ވިލާ ކޮލެޖަށް ތާރީޚީ ކާމިޔާބީއެއް: ޓައިމްސް ހަޔަރ އެޑިއުކޭޝަންގެ އިމްޕެކްޓް ރޭންކިންގައި ހިމެނުނު ރާއްޖޭގެ ފުރަތަމަ ތަޢުލީމީ މުއައްސަސާ

ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025 ގައި ރޭންކް ކުރެވުނު ދިވެހިރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ތަޢުލީމީ މުއައްސަސާގެ ޝަރަފު ވިލާ ކޮލެޖުން ހޯދައިފިއެވެ.

ޓައިމްސް ހަޔަރ އެޑިއުކޭޝަން އަކީ ދުނިޔޭގެ މަތީތަޢުލީމު ދޭ މަރުކަޒުތައް ރޭންކް ކުރުމުގައި އެންމެ ފުޅާ ދާއިރާއެއްގައި  މަސައްކަތް ކުރާ  އަދި އެންމެ އިތުބާރު ލިބިފައިވާ އެއް މުއައްސަސާއެވެ. ވިލާ ކޮލެޖު ވަނީ (THE) އިމްޕެކްޓް ރޭންކިންގްސް 2025 ގައި، ޖުމްލަ 100ން 75.6 ގެ ސްކޯއަކާއެކު، ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑްގައި ޖާގަ ހޯދައި، ދުނިޔޭގެ ނިސްބަތުން އެންމެ މަތީ 20 ޕަސެންޓް ޔުނިވަރސިޓީތަކުގެ ތެރޭގައި ހިމެނިފައެވެ.

ޓައިމްސް ހަޔަރ އެޑިއުކޭޝަން އިމްޕެކްޓް ރޭންކިންގްސްއަކީ އ.ދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (SDGs) ޙާސިލްކުރުމަށް ޔުނިވަރސިޓީތަކުން އަދާކުރާ ދައުރުގެ މައްޗަށް ބިނާކޮށް އެ މުއައްސަސާތައް އިވެލުއޭޓްކުރާ ގްލޯބަލް ފްރޭމްވޯކެވެ. މި ގޮތުން ޔުނިވަރސިޓީތައް ރޭންކު ކުރުމުގައި ބަލަނީ އެ ޔުނިވަރސިޓީތަކުން ދޭ ތަޢުލީމާއި، ދިރާސާ (ރިސަރޗް)، ސްޓްވަރޑްޝިޕް، އަދި އައުޓްރީޗް މި 4 ދާއިރާއިން ތައްޔާރު ކުރެވިފައިވާ ގިނަ އިންޑިކޭޓަރ ތަކެއްގެ މައްޗަށެވެ. މިފްރޭމްވާރކްގެ ދަށުން ޔުނިވަރސިޓީތައް އިވެލުއޭޓް ކުރާއިރު 27 އިންސައްތަ ޚާއްޞަކުރެވިފައިވަނީ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭ ދިރާސާތައް ޔުނިވަރސިޓީ ތަކުން ހެދުން ވަޒަންކުރުމަށެވެ.

ވިލާ ކޮލެޖުން 2025 ގެ ރޭންކިންގްސްއަށް، މުހިންމު 5 އެސް.ޑީ.ޖީ ކެޓެގަރީއެއްގެ ދަށުން ޑޭޓާ ހުށަހަޅާފައިވާއިރު، ވަޒަންކުރެވުނު ހުރިހާ އެސް.ޑީ.ޖީތަކުން ވެސް ވަނީ ދުނިޔޭގެ އެވްރެޖަށްވުރެ މަތީ ސްކޯތަކެއް ހޯދާފައެވެ.

އެސް.ޑީ.ޖީ 4: ކޮލިޓީ އެޑިޔުކޭޝަން (ފެންވަރު ރަނގަޅު ތަޢުލީމު)
ފެންވަރު ރަނގަޅު ތަޢުލީމުގެ ކެޓެގަރީގައި ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,975 ޔުނިވަރސިޓީގެ ތެރެއިން 101-200 އާއި ދެމެދުގެ ބޭންޑް ގައި ރޭންކްކުރެވިފައެވެ. 73.9 ގެ ސްކޯއަކާއެކު، ވިލާ ކޮލެޖް ވަނީ އެންމެން ޝާމިލުވާ، ފެންވަރު ރަނގަޅު ތަޢުލީމަށް މަސައްކަތްކުރުމުގައި ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 10 ޕަސެންޓްގެ ތެރޭގައި ހިމެނިފައެވެ.

އެސް.ޑީ.ޖީ 5: ޖެންޑަރ އީކުއަލިޓީ
މި ދާއިރާއިން ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,559 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގެ ބޭންޑްގައި ރޭންކްކުރެވިފައެވެ. ދުނިޔޭގެ އެވްރެޖް ކަމަށްވާ 44.7 އަށް ވުރެ މަތިން، 62.1 ގެ ސްކޯއަކާއެކު، ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 20 ޕަސެންޓްގެ ތެރޭގައި ހިމެނިފައެވެ.

އެސް.ޑީ.ޖީ 16: ޕީސް ޖަސޓިސް އެންޑް ސްޓްރޯންގް އިންސްޓިޓިއުޝަންސް
މި ދާއިރާއިން ވިލާ ކޮލެޖް ވަނީ ދުނިޔޭގެ 1,265 މުއައްސަސާގެ ތެރެއިން ގަދަ 201-300 ގެ ބޭންޑް ގައި ރޭންކްކުރެވިފައެވެ. 64.9 ގެ ސްކޯއަކާއެކު، މި ކާމިޔާބީއާއިއެކު ވިލާ ކޮލެޖް ވަނީ މި ކެޓެގަރީން ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 25 ޕަސެންޓް ގެ ތެރޭގައި ހިމެނިފައެވެ.

އެސް.ޑީ.ޖީ 17: ޕާރޓްނަރޝިޕް ފޯރ ގޯލްސް
86.5 ގެ ފާހަގަކޮށްލެވޭ ސްކޯއަކާއެކު ވިލާ ކޮލެޖް ވަނީ މިދާއިރާއިން ދުނިޔޭގެ 2,389 މުއައްސަސާގެ ތެރެއިން ގަދަ 201-300 ބޭންޑް ގައި ރޭންކްކުރެވިފައެވެ. މިދާއިރާގައި ވިލާ ކޮލެޖު ހިމެނިފައިވަނީ ދުނިޔޭގެ ޔުނިވަރސިޓީތަކުގެ އެންމެ މަތީ 15 ޕަސެންޓް ގެ ތެރޭގައެވެ.

ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސް 2025 ގައި ބައިވެރިވި 2,500 އަށް ވުރެ ގިނަ ޔުނިވަރސިޓީތަކުގެ ތެރެއިން ދުނިޔޭގެ ފެންވަރުގައި 401-600 ބޭންޑްގައި ހިމެނި، އަދި ދުނިޔޭގެ އެންމެމަތީ 20 ޕަސެންޓް ޔުނިވަރސިޓީތަކުގެ ތެރޭގައި ވިލާ ކޮލެޖް ހިމެނުމަކީ، ވިލާ ކޮލެޖުގެ ތަޢުލީމީ ފެންވަރާއި، ދިރާސާ ކުރުމަށް ދެވޭ އަހަމިއްޔަތުކަމާއި އަދި ބައިނަލް އަޤްވާމީ ފެންވަރުގައި ވިލާ ކޮލެޖު ކުރިއަރަމުން އަންނަ ކަމުގެ އަލިގަދަ ހެއްކެއް ކަމަށް އެ ކޮލެޖުން ބުނެއެވެ.

މި ތާރީޚީ ކާމިޔާބީއާ މެދު ވިލާ ކޮލެޖްގެ ވައިސް ރެކްޓަރ ޑރ ޢަލީ ނަޖީބް ވިދާޅުވީ:

"އެތައް އެސް.ޑީ.ޖީއަކުން އަޅުގަނޑުމެންހޯދާފައިވާ ރަނގަޅު ނަތީޖާއިން، ޚާއްޞަކޮށް ފެންވަރު ރަނގަޅު ތަޢުލީމާއި ޕާޓްނަރޝިޕްގެ ދާއިރާއިން، ހޯދާފައިވާ ނަތީޖާ އިން ދައްކައިދެނީ ފެންވަރު ރަނގަޅު މަތީ ތައުލީމް ދިނުމަށް އަޅުގަނޑުމެން ގެންގުޅޭ ޝާމިލު ވިސްނުމާއި، ޒިންމާދާރު "ގްލޯބަލް  ސިޓިޒަންސް" ބިނާކުރުމަށް އަޅުގަނޑުމެންގެ ހުރި ވިސްނުން، އަދި އިސްކަންދޭ މިންވަރު."

މިއީ މުޅި ރާއްޖެއަށް ލިބުނު ކާމިޔާބީއެއް

މި ކާމިޔާބީއަކީ ހަމައެކަނި ވިލާ ކޮލެޖަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށް ވިލާ ކޮލެޖުން ފާހަގަ ކުރެއެވެ. މިއީ ޤައުމަށް ލިބިގެންދާ ފަޚުރެކެވެ. ވިލާ ކޮލެޖު މި ރޭންކިންގްސްގައި ހިމެނުމުން، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ ފެންވަރާއި، ކުރިއެރުމަށް އޮތް ފުރުޞަތުތައް ވަރަށް ބޮޑަށް ހާމަވެގެންދާނެއެވެ.

މިކަމާ ގުޅިގެން ވިލާ ކޮލެޖްގެ ރެކްޓަރ، ޑރ. އަޙުމަދު އަންވަރު ވިދާޅުވީ:

"ޓީ.އެޗް.އީ އިމްޕެކްޓް ރޭންކިންގްސްގައި ރޭންކް ކުރެވުމަކީ ހަމައެކަނި ވިލާ ކޮލެޖް އެއް ނޫން، މުޅި ޤައުމަށްވެސް ލިބުނު ފަޚުރުވެރި ރީތި ނަމެއް. މިފަދަ ޝަރަފެއް ހޯދި ރާއްޖޭގެ ފުރަތަމަ މުއައްސަސާއަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ދުނިޔެއަށާއި ގައުމަށް ފައިދާހުރި ފެންވަރު ރަނގަޅު ތަޢުލީމެއް ފޯރުކޮށްދިނުމުގައި ނަމޫނާއެއްގެ ގޮތުގައި އިސްވެ، މަސައްކަތް ކުރުމުގެ ޢަޒުމުގައި އަޅުގަނޑުމެން އަބަދުވެސް ދެމިތިބޭނެ" ކަމަށެވެ.

ވިލާ ކޮލެޖުން ބުނީ، ޓައިމްސް ހަޔަރ އެޑިއުކޭޝަން (THE) އިމްޕެކްޓް ރޭންކިންގްސްގެ މި ނަތީޖާ އަކީ ވިލާ ކޮލެޖުގެ ދަރިވަރުންނާއި ވިލާ ކޮލެޖާއި ގުޅެންތިބި ދަރިވަރުންނަށް، ވިލާ ކޮލެޖުން ފޯރުކޮށްދޭ ތަޢުލީމުގެ ފެންވަރާއިމެދު، އިތުރަށް ޔަޤީންކަން ލިބިގެންދާނޭ ނަތީޖާއެއް ކަމަށެވެ.

ވިލާ ކޮލެޖުން ކަށަވަރުކޮށްދެނީ،  ވިލާ ކޮލެޖަކީ ދަރިވަރުންނަށް، ދުނިޔޭގެ ގޮންޖެހުންތަކާ ކުރިމަތިލައި، މުޖުތަމަޢަށް ފައިދާހުރި ގޮތެއްގައި ޙިއްސާވުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި، ވިސްނުން ފޯރުކޮށްދޭ ތަނެއްގެ ގޮތުގައި އަބަދުވެސް ދެމި ތިބޭނެ ކަމަށެވެ. މުޖުތަމަޢުގެ ބައިވެރިވުމާއި، އިންޑަސްޓްރީގެ އެއްބާރުލުމާއިއެކު ވިލާ ކޮލެޖުގެ ދަރިވަރުންނަކީ ދުނިޔެއަށް ލޯ ހުޅުވިފައިވާ، މުސްތަޤުބަލަށް ތައްޔާރުކުރެވޭ ބައެއްގެ ގޮތުގައި ހެދުމަށް އަބަދުވެސް މަސައްކަތްކުރާނޭ ކަމުގެ ޔަޤީންކަން ވިލާކޮލެޖުން ދެއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *