ވިލާ ކޮލެޖުން އެ ކޮލެޖުގެ ފެކަލްޓީ އޮފް ހެލްތު ސައިންސަސް (އެފްއެޗްއެސް) ގެ ނާރސިންގ އަދި ފާމަސީ ދާއިރާގެ ދަރިވަރުންނަށް ޚާއްސަކޮށްގެން އޯތު ޓޭކިންގ އެންޑް ވައިޓް ކޯޓް ރަސްމިއްޔާތެއް ބާއްވައިފިއެވެ.

މި ހަފްލާގެ އެންމެ މުހިންމު އެއް ބަޔަކީ، ނާރސިންގ ދާއިރާއިން ކިޔަވަމުންދާ ދަރިވަރުން، އެ ދަރިވަރުންގެ ޕްރޮފެޝަނަލް ވާޖިބުތައް އަދާކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަންމަތީ ދެމިތިބުމަށް ކުރި ޢަހުދެވެ. މި ޢަހުދު ލައިދެއްވީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގެ ރައީސް، ބްރިގޭޑިއަރ ޖެނެރަލް ޑރ. ޢަލީ ޝާހިދު މުޙަންމަދެވެ.

ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތު، އަލްފާޟިލާ ޚަދީޖާ ޢަބްދުއްޞަމަދު ދެއްކެވި ވާހަކަފުޅުގައި، ޞިއްޙީ ދާއިރާއަށް ނުކުންނަ ދަރިވަރުންގެ ކޮނޑުގައި އެޅޭ މަސްއޫލިއްޔަތުތަކުގެ ބޮޑުކަން ފާހަގަކުރައްވައި، ތެދުވެރިކަމާއި އޯގާތެރިކަމާއެކު ޚިދުމަތް ކުރުމަށް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ. އަދި ޤައުމަށް ބޭނުންވާ ޤާބިލް ޞިއްޙީ ޚިދުމަތްތެރިން ބިނާކުރުމުގައި ވިލާ ކޮލެޖުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި އެ ކޮލެޖަށް ޝުކުރު އަދާކުރެއްވިއެވެ.

މީގެ އިތުރުން، ޑީންސް ލިސްޓް އަދި ޑީންސް އެވޯޑް ޙާސިލްކުރި ދަރިވަރުންނަށް ސެޓްފިކެޓް ހަވާލުކުރުން ވެސް ބޭއްވުނެވެ. އަދި ވިލާ ކޮލެޖުގެ ހެލްތު ސައިންސަސް ސްޓޫޑެންޓްސް ސޮސައިޓީ ރަސްމީކޮށް އިފްތިތާޙްކޮށް، އެގްޒެކެޓިވް ކައުންސިލްގެ މެމްބަރުން އައްޔަންކުރެވުނެވެ.

ވިލާ ކޮލެޖުގެ ވައިސް ރެކްޓަރ، ޑރ. ޢަލީ ނަޖީބްގެ ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ، ދަރިވަރުން ވައިޓް ކޯޓް އަޅައި، ޕްރޮފެޝަނަލް ޙަޔާތުގެ މަސްއޫލިއްޔަތުތަކާ ކުރިމަތިލާއިރު، ވިލާ ކޮލެޖުގެ ދަރިވަރުންނަކީ އަޚްލާޤީ އަދި ސުލޫކީ މަތިވެރި ސިފަތަކުން އެހެން ދަރިވަރުންނާ ތަފާތު، ފާހަގަކޮށްލެވޭ ބަޔަކަށް ވާންޖެހޭނެ ކަމަށެވެ. މި ރަސްމިއްޔާތަކީ، ޤައުމަށް ޚިދުމަތްކުރާނެ، ޤާބިލް އަދި އޯގާތެރި ޞިއްޙީ ޚިދުމަތްތެރިންތަކެއް ބިނާކުރުމަށް ވިލާ ކޮލެޖުން ކުރަމުންދާ މަސައްކަތުގެ މުހިންމުކަން ރަމްޒުކޮށްދޭ ހަފްލާއެއްކަން ފާހަގަކޮށްލެވެއެވެ.
advertisment
ހިޔާލު