ޔުނިވަރސިޓީއަށް ވަދެވޭ މިންވަރު 98 އިންސައްތަ އަށް އިތުރުކުރަން ވީއައިއެޗްއެސްގެ "ކެރިއަރސް" ޕްރޮގްރާމް ފަށައިފި

ވީއައިއެޗްއެއްގެ ކެރިއަރސް ޕްރޮގްރާމް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ: އެކްސްޕްރެސް

ވިލާ އިންޓަނޭޝަނަލް ހައި ސުކޫލުގެ ކެރިއަރސް ޕްރޮގްރާމް އިފްތިތާހުކޮށްފިއެވެ. މިއީ ޔުނިވަރސިޓީތަކަށް ވަދެވޭ ފެންވަރަށް ގިނަ ދަރިވަރުން ތައްޔާރު ކޮށްދިނުމުގެ މަޤްޞަދުގައި އެ ސްކޫލުން ފެށި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްދެއްވީ ވިލާ ކޮލެޖްގެ ރެކްޓަރ ޑރ. އަޙްމަދު އަންވަރެވެ. ކެރިއަރސް ޕްރޮގްރާމް ވީއައިއެޗްއެސްއިން ކުރިއަށް ގެންދަނީ ވިލާ ކޮލެޖުގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންނެވެ.

ވީއައިއެޗްއެސްގެ ޕްރިންސިޕަލް އަލީ މުސްތަފާ ވިދާޅުވީ، މިދިޔަ އަހަރުން ފެށިގެން އެ ސްކޫލުގައި ކެރިއަރ ގައިޑެންސް ޕްރޮގްރާމެއް ކުރިއަށް ގެންދާ ކަމަށާއި އޭލެވެލްއަށް ކިޔަވަން އެ ސްކޫލަށް ކުއްޖަކު އެޕްލައި ކުރާ ހިސާބުން ފެށިގެން އެއް އަހަރު ވަންދެން އެ ދަރިވަރުންނަށް، ގައިޑްކޮށްދޭ ކަމަށެވެ.

މުސްތަފާ ވިދާޅުވީ، އެ ސްކޫލަށް ކުއްޖަކު ވައްދަނީ ވެސް އެޕްލައި ކުރާ ހިސާބުން ކެރިއަރ އެޑްވައިޒާއާ އެކީ ބެލެނިވެރިޔާއާއި ދަރިވަރާ ބައްދަލުކޮށް، އެ ދަރިވަރުންގެ މުސްތަޤުބަލަށްޓަކައި ޚިޔާރުކުރާނެ މާއްދާތަކާއި ކުރިއަށްދާން ބޭނުންވާ ކެރިއާ އަދި ޔުނިވަރސިޓީ އެޑިޔުކޭޝަނާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށްފަހު ކަމަށެވެ.

ޕްރިންސިޕަލް ވިދާޅުވި ގޮތުގައި މި ދެ ޕްރޮގްރާމްގެ އަމާޒަކީ ސްކޫލް ނިންމާފައި އެދަރިވަރުން ޔުނިވަރސިޓީ ތަޢުލީމަށް ވަނުމުގެ ފުރުޞަތު ހޯދައިދީ، ރާއްޖޭގެ މަތީ ތަޢުލީމު މިވަގުތު އޮތް ހާލަތުން ތަފާތު ހަރުފަތަކަށް ގެންދިއުމެއެވެ.

އޭނާ ވިދާޅުވީ، އޭލެވެލް ފަށަނީ ކިޔެވުން ނިންމައި ޔުނިވަރސިޓީ އަށް ދާން ނަމަވެސް އޭލެވެލްގެ ތެރެއިން ޙަޔާތުގެ އެކި ކަންކަމާ ހުރެ ބައެއް ދަރިވަރުންނަށް ދިމާވާ ޗެލެންޖަސްތަކާއި ތަފާތު ތަކުލީފުތަކާ ހުރެ ކިޔެވުން ކުރިއަށް ނުގެންދެވޭ ކަމަށެވެ. ދަރިވަރުން ފުރަތަމަ ޑިގްރީއަށް ދިއުމަށްޓަކައި ހިޔާރުކުރާ މަގު ކަނޑައަޅައި އަދި އެ މަގުން އެ ދަރިވަރުން އޭލެވެލް ފެއްޓުމަށް ފަހު ގްރޭޑް އެގާރަ ނިންމާއިރު، އެ ދަރިވަރުން އެ ދާން ބޭނުންވާ ކެރިއަރއެއް ބަދަލުކުރަން ބޭނުންވެއްޖެ ނަމަ ހާލަތެއްގައި ދެން އޮތް ދެވަނަ މަގެއް ވެސް ކެރިއަރ ޕްރޮގްރާމުގެ ތެރެއިން ދައްކައިދޭނެ ކަމަށް ޕްރިންސިޕަލް މުސްތަފާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އަތުގައި ހުރި ލިޔެކިޔުންތަކުން ދައްކާ ގޮތުން ވެސް، ސްކޫލުން ކެނޑިގެން ފައުންޑޭޝަން ހަދަން ވެސް ދަރިވަރުން އެބަދޭ. ކެރިޔަރސް ޕްރޮގްރާމްއަކީ އޭލެވެލްގެ މާއްދާތައް ކިޔަވަމުން އެ ފަދަ ދަރިވަރުންނަށް ޔުނިވަރސިޓީއަށް ވަނުމަށް ހުޅުވާލަދޭ ފުރުޞަތެއް" މުސްތަފާ ވިދާޅުވިއެވެ.

ވީއައިއެޗްއެއްގެ ކެރިއަރސް ޕްރޮގްރާމާއި އެ ސްކޫލުގެ އެޑްމިޝަން ހުޅުވާލަން ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިންގެ ސުވާލުތަކަށް ޕްރިންސިޕަލް ޖަވާބު ދެއްވަނީ- ފޮޓޯ: އެކްސްޕްރެސް

ކެރިއަރސް ޕްރޮގްރާމުގެ ތެރެއިން ވީއައިއެޗްއެސްގެ ދަރިވަރުންނަށް އެމްކިޔުއޭ އިން ގަބޫލުކުރާ ސެޓްފިކެޓް 4 ގެ ކޯހެއް ފުރިހަމަ ކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ.

ފުރަތަމަ ޑިގްރީއަށް ދިއުމަށްޓަކައި ދަރިވަރުން ހިޔާރުކުރާ މަގު ކަނޑައަޅައި އަދި އެ މަގުން އެ ދަރިވަރުން އޭލެވެލް ފެށުމަށް ފަހު ގްރޭޑް އެގާރަ ނިންމާއިރު އެ ދަރިވަރުން އެ ދާން ބޭނުންވާ ކެރިއާ ބަދަލުކުރަން ބޭނުންވެއްޖެ ނަމަ އެކުދިންނަށް ދެން އޮތް ދެވަނަ މަގެއް ވެސް ދައްކައިދޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.

"ކެރިއަރސް ޕްރޮގްރާމާ އެކު އަޅުގަނޑުމެންގެ އަމާޒަކީ، ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން ކިޔެވުން ނިންމާ ދަރިވަރަށް ޔުނިވަރސިޓީއަށް ވަންނަ މިންގަނޑު އެންމެ ދަށްވެގެން 98 އިންސައްތައަށް މަތިކުރުން" ރާއްޖެގައި ޕްރައިވެޓް ޕާޓްނަރޝިޕް އުޞޫލުން އޭލެވެލްއަށް ކިޔަވައިދޭން ފެށި ސްކޫލުގެ ޕްރިންސިޕަލް މުސްތަފާ ވިދާޅުވިއެވެ.

ވީއައިއެޗްއެސްގެ ދަރިވަރުންނަށް ކެރިއަރ ގައިޑެންސް ކައުންސެލިންގ ޚިދުމަތް މިހާރުވެސް ދެމުން ގެންދެއެވެ. ރާއްޖޭގެ ހައި ސްކޫލެއްގައި ފުލްޓައިމް ކައުންސެލަރުން ތިބެގެން ޚިދުމަތް މިހާ ފުޅާގޮތެއްގައި ދޭން ފެށީ އެ ސްކޫލުންނެވެ.

 

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *