެ ތަޖުރިބާ ހިއްސާކުރުމާއި އެކު، ބައިނަލްއަގްވާމީގޮތުން ހޯދާ އިލްމު ދިވެހިރާއްޖޭގައި މާނަހުރި ގޮތަކަށް ބޭނުންކުރާނެ ގޮތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ.
މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނާއި އަކީ އޮސްޓްރޭލިޔާގެ ސަރުކާރުގެ އެހީގެ ދަށުން، ނުވަތަ އެހެނިހެން ގޮތަކުން އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ކޯހެއް ފުރިހަމަކޮށްފައިވާ ފަރާތްތަކުގެ މެދުގައި ނެޓްވޯކް ގާއިމްކޮށް ގުޅުން ބަދަހިކުރުމަށް އުފައްދާފައިވާ ޖަމްއިއްޔާއެކެވެ. މި ޖަމްއިއްޔާގެ އަމާޒަކީ، ގައުމު ބިނާކޮށް ތަރައްގީކުރުމަށް އެހީތެރިވުމުގައި އިގްތިސާދީ، އިޖްތިމާއީ، އަދި މުޖްތަމައުގެ ކުރިއެރުމަށްޓަކައި ހިދްމަތާއި، އެއްބާރުލުމާއި މަޝްވަރާ ފޯރުކޮށްދީ، ގައުމުގެ ތަރައްގީގެ ދުވެލީގައި ހަރަކާތްތެރި ދައުރެއް އަދާކުރުމެވެ.
advertisment
ހިޔާލު