ކޮލިޓީ މެނޭޖްމަންޓާއި އެޑިޔުކޭޝަން އޯގަނައިޒޭޝަން މެނޭޖްމަންޓް ދާއިރާއިން އައިޔޫއެމްއަށް އައިއެސްއޯ ސެޓްފިކެޓް

ކޮލިޓީ މެނޭޖްމަންޓް ސިސްޓަމްސް (ކިއުއެމްއެސް) އާއި އެޑިޔުކޭޝަން އޯގަނައިޒޭޝަން މެނޭޖްމަންޓް (އީއޯއެމްއެސް)ގެ ދާއިރާއިން ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ (އައިޔޫއެމް)އަށް އައިއެސްއޯ ސެޓްފިކެޓް ލިބިއްޖެއެވެ.

އައިއެސްއޯ 9001 ސެޓްފިކެޓް (ކިއުއެމްއެސް) އިން އައިޔޫއެމްއަށް ލިބުނީ، އައިޔޫއެމްގެ ޕްރޮސެސްތައް ދަރިވަރުންނާއި ސްޓޭކްހޯލްޑަރުންގެ އުއްމީދުތައް ދެމެހެއްޓެނިވި ގޮތެއްގައި ފުއްދައިދިނުމާއި، ފެންވަރު ދެމެހެއްޓުމަށް މަސައްކަތް ކުރަމުންދާތީއެވެ.

އައިއެސްއޯ 21001 ސެޓްފިކެޓް (އީއޯއެމްއެސް) އިން އައިޔޫއެމްއަށް ލިބުނީ، ދަރިވަރުންގެ އުނގެނުމުގެ ތަޖުރިބާއާއި، އިންސްޓިޓިއުޝަނަލް މެނޭޖްމަންޓާއި، ތަޢުލީމީ ޚިދުމަތްތައް ރަނގަޅުކޮށްދޭ ފެންވަރު ރަނގަޅު ތަޢުލީމީ މެނޭޖްމަންޓް ސިސްޓަމްތައް ފޯރުކޮށްދިނުމަށް އެ ޔުނިވަރސިޓީން ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބަލައިގެންނެވެ.

މި ދެ ދާއިރާއިން އައިއެސްއޯ ސެޓްފިކެޓް ލިބުމާ ގުޅިގެން އެކަމް ފާހަގަކުރަން އައިޔޫއެމްއިން ވަނީ އެކަން އިއުލާން ކުރަން މިއަދު ޚާއްޞަ ބައްދަލުވުމެއް ބާއްވާއެވެ.

މި ބައްދަލުކުރެއްވުމުގައި އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރު ބިން ޤާސިމް ވިދާޅުވީ، އިސްލާމިކް ޔުނިވަރސިޓީގެ ހިންގުމާ ހަވާލި ދުވަހުން ފެށިގެން އިންޓަރނޭޝަނަލް ސްޓޭންޑަޑް ޤާއިމް ކުރުމަށްޓަކައި މަސައްކަތް ކުރެއްވި ކަމަށާއި ދެ ދާއިރާއިން އައިއެސްއޯ ސެޓްފިކެޓް ލިބިވަޑައިގެންނެވީ، އެ ޔުނިވަރސިޓީގެ ތަޞައްވަރުގައި އެކަން ހިމަނައިގެން ކުރައްވަމުން ގެންދެވި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ހިންގުން ހަރުދަނާކުރުމަށާއި ޔުނިވަރސިޓީން ދޭ ޚިދުމަތްތައް ފުޅާކުރުމާއި ދޭ ޚިދުމަތްތައް ފަހިކޮށް ރަނގަޅު ކުރުމަށްޓަކައި މުޅި ޔުނިވަރސިޓީގެ ހުރިހާ މުވައްޒަފުން އެއްރޫހެއްގައި މަސައްކަތް ކުރަމުން ގޮސް އައިއެސްއޯ ސެޓްފިކެޓް ލިބުމަކީ ވަރަށް ބޮޑު އުފަލަކާއި ޝަރަފެއް ކަމަށް ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގައި، ހައި އެޑިޔުކޭޝަން ފޯރުކޮށްދޭ މުއައްސަސާތަކުގެ ތެރެއިން އެންމެ ފުރަތަމަ އައިއެސްއޯ 21001 ސްޓްފިކެޓް ޙާޞިލް ކުރި ތަނަކަށް އައިޔޫއެމް ވުމަކީ އެ ޔުނިވަރސިޓީއަށް ނިސްބަތްވާ އެންމެން އުފާކުރާނެ ކަމެއް. މި މަސައްކަތް ކުރިއަށް ގެންދިއުކަށް މުވައްޒާފުން ކުރި މަސައްކަތަށް ޝުކުރުއަދާކުރަން" ޑރ. އަލީ ޒާހިރު ވިދާޅުވިއެވެ.

އައިޔޫއެމްގެ ކޮލިޓީ އެސުއަރެންސް ކޮންޓްރޯލަރު، އައިޝަތު ޝިފާ ވިދާޅުވީ، ކޮލިޓީ މެނޭޖްމަންޓް ސިސްޓަމް އައިއެސްއޯ 9001 ގެ ސެޓްފިކެޓް ލިބުމުން، އައިޔޫއެމްގައި ޤާއިމްކޮށްފައިވާ ތައުލީމީ ނިޒާމަކީ ފެންވަރު ރަނގަޅު ކޮލިޓީ އަދި ބެސްޓް ޕްރެކްޓިސްއަށް ފެތޭ ނިޒާމެއްކަން ކަށަވަރުކޮށްދޭ ކަމަށެވެ. އައިއެސްއޯ 21001 ސެޓްފިކެޓަކީ ހަޔަރ އެޑިޔުކޭޝަން އިންސްޓިޓިއުޝަންތަކަށް އަމާޒުކޮށްދޭ ސެޓްފިކެޓަކަށްވާއިރު، އެ ސެޓްފިކެޓް ލިބުމުން އައިޔޫއެމްއިން ފޯރުކޮށްދޭ ޚިދުމަތްތައް އިންޓަރނޭޝަނަލް ލެވެލްގައި ބަލައިގަނެވޭކަން އޭނާ ފާަހަގަކުރެއްވިއެވެ.

ޑރ. އަލީ ޒާހިރު ވިދާޅުވީ، އިތުރު ދާއިރާތަކުން އައިއެސްއޯގެ މިންގަނޑުތަކަށް ޚިދުމަތް ފޯރުކޮށްދީ އިތުރު ސެޓްފިކެޓް ހޯއްދަވަން އެ ޔުނިވަރސިޓީން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *