މަކުނުދޫ ސްކޫލުގެ ސްޓާފުރޫމުގައި ކެބިނެޓް ހަދަން 130،000 ރުފިޔާގެ އެހީއެއް

ކައުންސިލުން އެއްލައްކަ ރުފިޔާ އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން 30،000 ރުފިޔާ އެހީގެ ގޮތުގައި ދޭނެ

ހދ. މަކުނުދޫ ސްކޫލުގެ ސްޓާފުންނަށް ބޭނުންވާ ކެބިނެޓް ހަދަން އެ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީން ފައިސާގެ އެހީތެރިކަން ފޯރުކޮށްދޭން ފަހުމުނާމާއެއްގައި ސޮއިކުރައްވައިފިއެވެ.

ސްޓާފުން ބޭނުން ކުރަން ކެބިނެޓް ހަދަން ކައުންސިލުން އެއްލައްކަ ރުފިޔާ ހަމަޖައްސައިދޭން ނިންމިއިރު، ޑަބްލިޔުޑީސީން ވެސް 30،000 ރުފިޔާގެ ފައިސާގެ އެހީއެއް ވެދެން ފަހުމުނާމާއަެއްގައި ވަނީ ސޮއިކުރައްވާފައެވެ.

މަކުނުދޫ ސްކޫލުން ބުނީ މި އެހީގެ ދަށުން އެ ސްކޫލުގައި 38 ކެބިނެޓް ހަދަން ނިންމާފައިވާ ކަމަށެވެ.

މަނުދޫ ސްކޫލުގައި ޑިޖިޓަލް ނޯޓިސްބޯޓް ބެހެއްޓުން- މިއީ ޑަބްލިއުޑީސީއާއި ބެލެނިވެރިން ގުޅިގެން ކުރިއަށް ގެންދިޔަ މަސައްަކަތެއް- ފޮޓޯ: މަކުނުދޫ ސްކޫލް

އެ ސްކޫލާއި ރަށުން ބޭރުގައި ބާއްވާ މުބާރާތްތަކުގައި ދަރިވަރުން ބައިވެރިކުރުވުމަށާއި ދަރިވަރުންގެ ޖުމްލަ ތަރައްޤީއަށާއި ކުރިރެރުވުމަށް ހިންގާ ހަރަކާތްތަކާއި މުދައްރިސުންގެ ފަންނީ ޤާބިލުކަން އިތުރުކުރުމާއި ދަރިވަރުންނަށް ބޭނުންވާ މުޙިންމު ވަޞީލަތްތައް ޤާއިމް ކުރުމަށް  އެއްލައްކަ ރުފިޔާގެ އެހީއެއް ވެސް ކައުންސިލުން ދީފައިވެއެވެ. މި އެހީއާއެކު، މި އަހަރުގެ ތެރޭގައި 230،000 ރުފިޔާގެ އެހީ ކައުންސިލުގެ ފަރާތުން އެ ސްކޫލަށް ދީފައިވެއެވެ. އަދި ދަރިވަރުންގެ ހަރަކާތްތައް ބާއްވާނެ މަލްޓިޕާޕަސް ޓާފްދަނޑަކާއި ޤުރުއާން މުބާރާތަށް ތައްޔާރު ކުރުމަށް ޤާރީއެއް ވެސް މަުކުނުދޫ ކައުންސިލުން ހަމަޖައްސައިދީފައިވެއެވެ.

މަކުނުދޫ ސްކޫލުގައި ޑިޖިޓަލް ނޯޓިސް ބޯޑެއް ބެހެއްޓުމަށް ވެސް ޑަބްލިޔުޑީސީން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. ނޯޓިސް ބޯޑް ބެހެއްޓީ 2019 ވަނަ އަހަރު، ވަރަށް ގިނަ އަދަދެއްގެ ބެލެނިވެރިން އިސްނަންގަވައިގެން ވައުޗަރުތައް އެއްކުރައްވައިގެން ލިބިލެއްވި ފައިސާވެސް ހިމަނައިގެންނެވެ.

ރަށު ކައުންސިލާއި ޑަބްލިޔުޑީސީއާއި އަދި ބެލެނިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަމަށް މަކުނުދޫ ސްކޫލުން ޝުކުރުއަދާކުރެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *