ގާލްގައިޑުންގެ ޒުވާން ލީޑަރުންނަށް ދިވެހި ނަރުހުންގެ ޖަމިއްޔާއިން ސްކޮލަރޝިޕެއް ތައާރަފުކޮށްފި

ފަސް އަހަރު ދުވަހުގެ އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖްގައި ނަރސިންގެ ދާއިރާއިން ޑިޕްލޮމާ ފެންވަރަށް ކިޔަވަން ކޮންމެ އަހަރަކު ސްކޮލަރޝިޕެއް ދޭނެ

ގާލްގައިޑުންގެ ޒުވާން ލީޑަރުންނަށް ދިވެހި ނަރުހުންގެ ޖަމިއްޔާއިން ސްކޮލަރޝިޕެއް ތައާރަފުކޮށްފިއެވެ.

ޑިޕްލޮމާ ފެންވަރަށް ނަރުހުން ތަމްރީނު ކުރުމަށް ފަސް އަހަރު ދުވަހުގެ މުއްދަތަށް މި ސްކޮލަރޝިޕް  ކުރިއަށް ގެންދަން ގާލްގައިޑްސް އެސޯސީއޭޝަނާ އެކު ދިވެހި ނަރުހުންގެ ޖަމިއްޔާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހާ ގުޅިގެން މިއަހަރުގެ ސްކޮލަރޝިޕް އިޢުލާނުކޮށްފައިވާއިރު، މި ސްކޮލަރޝިޕް ގެ ދަށުން ކިޔަވަން ފަށާނީ އަންނަ އަހަރުގެ މެއި އިންޓޭކުގައެވެ. މި ސްކޮލަރޝިޕްގެ ދަށުން ދޭނީ ހަމައެކަނި ޓިއުޝަންފީއެވެ.

ގާލްގައިޑްސް އެސޯސިއޭޝަނުން ބުނީ، ދިވެހި ނަރުހުންގެ ޖަމިއްޔާއިން މި ސްކޮލަރޝިޕް ތަޢާރަފު ކުރީ، ޒުވާނުން ބާރުވެރިކުރުވުމަށާއި، މުޖުތަމަޢުގެ ޚިދުމަތުގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަކޮށް އަގު ވަޒަންކުރުމުގެ މަޤްޞަދުގައި ކަމަށެވެ.

އެ އެސޯސިއޭޝަނުން ބުނީ، ޢާންމު ޞިއްޙަތާއި، ޒުވާނުންގެ ތަރައްޤީއާއި "އަހަރީ ޢީދު ޕްރޮޖެކްޓް" ފަދަ މުހިންމު ޕްރޮޖެކްޓްތައް އެ ޖަމިއްޔާގެ ރިހި ޔޫބީލް ފަހަނައަޅައި ދިޔައިރު ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެ އެސޯސީއޭޝަނުން ކުރަމުން އަންނަ ޚިދުމަތްތަކަށް ބަލައިލާއިރު، ޚާއްޞަކޮށް ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކުރުވުމާއި، އިންކްލޫސިވިޓީ އާއި، ޞިއްޙީ ލިޓްރަސީ ފަދަ ދާއިރާތަކުން، ކުރަމުން ގެންދާ މަސައްކަތްތައް، ބަލައިގަނެ ސްކޮލަރޝިޕެއް ތަޢާރަފު ކުރެވުމަކީ ލިބޭ ޝަރަފެއް ކަމަށެވެ.

އަދި މި ސްކޮލަރޝިޕަކީ، ޞިއްޙީ ޚިދުމަތުގެ ޒަރިއްޔާއިން އެހެން މީހުންގެ ދިރިއުޅުމަށް ހެޔޮ އަސަރެއް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދީ، ފަރުދީ ގޮތުންނާއި ޕްރޮފެޝަނަލްގޮތުން ދިވެހިރާއްޖޭގެ ގާލްގައިޑުންގެ ހަރަކާތްތަކުގައި މަސައްކަތް ކުރާ ޒުވާން ލީޑަރުންގެ ކުރިމަގަށް ލިބިގެންދާ ވަރަށް ބޮޑު ފުރުސަތެއް ކަމަށް އެ އެސޯސިއޭޝަނުން ދެކެއެވެ.

ދިވެހި ނަރުހުންގެ ޖަމްޢިއްޔާއިން ޒުވާނުންގެ ޤާބިލުކަން ބަލައިގަނެ، ކުރިއަށް އޮތް ޖީލުތަކުގެ ސިއްޙަތު ބަލަހައްޓާ ފަރާތްތަކާއި މުޖުތަމަޢުގެ މަންފާއަށް އިންވެސްޓްކުރާ ކަމަށްޓަކައި ގާލްގައިޑްސް އެސޯސިއޭޝަނުން ވަނީ ދިވެހި ނަރުހުންގެ ޖަމްޢިއްޔާޝުކުރު އަދާކޮށްފައެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *