އޮއްޓަރު ހުރި ޖީލެއް ބިނާކުރަން ސްކޫލްތައް ވާންޖެހޭނީ އަމާން ރައްކާތެރި އުފާވެރި ތަނަކަށް

އޮއްޓަރު ހުރި ޖީލެއް ބިނާކުރަން އަމާން ރައްކާތެރި އުފާވެރި ތަނަކަށް ސްކޫލް ވާންޖެހޭ ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހާ ގުޅުވައިގެން ދެއްވި ޚިޠާބުގައި ތަޢުލީދާއިރާއިން އެމަނިކުފާނު ކުރެއްވި އިލްތިމާސްގައި ވިދާޅުވީ " ކޮންމެ ސްކޫލެއް ވާން އެބަޖެހެއޭ ރައްކާތެރި ސްކޫލަކަށް. އަމާން ސްކޫލަކަށް. އަދި ކޮންމެ ސްކޫލެއް ވާން އެބަޖެހެއޭ އުފާވެރި ސްކޫލަކަށް" ކަމަށެވެ.

އެކަން ހާޞިލް ކުރެވޭނީ، ދިވެހިރާއްޖޭގެ ހުރިހާ އެންމެން މުދައްރިސުންނާއި ރަށްރަށުގެ ކައުންސިލަރުންނާއި ބެލެނިވެރިންނާއި މިނިވަން މުއައްސަސާތަކުން އެންމެން ގުޅިގެން ކުރެވޭ މަސައްކަތުންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އެންމެން ގުޅިގެން ހެޔޮގޮތުގައި ކުރެވިއްޖެކަމުގައި ވަނީނަމަ އަޅުގަނޑުމެންނަށް ހޯދައި ދެވޭނީ ކުޑަކުދިންނަށް އުފާވެރި މުސްތަޤުބަލެއް. ބިނާވެގެން ދާނީ ޤައުމާއިގެން ކުރިއަށް ދާނެ އޮއްޓަރު ހުރި ޖީލެއް" ޑރ. އިސްމާއިލް ވިދާޅުވިއެވެ.

ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަކުރަނީ މުޅި ތައުލީމީ ދާއިރާ ޝާމިލުވާ ގޮތަށް އެޑިޔުކޭޝަން މިނިސްޓަރުގެ އިސްނެންގެވުމާއެކު، ސްކޫލްތައް ގުޅިގެންނެވެ.

ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތައް މާލެ ހިމެނޭ ސަރަހައްދުގެ ފަސް ސަރަހައްދެއްގައި މިއަދު ފާހަގަކުރާނެއެވެ.

ކުޑަކުދިންގެ ދުވަހުގެ ހަވީރުތައް ކުރިއަށް ގެންދަން ނިންމާފައި ވަނީ:

  • ހެންވޭރު ދަނޑު
  • ރަސްފަންނު
  • ސެންޓްރަލް ޕާކް
  • ވިލިމާލެ
  • ޖުމްހޫރީމައިދާން

އެ މިނިސްޓްރީން ބުނީ، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ވެސް ކުޑަކުދިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށާއި އޭގެތެރޭގައި ސްކޫލްތަކުގައި ބޭއްވޭ ޚާއްޞަ އެސަމްބްލީތަކާއި އެހެނިހެން ހަރަކާތްތައް ހިމެނޭ ކަމަށެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދީންނަށް އެކުދިންގެ ޙައްޤުތަކާ ގުޅޭ މައުލޫމާތު ދީ، އެކުދިންނާމެދު ޤައުމީ ތަޞައްވުރު ކިޔައިދެވޭނެ ކަމަށެވެ. މި ހަރަކާތްތައް ރޭވިގެން ދާނީ ކުލާސްރޫމުގައި ދަރިވަރުން ކިޔަވާ ގަޑިތައް ނުގެންލޭނެ ގޮތަށެވެ.

ކުޑަކުދިންގެ ދުވަހުގެ މި އަހަރުގެ ޝިޔާރަކަށް އެޑިޔުކޭޝަނަ މިނިސްޓްރީން ކަނޑައަޅާފައި ވަނީ " މުސްތަގުބަލަށް ދަރިވަރުންގެ ޒިންމާ" އެވެ.

ހިޔާލު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *