މަތީ ތަޢުލީމުގެ ފުރުޞަތުގެ ބޭނުން ހިފަން ޖެހޭނި ރަނަށްވުރެ އަގުބޮޑުއެއްޗެއްގެ ގޮތުގައި ދެކިގެން ޝުކުރުވެރިކަމާ އެކުގައި ކަމަށް ސީއެޗްއެސްއީ ހުޅުމާލޭގެ ފްރިންސިޕަލް ޒުހުދުލް ހަޢްޤު ވިދާޅުވެއްޖެއެވެ.
ސީއެޗްއެސްއީ ހުޅުމާލޭގެ ފާއިތުވި އަހަރުގެ އިނާމު ދިނުމުގެ ހަފުލާގައި ޕްރިންސިޕަލް ޒުހުދު ވިދާޅުވީ، މަތީ ތަޢުލީމަކީ މީހާ ވަރަށް ބޮޑަށް ރޯފިލާ ދުނިޔެއަށް ލޯހުޅުވައިލައިދޭ މަރުޙަލާއެއް ކަމަށެވެ. ދުނިޔޭގެ އާޖުފާޖު ދަންނަ ޢިލްމީ ޖީލެއް ބިނާކުރުމަށް ސަރުކާރުން ފަހި އެތައް ފުރުޞަތުތަކެއް ދަރިވަރުންނަށްޓަކައި ހުޅުވާލާފައިވާ ކަމަށާއި ރައީސްގެ ސްކޮލަރޝިޕާއި ހިލޭ ޑިގްރީއާއި ސަރުކާރުގެ ލޯނުގެ ސްކޮލަރޝިޕް ފުރުޞަތުތަކާއި ދުނިޔޭގެ އެކި ޤައުމުތަކުން ދެއްވާ ސްކޮލަރޝިޕްތައް ޒުހުދު ދަރިވަރުންނަށް ހަނދާންކޮށްދެއްވިއެވެ.
"ފަންނާއި ހުނަރާއި ޢިލްމީ ރޮނގުން ދިވެހި ޒުވާނުން ހަމައެކަނި ރާއްޖޭގެ އަސްދަނޑީގެ އެތެރެއިން ނިންމާލުމުގެ ބަދަލުގައި ދުނިޔޭގެ އެންމެ މަތީ ސަފުގައި ވާދަކުރާ ޔުނިވަރސިޓިތަކުން ކިޔެވުމުގެ ފުރުޞަތު މިއަދު މި އޮތީ ތަނަވަސްވެފައި. ސަބަބަކީ ކޮބާތޯ؟ ދައުލަތުގެ އަމާޒަކީ އާރުލާ، މޮޅު ތަޢުލީމީ ޖީލެއް ބިނާކުރުން. ދިޔަ ދަރިވަރުންނަށް ލިބިފައިވާ މި ފުރުޞަތަކީ ރަނަށްވުރެ އަގުބޮޑު އެއްޗެއްކަމަށް ދެކި، ޝުކުރުވެރިކަމާއެކު އެކަން ބަލައިގަންނަން ޖެހޭ" ޒުހުދު ވިދާޅުވިއެވެ.
"ފައްސި ވިސްނުމަކުން ވިސްނައި ތިޔަ ކުދިންގެ ހިތްތައް ހުޅުވާލަންވީ މި ލިބިފައިވާ ނިޢުމަތަށް ޝުކުރުކޮށް، އެ ފުރުޞަތުތައް އެންމެ ފައިދާހުރި ގޮތުގައި ބޭނުން ހިފުމަށް. ކޮންމެ ދަރިވަރަކީ ލިބޭ ފުރުޞަތުގެ ބޭނުން ހިފައި މަތީ ތަޢުލީމުގެ ހަރުފަތް ގިރާކުރާ ދަރިވަރަކަށް ވާންވާނެ"
ކޮންމެ ދަރިވަރަކު ވެސް ރާއްޖެއާއި ދުނިޔޭގެ ފެންވަރު ރަނގަޅު ޔުނިވަރސިޓީތަކުން ފަޚުރުވެރި ކާމިޔާބީތައް ހޯދައިގެން ދިވެހި ފަސްގަނޑަށް ޚިދުމަތް ކުރުމަށް ޒުހުދު ވަނީ ގޮވާލައްވާފައެވެ.
ދަރިވަރެއްގެ ކިޔެވުމުގައި ބެލެނިވެރިޔާގެ ދައުރުގެ މުހިންމުކަން ވެސް މި ރަސްމިއްޔާތުގައި ޕްރިންސިޕަލް ޒުހުދު ހަނދާންކޮށްދެއްވިއެވެ.
ޒުހުދު ވިދާޅުވީ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެފައިވާ ގޮތުން، ކުއްޖެއްގެ ކިޔެވުމުގައި ބެލެނިވެރިޔާ އަދާކުރާ ދައުރު އަދާކޮށްދޭ ދުނިޔޭގެ އެއްވެސް ކިޔެވުމުގެ ޕްރޮގްރާމެއް ނުވަތަ ތަޢުލީމީ ސިޔާސަތެއް ނުވާ ކަމަށެވެ.

ދަރިވަރުންގެ ތެރޭގައި ސްޓްރެސް އާއި ހާސްކަމާއި ޑިޕްރެޝަން އިތުރުވާކަން ފާހަގަކުރެވޭ ކަމަށާއި މިކަން ކުޑަކުރުމަށްޓަކައި ބެލެނިވެރިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާކަން ވެސް ޒުހުދު ފާހަގަކުރެއްވިއެވެ.
"ދަރިންގެ ވާހަކަތައް އަޑުއަހައި އެ ކުދިންނަށް ސަޕޯޓް ދޭން އެބަ ޖެހޭ. އެ ކުދިންނަށް ރަނގަޅު މަގު ދައްކައިދީ އެ ކުދިންގެ ރަނގަޅު އެކުވެރިއަކަށް ވާން އެބަ ޖެހޭ. 21 ވަނަ ޤަރުނަށް ފައްކާވެފައިވާ އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް އެފަދަ ކަންތައްތަކަށް ސަމާލުކަން ދޭން ޖެހޭ" ޒުހުދު ވިދާޅުވިއެވެ.
ޒުހުދު ވިދާޅުވީ، ޓެކްނޮލޮޖީގެ ބާރުގަދަ ދުނިޔޭގައި ދަރިވަރުންގެ ވަށައިގެން މެދުނުކެނޑި އުޅެނީ، އެމީހުންގެ ސަމާލުކަމަށް ވާދަކުރާ ޑިޖިޓަލް ޑިވައިސްތަކާއި ޕުލެޓްފޯމްތައް ކަމަށެވެ. ދިރާސާތަކުން ދައްކާގޮތުން، ސޯޝަލް މީޑިއާ ގިނައިން ބޭނުން ކުރުމާއި ސްކްރީން ޓައިމް ގިނަވުމުން ދަރިވަރުންގެ ފޯކަސްއާއި އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުކުރާކަން ޒުހުދު ބެލެނިވެރިންނަށް ހަނދާންކޮށްދެއްވިއެވެ. އަދި ވިދާޅުވީ، ނިމިދިޔަ އަހަރު ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި ބުނާ ގޮތުން ވޭތުވެދިޔަ އަހަރު ތަކުގައި ދަރިވަރުންގެ ތެރޭގައި ސްޓްރެސްއާއި ހާސްކަމާއި ޑިޕްރެޝަންގެ މައްސަލަތައް އިތުރުވެފައިވާ ކަމަށެވެ.
ޒުހުދު ވިދާޅުވީ، ފާއިތުވި އަހަރު ސީއެޗްއެސްއީ ހުޅުމާލެއިން ކަނޑައެޅި އަމާޒަށް ވާޞިލުވެފައިވާ ކަމަށާއި 541 ދަރިވަރުން މަތި ސާނަވީ އިމްތިޙާނުތަކުގައި ބައިވެރިވެ އޭގެ ތެރެއިން 149 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވާ ކަމަށެވެ. އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ 28 އިންސައްތަ ކަމަށާއި 2023 ވަނަ އަހަރާ އަޅާބަލާއިރު 2024 ވަނަ އަހަރު ދެ އިންސައްތައިގެ ކުރިއެރުމެއް ހޯދިފައިވާއިރު، ހައިއެޗީވަރސް އެވޯޑް 39 ދަރިވަރުންނަށް، ރައީސްގެ ސްކޮލަރޝިޕް އެ ސްކޫލުގެ 6 ދަރިވަރުންނަށް ލިބުނުކަން ޕްރިންސިޕަލް ޒުހުދު އުފާލާއެކު ފާހަގަކުރެއްވިއެވެ.
advertisment
ހިޔާލު