މަތިވެރީގެ ފުރަތަމަ ހާފިޒަކަށް 13 އަހަރުގެ މުޠީއު

އއ. މަތިވެރީގެ ފުރަތަމަ ހާފިޒަކީ 13 އަހަރުގެ އިބްރާހީމް މުޠީޢު މުޙައްމަދެވެ. ޤުރުއާން ހިތު ދަސްކޮށް ނިންމައި، ހާފިޒުކަމުގެ އިމްތިހާނުން އޭނާ ފާސްވީ އެއްވަނަ ދަރަޖައިގައެވެ.

އެއްވަނަ ދަރަޖައިގައި ފާސްވެ ފާހަގަކޮށްލެވޭ ނަތީއާއެއް ޙާޞިލްކޮށްފައިވާތީވެ ހިތްވަރުދިނުމުގެ ގޮތުން މުޠީޢު އާއި އޭނާގެ އާއިލާ އާ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ މިއަދު ބައްދަލުކުރައްވާފައެވެ.

މަތިވެރީގައި ހާފިޒުން އުފެއްދުމުގެ މަޤްޞަދުގައި، ޤުރުއާން ހިތުދަސްކޮށް ހާފިޒު ކަމުގެ ސަނަދު ހޯދާ މަތިވެރީގެ ކޮންމެ ކުއްޖަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް އެރަށު ކައުންސިލުން ވަނީ ހުށައަޅާފައެވެ. އެ އިނާމް ލިބޭ ފުރަތަމަ ކުއްޖަކީ މުޠީޢުއެވެ.

މުޠީޢުގެ މަންމަ ނަދީމާ މޫސާ ދަރިވަރު ނޫހަށް މިރޭ ބުނީ، ދަރިފުޅަށް ޤުރުއާން ހިތުދަސްކޮށްދޭން އޭނާ މަސައްކަތް ފެށީ ޔޫކޭޖީގައި ދަރިފުޅު ކިޔަވަމުން ދިޔަ ދުވަސްވަރުގައި ކަމަށެވެ. އޭގެ ފަހުން، އެރަށުގައި ހިންގާ ބަޝާރަތުލް ޤުރުއާން ކުލާހަށް ވައްދައިގެން އެތަނުން ޤުރުއާން ހިތުދަސްކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ކަމަށާއި ދިހަ އަހަރުވިއިރު ޤުރުއާން އެކީ ހިތުދަސްކޮށް ނިންމާފައިވާ ކަމަށެވެ.

ނަދީމާ ބުނީ، 2017 ވަނަ އަހަރު އެ ކުލާހުގައި ހިފްޒްކުރަން ފަށައި 2019 ވަނަ އަހަރު ޤުރުއާން އެކީ ހިތުދަސްކޮށް ނިންމި ކަމަށެވެ. ޤުރުއާން ކުލާހުގައި ހިފްޒްކޮށްދޭން ފެށީ ޕާކިސްތާނުގެ ހާފިޒެއް ކަމަށާއި އޭނާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް މުޠީއުއަށް ލިބުނު ކަމަށް ވެސް ނަދީމާ ބުންޏެވެ.

"ޤުރުއާން ހިތުދަސްކޮށްފައި، ދެ އަހަރު މުރާޖައާގައި ހޭދަކުރީ. އެ ދެ އަހަރުގެ ތެރޭގައި ކޮންމެ ދުވަހަކު ފޮތެއް ކިޔައިދެމުން ގެންދިޔައީ" ނަދީމާ ބުންޏެވެ.

ނަދީމާ ބުނީ، ޤުރުއާން ހިތުދަސްކުރަމުން ދިޔައިރު އާންމުކޮށް ކޮންމެ ދުވަހަކުވެސް މަދުވެގެން ސަފްޙާއެއް ދަސްކުރާ ކަމަށެވެ.

ރަށު ޤުރުއާން ކުލާހުން މުރާޖައާ ކުރުމަށްފަހު، މާލެއައިސް ޤުރުއާނާ ބެހޭ މަރުކަޒުގެ މުރާޖައާ ކުލާހުގައި މުޠީއު ބައިވެރިވިއެވެ. އެ ކުލާހުން ފާސްވެ، ހާފިޒު ކަމުގެ އިމްތިހާނުން ފާސްވީ ވެސް އެއްވަނަ ދަރަޖައިގައެވެ.

މަތިވެރީ ސްކޫލުގެ ގުރޭޑް 8ގައި މިހާރު ކިޔަވަމުން އަންނަ މުޠީއު ހޯދީ މުޅިރަށަށް ބޮޑު ފަޚުރަކާއި ޝަރަފެކެވެ. މަތިވެރީގެ ފުރަތަމަ ހާފިޒަށް އޭނާ ވުމުން އާއިލާއާއި ރައްޔިތުން ތިބީ އުފަލުންނެވެ.

"ދަރިފުޅު ހާފިޒަކަށްވުމަކީ އެއީ މުޅި އާއިލާއަށާއި ރަށަށް ލިބުނު އުފަލެއް އަދި ފަޚުރެއް. އަޅުގަނޑު ދެކެމުން އައި ހުވަފެނުގައި ދަރިފުޅު އެވަނީ ކުލަޖައްސާދީފައި. އެކަން ހާޞިލް ކުރަން އޭނާ ވަނީ ވަރަށް ބޮޑު ޤުރުބާނީއެއް ވެފައި. އެއީ ﷲ ދެއްވި ބޮޑު ނިއުމަތެއް" ދަރިފުޅު ކުރި މަސައްކަތަށް ނަދީމާ ތައުރީފު ކުރިއެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *