ދިވެހިބަހުގެ އެކެޑަމީއިން އިންތިޒާމުކޮށްގެން، ލިޔުންތެރީންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ "ފެންޑާ ފޮތްމައުރަޒު" މިއަދު ފަށައިފިއެވެ. މި މައުރަޒު ހުޅުވައިދެއްވީ ދިވެހިބަހާ ސަގާފަތާ ތަރިކައާ ބެހޭ ވުޒާރާގެ މުޝީރު ނ.ޢ.ޢ.ވ ޢަބްދުއްރަޝީދު ހުސައިނެވެ. މި މައުރަޒުގައި ދިވެހިބަހުގެ އެކެޑަމީގެ ފޮތް ފިހާރައިން ލިބެން ހުންނަ ކުޑަކުދީންނާ ގުޅޭ ފޮތްތަކާއި، ތާރީޚީ ފޮތްތަކާއި، ބަހާއި އަދަބިއްޔާތުގެ ފޮތްތަކާއި ވާހަކައާއި ނާވިލު ލިބެން ހުންނާއެވެ.

މި ފޮތްތަކުގެ ތެރޭގައި "ދިވެހިބަހުގެ ގަވައިދު 1،2،3،4″އާއި "ބަހުގެ ހަމައިގެ އަތްމަތީ ފޮތް"، "ފަހުބަސް"، "ޖަމީލުގެ ޑްރާމާތައް"، ހިމެނެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްރަސްކަލުންނާ ރަނިރަނިކަނބަލުންގެ ގިނަ މައުލޫމާތުތަކެއް ހިމެނޭ "ދިވެހިރާއްޖޭ ރަހުންނާއި ރަނިން" ދިވެހި ބަހުންނާއި އިނގިރޭސިބަހުން ލިބެން ހުންނާނެއެވެ. އަދި އެންމެ ފަހުން ދިވެހި ބަހުގެ އެކެޑަމީން ނެރުނު އަބްދުﷲ ޞާދިޤު (ސޯދުބެ)ގެ "ޞާދިޤުގެ ޅެންބަހުރުވަ 3″ކާއި، ލިޔުންތެރިޔާ ޢަބްދުﷲ ޢަފީފްގެ "އަލިދޯދި" ޅެން ފޮތް ވެސް ލިބެންހުންނާނެއެވެ.

މިފަހަރުގެ މައުރަޒުގައި ވެސް ދިވެހިބަހުގެ އެކެޑަމީގެ ފޮތްތަކާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ފޮތް ވެސް ލިބެން ހުންނާނެއެވެ. މި މައުރަޒުގައި ފޮތް ގަންނަން ލިބެން ހުންނާނީ ދިވެހިބަހުގެ އެކެޑަމީން އާންމުކޮށް ފޮތް ވިއްކާ އަގުތަކަށް ވުރެ ހެޔޮ އަގެއްގައެވެ. މި ފޮތް މައުރަޒު އޮންނާނީ 2025 ޖުލައި މަހުގެ 9، 10 މި ދެ ދުވަހު ހެނދުނު 9:00ން ހަވީރު 17:30ށް، ދިވެހިބަހުގެ އެކެޑަމީގައެވެ.

ދިވެހިބަހުގެ އެކެޑަމީން މި މައުރަޒު ބާއްވަނީ، ދިވެހިބަހާއި އަދަބިއްޔާތަށް ލޯބިކުރާ ފަރާތްތަކަށް ފޮތްތައް ފަސޭހައިން ލިބޭނެ މަގެއް ފަހިކޮށްދިނުމުގެ އިތުރުން ލިޔުންތެރީންގެ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ.
advertisment
ހިޔާލު