އއ. މަތިވެރީގައި ފުރަތަމަ ޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދަށް މަތިވެރީގެ ރައްޔިތުން ނިކުމެ ރަތް ދޫލައިގެ ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
ޤުރުއާން ހިތުދަސްކޮށް ޙާފިޡް ކަމުގެ ސަނަދު 13 އަހަރުގެ މުޠީޢު ހޯދީ އެއްވަނަ ދަރަޖައިގައި ފާސްވެގެންނެވެ.

ޙާފިޠްކަމުގެ ސަނަދު ހިފައިގެން މުޠީޢު ރަށަށް ދިޔައީ ހޯމަ ދުވަހު ހަވީރުއެވެ. ރަށަށް ފޭބުމާއެކު ބަނދަރު މައްޗަށް އެއްވެތިބި އެ ރަށުގެ ކުދިބޮޑު އެންމެންގެ މޫނުމަތިން ފެނުނީ އެމީހުންގެ އުއްމީދު އޭނާ ހާޞިލްކޮށްދިން ކަމުގެ އުފާވެރި އިހުސާސެވެ. އެ އުފަލުގައި އެންމެން މުޠީޢުއާއެކު ބައިވެރިވީ ހަވީރުގެ ސަޔަކާއެކުގައެވެ. އަދި ގިނަ ބަޔަކު ވަނީ އޭނާއާއެކު ފޯޓޮވެސް ނަގާފައެވެ.
މަތީވެރީ ކައުންސިލުން ވަނީ އެރަށުން ޤުރުއާން ހިތުދަސްކުރާ ކުދިންނަށް 50،000 ރުފިޔާގެ އިނާމެއް ވެސް ހުށައަޅާފައެވެ. އެ އިނާމުގެ ލިބޭ ފުރަތަމަ ފަރާތަކަށް ވީ ވެސް މުޠީޢުއެވެ. މުޠީޢުގެ އިތުރުން އެރަށު އެހެން ކުއްޖަކު ވެސް ވަނީ ޤުރްއާން ހިތުދަސްކޮށްފައެވެ. މިހާރު ކުރިއަށް ދަނީ މުރާޖައާ ކުރުމުގެ މަރުހަލާއެވެ.

މުޠީޢު ޤުރްއާން ހިތުދަސްކުރީ 10 އަހަރުގައި
މުޠީޢުގެ މަންމަ ނަދީމާ މޫސާ ދަރިވަރު ނޫހަށް ކުރިން ބުނީ، އޭނާގެ ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދޭން މަސައްކަތް ފެށީ ޔޫކޭޖީގައި ދަރިފުޅު ކިޔަވަމުން ދިޔަ ދުވަސްވަރުގައި ކަމަށެވެ. އޭގެ ފަހުން، އެރަށުގައި ހިންގާ ބަޝާރަތުލް ޤުރުއާން ކުލާހަށް ވައްދައިގެން އެތަނުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކަމަށާއި ދިހަ އަހަރުވިއިރު ޤުރުއާން އެކީ ހިތުދަސްކޮށް ނިންމާފައިވާ ކަމަށެވެ.
ނަދީމާ ބުނީ، 2017 ވަނަ އަހަރު އެ ކުލާހުގައި ހިފްޒްކުރަން ފަށައި 2019 ވަނަ އަހަރު ޤުރުއާން އެކީ ހިތުދަސްކޮށް ނިންމި ކަމަށެވެ. ޤުރުއާން ކުލާހުގައި ހިފްޒްކޮށްދޭން ފެށީ ޕާކިސްތާނުގެ ހާފިޒެއް ކަމަށާއި އޭނާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް މުޠީއުއަށް ލިބުނު ކަމަށް ވެސް ނަދީމާ ބުންޏެވެ.

"ޤުރުއާން ހިތުދަސްކޮށްފައި، ދެ އަހަރު މުރާޖައާގައި ހޭދަކުރީ. އެ ދެ އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ފޮތެއް ކިޔައިދެމުން ގެންދިޔައީ" ނަދީމާ ބުންޏެވެ.
ނަދީމާ ބުނީ، ޤުރުއާން ހިތުދަސްކުރަމުން ދިޔައިރު އާންމުކޮށް ކޮންމެ ދުވަހަކުވެސް މަދުވެގެން ސަފްޙާއެއް ދަސްކުރާ ކަމަށެވެ.

ރަށު ޤުރުއާން ކުލާހުން މުރާޖައާ ކުރުމަށްފަހު، މާލެއައިސް ޤުރުއާނާ ބެހޭ މަރުކަޒުގެ މުރާޖައާ ކުލާހުގައި މުޠީއު ބައިވެރިވިއެވެ. އެ ކުލާހުން ފާސްވެ، ހާފިޒު ކަމުގެ އިމްތިހާނުން ފާސްވީ ވެސް އެއްވަނަ ދަރަޖައިގައެވެ.
މަތިވެރީ ސްކޫލުގެ ގުރޭޑް 8ގައި މިހާރު ކިޔަވަމުން އަންނަ މުޠީއު ހޯދީ މުޅިރަށަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ. މަތިވެރީގެ ފުރަތަމަ ހާފިޒަށް އޭނާ ވުމުން އާއިލާއާއި ރައްޔިތުން ތިބީ އުފަލުންނެވެ.
"ދަރިފުޅު ހާފިޒަކަށްވުމަކީ އެއީ މުޅި އާއިލާއަށާއި ރަށަށް ލިބުނު އުފަލެއް އަދި ފަޚުރެއް. އަޅުގަނޑު ދެކެމުން އައި ހުވަފެނުގައި ދަރިފުޅު އެވަނީ ކުލަޖައްސާދީފައި. އެކަން ހާޞިލް ކުރަން އޭނާ ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް ވެފައި. އެއީ ﷲ ދެއްވި ބޮޑު ނިއުމަތެއް" ދަރިފުޅު ކުރި މަސައްކަތަށް ނަދީމާ ތައުރީފު ކުރިއެވެ.

އަންގާރަ ދުވަހަކީ މަތީވެރީއަށް މަތިވެރިކަމެއް ލިބުނު ދުވަހެކެވެ. އެރަށު ރައްޔިތުން ތިބީ މުޠީޢު ހޯދައިދިން ފަޚުރާއެކު އެފަދަ އެތަކެއް ކުދިން ދެކެން ކެތްމަދުވެފައެވެ.
advertisment
ހިޔާލު