އޭނާ ބޭނުންވަނީ ކިޔަވައިދެއްވި މުދައްރިސުންގެ އަގުވަޒަންކުރަން މުދައްރިސަކަށް ވާން
ފާއިތުވި 2023-2024 ވަނަ އަހަރު ތާޖުއްދީން ސްކޫލުން އެންމެ މޮޅު ދަރިވަރަކީ އައިޝަތު ރާޔާ އަލީއެވެ. 2ވަނަ ދަރިވަރަކީ އައިޝަތު ލައުހާ ޝަހީމެވެ. 3ވަނަ ދަރިވަރަކީ އަލްޔާ މުޙައްމަދު ޝާހިދެވެ.
ފާއިތުވި ދިރާސީ އަހަރުގެ ތާޖުއްދީން ސްކޫލުގެ އިނާމް ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށް ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. މި ޖަލްސާގައި 77 ދަރިވަރުންނަށް އެކި ވަނަތައް ލިބިފައިވެއެވެ.

ފާއިތުވި ދިރާސީ އަހަރު ސާނަވީ ނިންމާ އިމްތިޙާނުތަކުން ރަނގަޅު ނަތީޖާއެއް ތާޖުއްދީން ސްކޫލުން ހޯދިއެވެ. އެ ސްކޫލުގެ 24 ދަރިވަރުން ޤައުމީ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އަދި ތިން ދަރިވަރުން ކެމްބްރިޖްގެ އިނގިރޭސި މާއްދާއިން ދުނިޔެ އާއި ރާއްޖޭގެ ގަދަ ދިހައެއްގައި ހިމެނިފައިވެއެވެ. އެއީ، އާލް ބިން އަސްލަމް އަބްދުﷲ އާއި އަލީ މަޝްޢަލް ރަޝީދު އާއި އަލްޔާ މުޙައްމަދު ޝާހިދެވެ.
ރާޔާ ބޭނުންވަނީ މުދައްރިސުންގެ އަގުވަޒަން ކުރަން މުދައްރިސަކަށް ވާން
ތާޖުއްދީން ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް ހޮވުނު ރާޔާއަކީ ފާއިތުވި އަހަރު އެ ސްކޫލުގެ ކެޕްޓަނެވެ. ސާނަވީ ނިންމާ އިމްތިޙާނުތަކުން ޤައުމީ ގަދަ ދިހައެއްގެ 5ވަނަ އޭނާއަށް ލިބިފައިވެއެވެ.
ދަރިވަރު ނޫހަށް ރާޔާ ބުނީ، ތާޖުއްދީން ސްކޫލުގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ހޯދަން އޭނާ އަޒުމް ކަނޑައެޅީ ގުރޭޑް 5 ގައި ކިޔަވަމުންދިޔަ އަހަރު ބޭއްވި އިނާމް ދިނުމުގެ ޖަލްސާގައި އިނދެގެން ކަމަށެވެ. އެ އަޒުމް ހިތުގައި ބިންވަޅުނަގައި، ގުރޭޑް އަށަކަށް ދެވުމާއެކު މަސައްކަތް ފެށީ ސްކޫލުގެ ކެޕްޓަނަށް ވުމަށެވެ.

"ސްކޫލްގެ ކެޕްޓަނަށް ވުމަކީ އެއީ އެންމެ މޮޅު ދަރިވަރަށް ވުމަށް ކޮށޭ މަގެއް. އެކަން ކުރުމަށް ގިނަ ހަރަކާތްތަކުގައި ބައިވެރިވެ ގިނަ ދަރިވަރުންނާ ގާތް ގުޅުމެއް އުފައްދައި އެ ދަރިވަރުންގެ އިތުބާރު ހޯދީ" ރާޔާ ބުންޏެވެ.
ރާޔާ ބުނީ، ކެޕްޓަންކަމުގެ އެ ޒިންމާ އޭނާއާ ހަވާލުވީ ދަރިވަރުންގެ ވޯޓް ލިބިގެން ކަމަށާއި އެއީ ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
އަދަބީ ހަރަކާތްތަކާއި ކުޅިވަރުގައި ވެސް ނަންހިނގާ ރާޔާއަކީ ގާލްގައިޑްގައި ވެސް ލީޑަރެކެވެ.
ރާޔާ ބުނީ، ސާނަވީގައި ލިބުނު ނަތީޖާއަށްބަލައި، މަތީ ސާނަވީގައި ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ބޭނުންވަނީ ސްކޮލަރޝިޕް ހޯދައިގެން ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގައި ކިޔެވުމެވެ.

ރާޔާއަށް ކިޔަވަން ފަސޭހައީ އެހެން ކުދިންނަށް ކިޔައިދީގެންނެވެ. އެކުގައި އުޅޭ ކުދިންނާއި އެއްޗެއް އޮޅުން ފިލުވަން ބޭނުންވާ ކޮންމެ ކުއްޖަކަށް އެ ފުރުޞަތު ރާޔާ އޮތީ ހުޅުވާދީފައެވެ. އެ ފުރުޞަތުގެ ބޭނުން އެތައް ކުދިންނެއް ހިފިއެވެ. މިހާރު ވެސް އޭނާ އަންނަނީ ކުދިންތަކަށް ޓިއުޝަން ދެމުންނެވެ. އެއީ އޭނާގެ ހިތުގައި މުދައްސުންނަށް އޮތް ލޯބި ދައްކުވައިދޭ ރަމްޒެއްގެ ގޮތުން ވެސް މެއެވެ.
"ކުއްޖަކަށް އެއްޗެއް ކިޔައިދެވުނީމާ އެއީ އަމިއްލަ ނަފުސަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. ބޮޑު އުފަލެއް"
ރާޔާ ބޭނުންވަނީ މުދައްރިސަކަށް ވާށެވެ. ބައޮލޮޖީއާއި ކެމިސްޓްރީ ކިޔަވައިދޭ ނަމޫނާ މުދައްރިސަކަށް ވާށެވެ. ސަބަބަކީ އޭނާއަށް ކިޔަވައިދެއްވި މުދައްރިސުން އެ ކުރާ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
"އަޅުގަނޑަށް މުދައްރިސުންގެ ފަރާތުން ފެންނަނީ ނަމޫނާ. އަޅުގަނޑުގެ ކޮންމެ ކަމެއްގައި ވަށިގެން ތިބީ މުދައްރިސުން. އަޅުގަނޑުމެން މީހުންނަށް ހަދައިދެނީ އެ މުދައްރިސުން" ރާޔާ ބުންޏެވެ.

ރާޔާ ބުނީ، އޭނާއަށް ނަމޫނާއަކަށް ފެންނަނީ ތާޖުއްދީން ސްކޫލުގެ ޕްރިންސިޕަލާއި ޑެޕިއުޓީ ޕްރިންސިޕަލެވެ. އާދައިގެ މުދައްރިސެއްގެ ގޮތުގައި ޚިދުމަތް ފައްޓަވައި މިއަދު އެއީ ޒިންމާދާރު ކަމާއެކު އެތައް ބަޔަކަށް އިލްމް އުނގަންނައި ދޭން ބުރަ މަސައްކަތްތަކެއް ރެއާއި ދުވާލު ކުރައްވަމުން ގެންދަވާ އޭނާގެ "އާރުކާޓީން" ކަމަށް ރާޔާ ބުންޏެވެ.
ރާޔާ ބޭނުންވަނީ ބައޮލޮޖީއާއި ކެމިސްޓްރީން މޮޅު މުދައްރިސަކަށް ވުމެވެ. އަދި ތާޖުއްދީން ސްކޫލުން ކިޔަވައިގެން އެ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދޭން ނުކުންނަ ދުވަސް އޭނާ ދެކެން ބޭނުމެވެ. އެއީ އޭނާ ކުރާ އުއްމީދެކެވެ.
ރާޔާ ބުނީ، އޭނާގެ ކާމިޔާބީގައި ކިޔަވައިދެއްވި ހުރިހާ މުދައްރިސުން ޝާމިލުވާއިރު، މަންމައާއި ބައްޕަގެ އެހީއާއި މަދަދު އިންތިހާއަށް ލިބުނު ކަމަށެވެ.

"މަންމައާއި ބައްޕަ އަދި ދޮންތަގެ އެހީއާ ނުލައި މި ކާމިޔާބީއެއް ނުލިބޭނެ" އާއިލާގެ ވާހަކަ ރާޔާ ފާހަގަކުރީ ޝުކުރުވެރިކަމާއެކުގައެވެ.
ކިޔަވާ ކުދިންނަށް ރާޔާ ދިން ނަސޭހަތަކީ މިއެވެ. "ކޮންމެ ކުއްޖެއްގެ ކެޕޭސިޓީ ދެނެގަންނާށެވެ. ކުރާ ހިތްވާ، ޤާބިލިއްޔަތު ހުރި ކަމަކާއިގެން ކުރިއަށް ދާށެވެ"
advertisment
ހިޔާލު